ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭޑީކޭ އަށް ގެނެސް އެ ހޮސްޕިޓަލުގައި ފަރުވާދީފި އެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެދުނު ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް އެމަނިކުފާނު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ރައީސް ނަޝީދު ދައްކާފައި ވަނީ ނާރުގެ ޑޮކްޓަރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރަށް ދެއްކުމަށް ގެނައީ، ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް. ޑޮކްޓަރަށް ދެއްކުމަށް ފަހު އެނބުރި އެކޮޅަށް [މާފުއްޓަށް] ގެންދާނީ،" ރަމީޒު ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ފުލުހުންގެ އެހީތެރިކަމާ އެކު ރައީސް ނަޝީދު އޭޑީކޭ އަށް ގެންދެވި އިރު ރައީސް ނަޝީދު ހުންނެވީ ފަހަތަށް ބިޑި އަޅުވާފައި ކަމަށް އެމްޑީޕީ އިން ބުނެ އެވެ.

ރައީސް ނަޝީދު ވަނީ ޑޮކްޓަރަށް ދެއްކުމަށް ދާދި ފަހުން ވެސް މާލެ ގެނެސްފަ އެވެ. އެފަހަރު އެމަނިކުފާނަށް ފަރުވާ ދީފައި ވަނީ ދަތަކަށް ދިމާވެފައިވާ މައްސަލައަކަށެވެ.

ރައީސް ނަޝީދު އެމްއާރްއައި ސްކޭންއެއް ހެއްދުމުގެ އިންތިޒާމް ހަމަޖެއްސުމަށް ހޯމް މިނިސްޓްރީގައި މީގެ ކުރިން ވަނީ އެދިފަ އެވެ.

ވަކީލުން ތުހުމަތު ކުރައްވާ ގޮތުގައި ރައީސް ނަޝީދަށް އަނިޔާ ލިބިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުގެ ތެރޭގައި ކްރިމިނަލް ކޯޓް ދޮރުމަތިން ހިނގި ހާދިސާގެ ސަބަބުންނެވެ.

އެ މައްސަލާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)އިން ނިންމާފައި ވަނީ އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ގާނޫނާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން ތަހުގީގުން އެނގެން ނެތް ކަމަށެވެ.

ޕީއައިސީން މިގޮތަށް ނިންމި ނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަހުމް ކުޑަގޮތަކަށް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.