21 Jun 2015, 11:27
ނ. ލަންދޫގެ ހުޅަނގު ފަރާތުގައި މީހުން ދިރިއުޅޭ ސަރަހައްދާ ކައިރީ ވަލުތެރޭގައި ރޭ އަލިފާން ރޯވެއްޖެ އެވެ.
ލަންދޫ ކައުންސިލްގެ މެމްބަރަކު މިއަދު 'ސަން' އަށް ވިދާޅުވީ އެ ސަރަހައްދުގެ ވަލުތެރޭގައި ހުރި ގަސްތަކުގައި ރޯވެފައިވާކަން އެނގުނީ ރޭ މެންދަމު 12 ޖަހާ އެހާކަންހާއިރު ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށު ތެރޭގައި މީހުން ކިޔާ އުޅުނު ރޭ އިރާކޮޅު އަށެއް ޖަހާކަންހާ އިރު ވެސް އެ ސަރަހައްދުގައި ރޯވެފައިއޭ ހުރީ،" އެ ސަރަހައްދުގެ އަތިރިމަތީގައި ބަންނަން ފަށާފައިވާ ދޯންޏެއް ވެސް އޮތް، އެހެން ނަމަވެސް ރޯވި ސީދާ އިރެއް ނޭނގޭ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ނ. ލަންދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން -- ސަން ފޮޓޯ ކިޔުންތެރިއެއް
ލަންދޫ ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި އާއްމުން ގުޅިގެން ކުރި މަސައްކަތުން ރޭ ގާތްގަނޑަކަށް އެކެއް ޖަހާކަންހާ އިރު ކަމަށް ކައުންސިލުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީީ އެ ސަރަހައްދުގައި ރޭ އަލިފާން ރޯވެފައި ވަނީ މީހަކު ކުނިއަންދަންޖެހި އަލިފާންގަނޑެއްގެ ސަަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އަދިި އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.