ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހު އިބުރާހިމް އަހުމަދު މިއަދު ސަން އަށް ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އިންނާއި ދިރާގާއި އުރީދޫގެ އެސްއެމްއެސް މެދުވެރިކޮށާއި ބީއެމްއެލް އާއި އިސްލާމިކް ބޭންކުގެ އިތުރުން އެލައިޑް އިންޝުއަރެންސް އިން ޒަކާތް ބަލައިގަނަން މިއަދު ފަށާފައިވާ ކަމަށެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ޒަކާތް ބަލައިގަންނަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ދިރާގުން ޒަކާތް ދެއްކުމަށް ގުޅަން ޖެހޭ ނަމްބަރަކީ #123* އެވެ. އުރީދޫ އިން ޒަކާތް ދެއްކުމަށް ގުޅަންޖެހެނީ #909* އެވެ.

ބެންކްތަކަށް ޒަކާތް ދައްކަނީ އެ ބޭންކަކުން ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްގެންނެވެ.

ޒަކާތް ދައްކަން ޖެހޭ މިންވަރު:

  • އާދައިގެ ހަނޑޫ ނަމަ މީހަކަށް 12 ރުފިޔާ.

  • ތައިލެންޑް ހަނޑޫ ނަަމަ މީހަކަށް 50 ރުފިޔާ.
  • ބާސްމަތީ ހަނޑޫ ނަމަަ 75 ރުފިޔާ.

ޒަކާތު ފައިސާ ދޫކުރަން ނިންމާފައި ވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާއި 29 ވަނަ ދުވެހު އެވެ.

މި އަހަރު ފަގީރުންގެ ގޮތުގައި ނަން ނޯޓް ކުރުމަށް މި މަހުގެ 25 އިން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.