21 Jun 2015, 11:04
އިންޑިއާ ކަނޑުގެ އެއްމެ މަގުބޫލު ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެ އަށް ލިބިއްޖެ އެވެ. ވޯލްޑް ޓްރެވަލް އެވޯޑްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ކެޓަގަރީން ވަނަތަކަށް އައި ފަރާތްތަކަށް އެވޯޑް ދިނުމަށް ސީޝެލްސްގައި ބޭއްވި ރަސްމިއްޔާތުގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ޒިޔަތެވެ.
ވޯލްޑް ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި އޮސްކާގެ ގޮތުގައި ބަލައިގަންނަ ޝަރަފުވެރި އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްގައި އިންޑިއާ ކަނޑުގެ އެއްމެ މަގުބޫލު ބީޗް ޑެސްޓިނޭޝަން އެވޯޑް -- ފޮޓޯ: އެމްއެމްޕީއާރުސީ
އިންޑިއާ ކަނޑުގެ އެއްމެ ރޮމޭންޓިކް ރިސޯޓާއި ރާއްޖޭގެ ލީޑިން ވޯޓާ ވިލާ ރިސޯޓާއި ލީޑިން ސްޕާ ރިސޯޓްގެ އެވޯޑް ވަނީ އާނަންތަރަ ކިހަވައް ވިލާސް ރިސޯޓަށް ލިބިފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ގެޓް އިންޓް މޯލްޑިވްސް އަށް ވަނީ އިންޑިއާ ކަނޑުގެ އެއްމެ މަގުބޫލު ޓްރެވަލް އެޖެންސީގެ އެވޯޑްވެސް ލިބިފަ އެވެ.
ރާއްޖޭގެ ރިސޯޓްތަކުގެ ތެރެއިން އެއްމެ މަގުބޫލު ލަގްޒަރީ ރިސޯޓަކަށް ހޮވާާފައި ވަނީ ކޮންސްޓަންސް ހަލަވެލި އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްގައި އިންޑިއާ ކަނޑުގެ އެއްމެ މަގުބޫލު މަންޒިލަކަށް ހޮވިފައި ވަނީ އެވޯޑްދިނުމުގެ ރަސްމިއްޔާތު ބޭއްވި ސީޝެލްސް އެވެ. ވޯލްޑް ޓްރެވަލް އެވޯޑް ދޭން ފަށާފައި ވަނީ 1993 ވަަނަ އަހަރު އެވެ.