21 Jun 2015, 11:12
ވިއެނާ (ޖޫން 21) : ޔުކްރޭންގެ މައްސަލާގައި ޔޫރަޕްގެ އިއްތިޙާދުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް 100 ބިލިޔަން ޔޫރޯގެ ވިޔަފާރީގެ ގެއްލުން ޔޫރަޕަށް ލިބެމުންދާކަން ހާމަވެއްޖެ އެވެ.
އިގްތިސާދީ ދިރާސާތަކާ ބެހޭ އޮސްޓްރިޔާގެ މަރުކަޒެއްކަމަށްވާ "އޮސްޓްރިޔަން އިންސްޓިޓިއުޓް ފޯ އިކޮނޮމިކް ސްޓަޑީޒް" ކުރި ދިރާސާއަކުން ހާމަވާގޮތުގައި ޔޫރަޕްގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައި ވަނީ ޔުރަޕްގެ ގައުމުތަކަށް ޚަރަދުބޮޑު އަދި ވޭންދެނިވި ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ. މިފިޔަވަޅުތަކުން ޖުމްލަގޮތެއްގައި މުޅި ޔޫރަޕަށް އަހަރަކު 100 ބިލިޔަން ޔޫރޯގެ ގެއްލުން ލިބޭއިރު މިގެއްލުމުގެ ހިއްސާ އެކިގައުމުތަކަށް އުފުލަންޖެހެނީ އެކިމިންވަރަށެވެ. މިގޮތުން ޖަރުމަނުވިލާތަށް އަހަރަކު 27 ބިލިޔަން ޔޫރޯގެ ގެއްލުންވާ އިރު އިޓަލީއަށް 15 ބިލިޔަން ޑޮލަރުގެ ގެއްލުން އަދި ފަރަންސޭސިވިލާތަށް 20 ބިލިޔަން ޑޮލަރުގެ ގެއްލުން ވާކަން މިދިރާސާ އިން ހާމަވެ އެވެ.
މިދިރާސާ ރިޕޯޓް ބުނާގޮތުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫރަޕްގެ ގައުމުތަކަށް ދެމިލިޔަނަށް ވުރެ ގިނަ ވަޒީފާގެ ފުރްސަތުތައް ވެސް ވަނީ ގެއްލިފަ އެވެ. އަދި ރަޝިޔާއަށް ޒަމާނުއްސުރެ ވިއްކަމުން އައި ކާބޯތަކެތީގެ ބާވަތްތަކަށް އެހެން ބާޒާރުތައް ހޯދުމުގައި ޔޫރަޕަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މި ދިރާސާ ބުނާ ގޮތުން ރަޝިޔާ ފަދަ ބޮޑު އަދި މުއްސަނދި ގައުމަކާ ދެކޮޅަށް ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ މަގްސަދު ހާސިލް ނުވާއިރު މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ވިސްނުމާއި ސުލޫކަށް ވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވުމަކީ މިފިޔަވަޅުތައް ނާކާމިޔާބުވަމުންދާ ކަމުގެ ހެއްކެކެވެ. އެހެންކަމުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދިގުމުއްދަތަކަށް ކުރިޔަށްގެންދިޔުމަކީ ޔޫރަޕަށް ކުރެވޭނެ ކަމެއްކަމާމެދު މިރިޕޯޓްގައި ސުވާލު އުފައްދާފައިވެއެވެ. (ނޫސްއެޖެންސީތައް)