ރައީސް ކަމާއި ނައިބު ރައީސް ކަމަށް ވާދަ ކުރެވޭ އުމުރު ބަދަލު ކުރުމަށް ގާނޫނު އަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް ފާސް ކުރުމަށް ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.

ޕީޕީއެމް އެމްޑީއޭ ޖޮއިންޓު ޕާލިމަންޓަރީ ގުރޫޕުގެ ނިންމުމާ ގުޅޭ ގޮތުން ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެގޮތަށް ނިންމީ އެ އިސްލާހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު އިސްލާހަކަށް ނުވާތީ އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ ނިހާން "ސަން"އަށް ވިދާޅުވީ ރައީސް ކަމަށާއި ނައިބު ރައީސްގެ މަގާމަށް ވާދަ ކުރެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށެވެ.

އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ މަޖިލީހުން އެކަން ފާސްކުރުމުގެ ކުރިން ޕީޕީއެމްގެ ކައުންސިލުން އެކަމާމެދު ގޮތެއް ނިންމެވުމަށްފަހު ޕީޖީ ގްރޫޕުން ގޮތެއް ނިންމެވުމަށް ކަމަށް ނިހާން ވިދާޅުވި އެވެ.

މައުމޫން އެގޮތަށް އެދިވަޑައިގެންފައި ވަނިކޮށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިރޭ ނިންމާފައި ވަނީ ޕީޖީ ގްރޫޕުގެ އެއްވެސް ނިންމުމެއް، ޕީޕީއެމް ކައުންސިލުން ފާސް ކުރަން ނުޖެހޭނެ ކަމަށެވެ.

"ވިދާޅުވަނީ ޕާޓީގެ ކައުންސިލުން ގޮތެއް ނިންމެވުމަށްފަހު ކުރިއަށް ގެންދަވާށޭ. ޕީޖީ ގުރޫޕުގެ މެމްބަރުންނަކަށް ފެނިވަޑައެއް ނުގަނެއޭ ޕީޖީ ގުރޫޕަށް އަންނަ ކޮންމެ ކޮންމެ މައްސަލައެއް ޕާޓީގެ ކައުންސިލަށް ހުށަހަޅާކަށް. އަދި މި އިސްލާހަކީ [ރައީސްއާ ނައިބު ރައީސްގެ އުމުރު ކަނޑައަޅާ އިސްލާހު] އެގޮތަށް ޕާޓީގެ ކައުންސިލަށް ހުށަހަޅަންޖެހޭ މައްސަލައެއް ކަމަކަށް ޕާލިމަންޓަރީ ގުރޫޕަކަށް ފެނިވަޑައެއް ނުގަނެއޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް ޕީޖީން މިހާތަނަށް ނިންމާފައިވާ ނިންމުންތަކަކީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.

ނިހާން އެހެން ވިދާޅުވިއިރު ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ މެމްބަރަކު ރޭ "ސަން" އަށް ވިދާޅުވީ ރައީސާއި ނައިބު ރައީސްގެ އުމުރު ކަނޑައަޅާ އިސްލާހަށް ތާއީދު ކުރުމަށް ޕީޕީއެމްގެ ޕީޖީ ގުރޫޕުން ނިންމާފައި ވާތީ އެކަމާ ރައީސް މައުމޫން ހުންނެވީ ހިތްހަމަޖެހިވަޑައިނުގެންފައި ކަމަށެވެ.

ރައީސާއި ނައިބު ރައީސްގެ އުމުރު ބަދަލު ކުރުމަށް އިސްލާހެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލެވެ.

މުލިއާގޭގައި މިރޭ ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި މެމްބަރު މުހައްމަދު އިސްލާއިލް ނެންގެވި "ސެލްފީ"އެއް-- ފޮޓޯ/ މުހައްމަދު އިސްމާއިލް

ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެ މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމަތި ނުލެވޭނެ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ފަރާތަކަށް ވެސް ހިނގާނެއެވެ.

އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 77 ފުރޭނެ އެވެ. އަދި އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ.