ރޯދަ މަހާ ދިމާކޮށް މާލެއިން އުކާލާ ކުނި ދެ ގުނައަށް އިތުރުވެ، ކުނި އުފުލުމަށް މާލޭ ސިޓީ ކައުންސިލުން ގެންގުޅޭ ދޯނީގެ އަދަދު ހަތަރަކަށް އިތުރުކޮށްފި އެވެ.

މާލޭ ގޭގެއިން އުކާލާ ކުނި ތިލަފުއްޓަށް ގެންދިއުމަށް މީގެ ކުރިން ތިން ދޯނި ބޭނުން ކުރި ނަމަވެސް މި ރޯދަ މަހާ ގުޅިގެން ކުނި އިތުރުވަމުން ދާތީ 100 ފޫޓުގެ އިތުރު ދޯންޏެއް ހޯދާފައިވާ ކަމަށް ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފު ވިދާޅުވި އެވެ.

"އާންމު ދުވަސްތަކާ ބަލާއިރު ކުނި ޑަބަލް، އުކަން ގެންގުޅޭ ދޯނިތައް ވެސް މިހާރު އިތުރު ކުރީ،" ސަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރު ގިނައިން އުކާލަމުން ދަނީ ކާބޯތަކެތި ކަމަށެވެ. އެތަކެތި އުކާލުމަށް 24 ގަޑިއިރު ހަތަރު ދޯނި ބޭނުންކުރާއިރު އެހެން މަސްތަކަށް ވުރެ ކުރަން ޖެހޭ ދަތުރު ގިނަ ކަމަށް ސަމާއު ވިދާޅުވިއެވެ.

ކުނި އުފުލާ ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީއަކު "ސަން"އަށް ބުނީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ތިލަފުއްޓަށް ގެންދަނީ ދެ ދޯނީގެ ކުނި ކަމަށާއި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ހަތަރު ދޯނީގެ ކުނި އުފުލަންޖެހޭ ކަމަށެވެ.

ސިޓީ ކައުންސިލުން ދީފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ރޯދަ މަހު މާލޭގެ ކުނި ވަނީ ދެ ގުނައަށް އިތުރުވެފަ އެވެ.