ސެންޕީޓާސްބާގް (ޖޫން 21) : ދުނިޔޭގައިވާ އެންމެ މުއްސަނދި އެންމެ އުފެއްދުންތެރި ސަރަހައްދުގެ މަގާމު ޔޫރަޕަށް މިހާރު ގެއްލިއްޖެ ކަމަށް ގްރީސްގެ ބޮޑުވަޒީރު އެލެކްސީސް ތްސިބްރާސް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ ސެންޕީޓާސްބާގްގައި ބޭއްވި އިގްތިސާދީ ފޯރަމްގައި ވާހަކަ ދައްކަވަމުން ތްސިބްރާސް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި ސިޔާސީގޮތުން ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށާ މިބަދަލުތަކާ އެކު ދުނިޔޭގެ އިގްތިސާދީ މައިމަރުކަޒު ޔުރަޕްގެ ބައްރުން އޭޝިޔާގެ ބައްރަށް ބަދަލުވެފައިވާ ކަމުގައެވެ. ތްސިބްރާސް ވިދާޅުވީ ޔޫރަޕްގެ އުފެއްދުންތެރިކަމާއި ސިނާއަތު ދަށަށްދާން ފަށާފައިވުމުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ ގައުމީ އުފެއްދުންތެރިކަންވެސް ދަށްވަމުންދާކަމުގަ އެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ޔޫރަޕްގެ ގައުމުތަކުގެ އާބާދީ މުސްކުޅިވުމާއި ހަނގުރާމަތަކާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ އަގުބޮޑު ޚަރަދުތައް ހިމެނޭކަން ތްސިބްރާސް ފާހަގަ ކުރެއްވި އެވެ.
ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުންދާ އިމާޖިން އިކޮނޮމީ ތަކުގައި ޔޫރަޕްގެ ގައުމުތައް ނުހިމެނޭކަން ފާހަގަ ކުރައްވަމުން ގްރީސްގެ ބޮޑުވަޒީރު އެލެކްސީސް ތްސިބްރާސް ވިދާޅުވީ ޔޫރަޕްގައި އަމަލުކުރަމުން ގެންދާ ޕެންޝަނާއި އިޖްތިމާއީ ރައްކާތެރިކަންފަދަ ނިޒާމުތަކަކީ ޚަރަދުބޮޑު އަދި އުފެއްދުންތެރި ނިޒާމްތަކެއް ނޫންކަމުގަ އެވެ.
އަދުގެ ދުނިޔޭގައި އިގްތިސާދީ ކުރިއެރުންތައް އެންމެ ބޮޑަށް ޙާސިލް ކުރަމުންގެންދާ ގައުމުތަކުގެ ތެރޭގައި ގިނައީ އޭޝިޔާގެ ގައުމުތަކެވެ. މީގެތެރޭގައި ޗައިނާ، އިންޑޮނީޝިޔާ، ވިއެޓްމާން، ސިންގަޕޫރު، އިންޑިޔާ، ދެކުނު ކޮރެޔާ އަދި މެލޭޝިޔާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި ބްރަޒިލްފަދަ ލެޓިން އެމެރިކާގެ ބައެއް ގައުމުތަކާއި ދެކުނު އެފްރިކާއާއި ތުރުކީއާއި ޔޫއޭއީ ފަދަ ގަލްފުގެ ބައެއް ގައުމުތަކަކީ ވެސް އިގްތިސާދީ ގޮތުން ވަރަށް ބާރަށް ކުރިއަރަމުންދާ ގައުމުތަކެވެ.
ވިލާތުގެ ގައުމުތަކުން ރަޝިޔާއާއި އީރާނާއި އެނޫންވެސް ބައެއް ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ވެސް ޔޫރަޕަށް އިގްތިސާދީ ހީނަރުކަން ލިބެމުންދާ ސަބަބެއްކަމަށް ތްސިބްރާސް އިޝާރާތް ކުރެއްވިއެވެ. މީގެއިތުރުން ހަތިޔާރުގެ ސިނާއަތަށް އިސްކަން ދިނުމާއި ޔުކްރޭންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޔޫރަޕްގެ ކުރިމަގު ބަނަވަމުންދާކަން ވެސް ތްސިބްރާސް ފާހަގަކުރެއްވި އެވެ. (ނޫސްއެޖެންސީތައް)