އަލްޖަޒީރާގެ ސީނިއާ ނޫސްވެރިއެއް ސީރިއާގެ އެދުމުގެ މަތިން ޖަރުމަނުގައި ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފި އެވެ.

އަލްޖަޒީރާގެ އަރަބި ބަހުން ޚަބަރު ގެންނަ ބައިގައި މަސައްކަތްކުރާ އަހުމަދު މަންސޫރު ހައްޔަރުކޮށްފައި ވަނީ ޖަރުމަނުގެ ވެރިރަށް ބާލިން އިން ގަތަރަށް ދިއުމަށް ފްލައިޓަށް އަރަން އުޅެނިކޮށެވެ.

ޖަރުމަނުން ބުނީ އަލްޖަޒީރާގެ ނޫސްވެރިއާ ހައްޔަރުކުރުމަށް މިސްރުން ބައިނަލްއަގުވާމީ ނޯޓިސް އެއް ނެރެފައިވާ ކަމަށެވެ.

މިސްރުގެ ކައިރޯގެ ކޯޓަކުން ވަނީ މަންސޫރު މީހަކަށް އަނިޔާ ކުރިކަމަށް ބުނެ އޭނާގެ ޣައިރު ހާޒިރުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެހެންނަމަވެސް އަލްޖަޒީރާ އިން ބުނީ މަންސޫރުގެ މައްޗަށް ކުރާ ދައުވާ އަކީ ދޮގު ދައުވާ އެއް ކަމަށެވެ. އިނގިރޭސިވިލާތާއި މިސްރުގެ ޕާސްޕޯޓް ގެންގުޅޭ މަންސޫރު މާދަމާ ޖަރުމަނުގެ ކޯޓަކަށް ހާޒިރު ކުރާނެ ކަމަށް ޖަރުމަނުން ބުނެ އެވެ.

"އަހަރެން އަދިވެސް މިހިރީ ބާލިން އެއާޕޯޓްގައި ހައްޔަރުކޮށްފައި" ރޭގަ މަންސޫރު، 52 ކުރި ޓުވީޓެއްގައި ބުންޏެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ (ކ) އަދި ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކެލް -- ފޮޓޯ: އޭއެފްޕީ

މަންސޫރުގެ ވީޑިއޯ އިންޓަވިއުއެއްގައި ބުނެފައި ވަނީ ޖަރުމަނު ފަދަ ގައުމަކުން ޑިކްޓޭޓަރަކު ވެރިކަން ކުރާ މިސްރުގެ އެދުމަކަށް ތަބާވުމަކީ ޖޯކެއް ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ ވަނީ މިމަހު ކުރީކޮޅު ޖަރުމަނަށް ވަޑައިގެން އެގައުމުގެ ޗާންސެލާ އެންގެލާ މާކެލް އާއި ބައްދަލުކުރައްވައިފަ އެވެ.