ދުނިޔެއަކީ ޙަޔާތް ތަޢުމީރް ކުރަން އޮތް ތަނެއް ނޫނެވެ. ދުނިޔެއަކީ އިމްތިޙާނުގެ ޖަގަހައެކެވެ. އެއް ލަފްޒުން އިސްލާމީ ތަޢުލީމް ބަޔާންކޮށްދޭ ނަމަ ބަޔާންކޮށްދެވެން އޮތް ގޮތަކީ މިއީ އެވެ.

ﷲ އިންސާނާ ހައްދަވައިފައި ވަނީ ތާއަބަދު ދިރިހުންނަ މަޚްލޫޤެއްގެ ގޮތުގައެވެ. ﷲ ދެ ދުނިޔެއެއް ހެއްދެވި އެވެ. އެއް ދުނިޔެއަކީ އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެ އެވެ. ދެވަނަ ދުނިޔެއަކީ މަރުވުމަށް ފަހު އަންނާން އޮތް ދުނިޔެ އެވެ. ﷲ މި ދުނިޔެ ހައްދަވައިފައި ވަނީ ވަގުތީ ތަނެއްގެ ގޮތުގަ އެވެ. މިތާނގައި އޮންނާނީ ހަމައެކަނި އިމްތިޙާނެވެ. އަންނާން އޮތް ދުނިޔެ އަކީ ދާއިމަށް ދެމި އޮންނާނޭ ދުނިޔެއެކެވެ. ހުރިހައި އުފަލަކާއި އަރާމެއް ލައްވަފައިފައި ވަނީ އެ ދުނިޔޭގަ އެވެ.

މި ދުނިޔޭގައި ކޮންމެ މީހަކުމެ އުޅެނީ އިމްތިޙާނެއްގެ ތެރޭގަ އެވެ. މިއީ މަންޒިލެއް ނޫނެވެ. މިއީ މަގެކެވެ. މި ދުނިޔޭގެ އިމްތިޙާނުން ފާސްވާ މީހުން މަރުވުމަށް ފަހު ދާނީ ދާއިމީ ސުވަރުގެއަށެވެ. މިދުނިޔޭގެ އިމްތިޙާނުން ފާސްނުވާ މީހުން މަރުވުމަށްފަހު ދާނީ ދާއިމީ ނަރަކައަށެވެ.

މި އިމްތިޙާނަކީ ކޮބައިތޯ އެވެ؟ އިމްތިޙާނަކީ މިނިވަންކަން ބޭނުންކުރާ ގޮތް ބެއްލެވުމުގެ އިމްތިޙާނެވެ. މި ދުނިޔޭގައި އިންސާނާއަކީ މިނިވަނެކެވެ. އެކަމަކު މި މިނިވަންކަމަކީ އިންސާނާގެ މިލްކެއް ނޫނެވެ. އެއީ އޭނާގެ އިމްތިޙާނުގެ ކަރުދާހެވެ. އޭނާގެ ދާއިމީ ކުރިމަގުގެ ނަތީޖާ ނުކުންނާނީ އެ އިމްތިޙާނު ކަރުދާހަށް އޭނާ ދޭ ޖަވާބެއްގެ މައްޗަށެވެ. އިންސާނާއަށް މިނިވަންކަން ދެއްވުމަށްފަހު ﷲ ތަޢާލާ ބައްލަވަން ބޭނުންވެވޮޑިގެންވާ ކަމަކީ އެ މިނިވަންކަމުގެ ބޭނުން އިންސާނާ ކުރާ ގޮތެކެވެ. އެ މިނިވަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ކުރަނީ ކާކުތޯއާއި ނުބައި ގޮތުގައި ކުރަނީ ކާކުތޯ އެވެ.

އިންސާނާ ކުރަން ޖެހޭ ކަމަކީ އޭނާ އަކީ އަޅެއްކަމަށް ގަބޫލު ކުރުމާއެކު މަޢުބޫދަކީ ކޮބައިކަންވެސް ދެނެގަތުމެވެ. އަމިއްލަވަންތަކަން ދޫކޮށްލައި ﷲގެ ރުއްސެވުމުގެ މަގަށް އޭނާގެ މުޅި ދިރިއުޅުން ދީލައިލުމެވެ. މި ދެންނެވުނު ފަދައިން ﷲގެ "މީހަކަށް" ވެގަންނަ މީހެއްގެ ޙަޔާތަށް ބޮޑު އިންޤިލާބެއް އަންނާނެ އެވެ. އޭނާ ﷲ ދެކެ ބިރުގަންނަން ފަށައިފާނެ އެވެ. އޭނާފަދަ އެހެން އަޅުންގެ ޙައްޤުތައް އަދާކުރާ މީހަކަށް އޭނާ ވެދާނެ އެވެ. ބޮޑާކަމާއި އަމިއްލަވަންތަކަން ދޫކޮށް ތަވާޟުޢުވެރިއަކަށް އޭނާ ވެދާނެ އެވެ.

ޢާއްމު އިންސާނާގެ ދިރިއުޅުން އޮންނަނީ ދުނިޔެ ބޭނުން ވެގެން އުޅޭފަދަ ދިރިއުޅުމެއްގެ ގޮތުގައެވެ. އެކަމަކު ﷲ އަށް އީމާންވާ މީހެއްގެ ދިރިއުޅުން އޮންނާނީ އާޚިރަތްދުވަސް ބޭނުންވެގެން އުޅޭފަދަ ދިރިއުޅުމެއްގެ ގޮތުގަ އެވެ. ޢާއްމު އިންސާނާ ދިރިއުޅޭނީ އޭނާގެ އަމިއްލަ ޒާތުގަ އެވެ. މުއުމިނަކީ ޢާލަމްތަކުގެ ވެރި ﷲ އަށްޓަކައި ދިރިއުޅޭ މީހާއެވެ.