މިއަހަރުގެ ޤައުމީ ފިރިހެން ވޮލީޓީމު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލު)އިން ސްޕޮންސާކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ވިޔާފާރި ބަންދަރުތައް ބަލަހައްޓާ ކުންފުނި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސެން ޙިލްމީ އެވެ. ވޮލީ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުހައްމަދު ރިޔާޒެވެ.

ޤައުމީ ފިރިހެން ވޮލީ ޓީމުގެ މިއަހަރުގެ އެންމެ ބޮޑު ހަރަކާތަކަށް އޮތީ އޮގަސްޓްމަހުގެ ފުރަތަމަ ހަފްތާގައި ސީސެލްސްގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. މި މުބާރާތުގައި ފިރިހެން ޓީމުގެ އިތުރުން އަންހެން ޓީމުވެސް ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސޮއިކުރުމަށް ފަހު ހުސެން ހިލްމީ ދެއްކެވި ވާހަކައިގައި ވިދާޅުވީ ގައުމީ ވޮލީ ޓީމު ސްޕޮންސަރކުރަން ނިންމީ އެކުންފުންޏަށް އޮތް އިޖުތިމާއީ ޒިންމާގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރަނީ މިފެށުނު ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވަމުންދާނެ ކަމަށް." ހިލްމީ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ކުޅިވަރުގެ މިފަދަ ހަރަކާތްތަކަށް އެހީވުމަށް އެހެން ކުންފުނިތަކާއި ޖަމްއިއްޔާތަކަށްވެސް ގޮވާލާ ކަމަށެވެ.

"މީގެ އިތުރުން ކުޅުންތެރިންނަށް ހަމަ ބުނެލަން ބޭނުން މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ މިހާތަނަށް ރާއްޖެއަށް ނުލިބޭވަރުގެ ކާމިޔާބީއެއް ހޯދާ މުބާރާތަކަށް ހަދާ ދިނުމަށް މަސައްކަތް ކޮށްދިނުމަށް." ރިޔާޒު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވެ ޕްރެކްޓިސް ކިޓްތަކާއި ޓްރެވަލް ކިޓްވެސް ވަނީ ދައްކާލާފައެވެ.