ތިން އިރު ކައިގެން އުޅުނު އިރަށް ވުރެ ރޯދަ މަހު އަންހެންވެރިން ބަދިގޭގައި ހޭދަކުރާ ވަގުތު މާގިނަ އެވެ. ހެނދުނު ހޭލީއްސުރެ އިރުއޮއްސުމަށް ކިރިޔާ ނިންމާލެވެނީ އެވެ. ރޯދަވިއްލާ ވަގުތަށް މޮޅު، މީރު ކާނާ ތައްޔާރު ކުރުމަށް އަވަދިނެތި އެވެ. ފިރިމީހާ އާއި ގޭގެ އެހެން މީހުންގެ ހުޝާމަތުގެ ބަސްތަކަށް އެދިއެދި އެވެ. ދެން އޮތީ ފިރިހެނުންގެ ވާހަކަ އެވެ. ގިނަ ކޮތަޅު ގެއަށް ވައްދާ މީހާ އަކީ އެންމެ ހެޔޮ މޮޅުމީހާ އަށް ވަނީ ވެފަ އެވެ. އެއީ އަނބި މީހާ ހެއްވާލަދޭ ވަސީލަތަކެވެ. އެކަމަކު މިކަމުގެ ނަތީޖާ އެހާ ރަނގަޅެއް ނޫނެވެ.

ދެ ނަމްބަރު ކުނިކޮށި ކުރިމަތީ ކުނިއެޅުމަށް ބަހައްޓާފައި ހުރި ދޯނިތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. އިސާހިތަކު ކުނި ބޯޓްތައް ފުރޭތަނެވެ. އެ ސަރަހައްދު ބަލަހައްޓާ ސިޓީ ކައުންސިލްގެ އޮފިޝަލަކު ބުނި ގޮތުގައި އާންމު ދުވަސް ދުވަހު 100 ފޫޓުގެ ދޯނިތަކުގެ ދެ ދޯނި ކުނި މާލެއިން އުކާލާ އިރު ރޯދަމަހާ ދިމާކޮށް ހަތަރު ދޯނީގެ ކުނި އުކާލަން ޖެހެ އެވެ. އިތުރުވި ކުނީގެ ބޮޑު ބަޔަކީ ކާބޯތަކެތި ކަމަށް އޮފިޝަލް ބުންޏެވެ.

ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވީ މާލޭ ގޭގެއިން އުކާލާ ކުނި އާންމު މަސްމަހާ އަޅާބަލާ އިރު ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ތިލަފުއްޓަށް ކުނި ގެންދިއުމަށް މީގެ ކުރިން ތިން ދޯނި ބޭނުން ކުރި ނަމަވެސް މި ރޯދަ މަހާ ގުޅިގެން ކުނި އިތުރުވަމުން ދާތީ 100 ފޫޓުގެ އިތުރު ދޯންޏެއް ހޯދާފައިވާ ކަމަށް ސަމާއު ވިދާޅުވިއެވެ.

"އާންމު ދުވަސްތަކާ ބަލާ އިރު ކުނި ޑަބަލް، އުކަން ގެންގުޅޭ ދޯނިތައް ވެސް މިހާރު އިތުރު ކުރީ،" ސަމާއު ވިދާޅުވި އެވެ.

ބަނޑުހައިހޫނު ކަމުގައި ހުރެ އެތައް ބައިވަރު ތަކެއްޗެއް ރޯދަވިއްލުމަށާއި ރޭގަނޑުގެ ކެއުމަށް ތައްޔާރު ކުރުމަކީ ދިވެހިންގެ އާދަ އެވެ. މަދުވެގެން ދެ ވައްތަރު ފަންޏަކާއި ހައެއްކަ ވައްތަރުގެ ކާނާ ތައްޔާރު ނުކުރެވިއްޖެ ނަމަ އެދެން މާ ނިކަމެތިވީ ކަމަށް ދެކޭ އަންހެނުން މަދެއް ނޫނެވެ. ބަނޑުހައި ކަންމަތީހުރެ ގިނަގިނައިން ބާޒާރަށް ގޮސް ގިނަ ކޮޅަތުތަކުގައި ގެއަށް ތަކެތި ނުގެނެވިއްޖެ ނަމަ ފިރިހެނުން މާދެރަވީ އެވެ.

މޮޅު ގިނަ ވައްތަރުތައް ތައްޔާރުކުރަނީ ނިކަން ކާނަމޭ ހިތަ އެވެ. ނަމަވެސް އެކަން ވެފައިވަނީ ހިޔާލީ ފޮލާއަކަށެވެ. ނަތީޖާއަކަށް ވަނީ ނިކަން ކާނަމޭ ހިތާ ކެއްކި މޮޅެތި ކެއުންތަކަށް ސުފުރާމަތިން ޖާގަ ނުލިބި ކުނި ގޮނޑުން ޖާގަ ލިބުމެވެ. އެހެން އަހަރުތަކޭ އެއްފަދަ އިން މިއަހަރު ވެސް އެކަން ހިނގަމުން ދަނީ އެގޮތަށެވެ.

ކާބޯތަކެތި އިސްރާފުވާ ސަބަބުތަކާއި ދިވެހިންގެ ނޭދެވޭ އާދަތަކާއި މިވަނީ ގުޅި ލާމެހިފަ އެވެ. އެގޮތުން ގޭގައި ކައްކާފައި ހުންނަ އިރު ބޭރުން ކެއުން ފަދަ ކަންކަން ހިމެނެ އެވެ. ހަމައެހެންމެ ތިމާމެންނަށް އިތުރުވާވަކަށް ތަކެތި ގަތުމާއި އެތަކެތިން ކާބޯތަކެތި އިސްރާފް ކުރުން ހިމެނެ އެވެ. އެހެންކަމަށް ވުމާ އެކު ރޯދަމަސް ވެފައި މިވަނީ ދިވެހިންނަށް ހަރަދު ބޮޑު މަހެއްގެ ގޮތުގަ އެވެ.

އާންމު ގޭގޭގައި ކެއުމަށް އާންމު މަސް މަހު 6000 ރުފިޔާ ހަރަދުވާ އިރު ރޯދަ މަހު އެއަދަދު 8000 އަށްވުރެ މައްޗަށް ދެ އެވެ. އެއީ އާންމުކެއުންތައް ތައްޔާރު ކުރާ ގޭގޭގަ އެވެ. މޮޅެތި ކެއުންތައް ތައްޔާރުކުރާ ނަމަ އެތައް ހާހެއް އިތުރުވާނެ އެވެ. މިކަން މިހެން ވަނީ ފުދޭ ވަރަށް ވުރެ އިތުރަށް ހަރަދު ކުރެވުމެވެ.

ބާޒާރު މައްޗަށް ނަޒަރު ހިންގާލުމުން ވެސް ދިވެހިން ރޯދަމަހު ހަރަދު ކުރާ މިންވަރު ހާމަވާނެ އެވެ. ހަމައެހެންމެ ކަންމަތީ ފިހާރަތަކުން ފެށިގެން ގޮސް ކާބޯތަކެތި ވިއްކާ ބޮޑެތި ފިހާރަތަކަށް ވެސް އޮންނަނީ ފުރި ބާރުވެފަ އެވެ. އެ ފިހާރަތަކުން ބުނާ ގޮތުން އާންމު މަސް މަހަށް ވުރެ ކޮންމެ ދުވަހެއްގެ ސޭލްސް 15 ޕަސެންޓް ނުވަތަ 20 ޕަސެންޓް އިތުރެވެ.

"ހަމަ ގިނައިން ގަންނަނީ ކާ އެއްޗެހި ހަދަން ބޭނުންކުރާ އެކިއެކި އެއްޗެތި، ވަރަށް މީހުން އާދޭ، ހާއްސަކޮށް މެންދުރު." ކޮއިލް މާޓް ފިހާރައިގެ ސޭޓް ބުންޏެވެ.

ސަވާބާއި ދަރުމައިގެ މަސްކަމަށްވާ ރަމަޟާން މަހު ދިވެހިންގެ ކަށީގައި ހިފާފައި މިނުބައި އާދަޔަކީ މާތްވެގެންވާ އިސްލާމްދީން ވެސް ނުކުރުމަށް އަންގާފައިވާ ކަންކަމެވެ.

އައްޝެއިހް އިބްރާހިމް ފަހުމީ ދީދީ ވިދާޅުވި ގޮތުގައި ރޯދަމަސްވެފައި ވަނީ ރާއްޖެ އާއި އެހެނިހެން ގައުމުތަކުގައި ވެސް ވަރަށް އިސްރާފު ބޮޑު މަހަކަށް ކަމަށާއި ނަމަވެސް ރޯދަމަހަކީ އިސްރާފު އިތުރުވެގެން ވާންޖެހޭނެ މަހެއް ނޫން ކަމަށެވެ. އިސްރާފު ކުރުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއްކަމަށް ޝެއިހް ފަހުމީ ވިދާޅުވި އެވެ.

"ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކުގައި އެބަހުރި އަމުރު އައިސްފައި ތިޔަބައި މީހުން އިސްރާފް ނުކުރާށޭ، މިކަމަކީ އަޅުގަނޑުމެން މާ ބޮޑަށް ދުނިޔެ ވަނީ ކަންކަމަށް ދިއުމުގެ ސަބަބުން ވެފައި ހުރި އާދައެއް. މިކަމުގައި ވިސްނާލަންވީ އެއް ކަމަކީ ދީނީގޮތުން ބަލާއިރު އިސްރާފް ކުރުމަކީ ހުއްދަކަމެއް ނޫން ކަން،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

އިސްރާފު ކުރުމަކީ އެހާ ގޯސް ކަމަކަށްވާ އިރު މިކަން ހުއްޓަންޖެހެ އެވެ. އެންމެ ބޮޑު އެއް ފިޔަވަޅީ އިތުރުވާ ވަރަށް ކާބޯތަކެތި ނުހެދުމާއި ގެއިން ބޭރުން ކެއުން މަދު ކުރުމެވެ. ހަމައެއާ އެކު އިތުރަށް ކާބޯތަކެތި ހެދިއްޖެ ނަމަ ރޯދަވިއްލަން މިސްކިތްތަަކަށް ފޮނުވުމާއި އަވައްޓެރިންނަށާއި ނިކަމެތިންނަށް ހަދިޔާ ކުރުމަކީ ވެސް މިމާތް މައްސަރުގައި ސަވާބާއި ދަރުމަ ހޯދޭނެ ކަންކަމެވެ. މިއީ މާތްވެގެންވާ އިސްލާމު ދީނުގައި ބާރު އަޅާ ކަމެކެވެ.

"އިސްރާފް ކުރުމުގެ ބަދަލުގައި ފަގީރަކަށް ނިކަމެއްޗަކަށް އިސްރާފް މިކުރެވޭ ބައި ދެވިއްޖެކަމަށްވާ ނަމަ އެ ވަރަށް ބޮޑު ފައިދާއެއް. އެކަމުން ވަރަށް ބޮޑު ސަވާބާއި ދަރުމަ ލިބޭ. ގޭގައި ތައްޔާރު ކުރާތަކެތީގެ ތެރެއިން އެއްބައި ތަކެއްޗަކީ މިސްކިތްތަކަށް ރޯދަ ވިއްލަންދާ މީހުންނަށް ގެންގޮސްދޭ ތަކެތި ކަމަށް ވެއްޖެއްޔާ ވަރަށް ބޮޑު ހައްލެއްއެއީ. ރޯދަ މަހު ވަރަށް ގިނަ ގުނަ ސަވާބު ލިބޭނެ ކަމެއް އެއީ،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމުވެފައިވާ މި ނުބައި އާދައިން ސަލާމަތްވާން ޖެހެ އެވެ. ހިޔާލީ ފޮލައެއްގެ ތެރެއިން ކާބޯތަކެތި ތައްޔާރު ކުރުން މަދުކުރަން ޖެހެ އެވެ. ހަމައެހެންމެ ރަމަޟާން މަހަކީ އިސްރާފުވެ މަހަކަށް ނުހަދައި ހެޔޮގޮތުގައި ހޭދަ ކުރާ މަހަކަށްވާން ޖެހެ އެވެ. އިތުރުވާ ކާނާ ކުނި ގޮނޑަށް އުކާލުމުގެ ބަދަލުގައި ސޮދަގާތް ކުރުމުގެ ރީތި އާދަ ގެންގުޅެން ޖެހެ އެވެ. ނަމަވެސް މިހާރު ގިނަ ފަހަރަށް ކަން ވެފައިވާ ގޮތަކީ ފިރިމީހާ ހެއްވަން ކުރާ މަސައްކަތް ކުނިގޮނޑަށް އުކާލަންޖެހުމެވެ.