20 Jun 2015, 15:40
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީމް)ގެ މިނިވަން ކަމަށް އަދި ގާނޫނީ ޒިންމާ އަދާކުރުމަށް ސުޕްރީމް ކޯޓުން ހުރަސްނާޅާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި އެހެން ބުނެފައި ވަނީ އެޗްއާރުސީއެމުން، ޔޫއެންގެ ރިޕޯޓަށް މައުލޫމާތު ދިނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން ފާޑުކިއަމުންދާ ދަނޑިވަޅެއްގަ އެވެ.
ޔޫއެން އިން އިއްޔެ ބުނީ ސުޕްރީމް ކޯޓުގެ ހުކުމާ މެދު އަލުން ވިސްނުމަށް ސުޕްރީމްކޯޓަށް ގޮވައިލެއްވީ ޔޫއެން ސްޕެޝަން ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖަސް އެންޑް ލޯޔާސް ގަބްރިއެލާ ނައުލް އާއި ސްޕެޝަލް ރެޕަޓުއާ އޮން ދަ ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް ޑިފެންޑާސް މިޝޭލް ފޯސްޓް ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މިނިވަން ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކެކޭ އެއްގޮތަށް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ވެސް ފުރުސަތު އޮންނަން ޖެހޭ ކަމަށެވެ. އަދި އުފެއްދުންތެރި ފާޑުކިއުންތަކަށް ސަރުކާރުން މަރުހަބާކިއާނެ ކަމަށް އެ ބަޔާނުގައި ވެސް ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.
މިހާރު ކުރިއަށްދާ އިސްލާހީ މަސައްކަތްތަކުގައި މަދަނީ ޖަމްއިއްޔާތަކަށާއި ހިއުމަންރައިޓްސް ކޮމިޝަން ފަދަ އިންސްޓިޓިއުޝަންތަކަން ޖާގަ އޮންނަށް ޖެހޭނެ ކަމަށާއި އަދި އެ ޖާގަ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.
ޔޫއެން ހިއުމަން ރައިޓްސް ކޮމިޝަނާއި ސްޕެޝަލް ރެޕަޓުއާ، އަށް ރާއްޖޭގެ ޑިމޮކްރަސީ ވަނީ ޅަފަތުގައިކަން ދަންނަން ޖެހޭނެ ކަަމަށާއި އަދި ދިވެހި ރާއްޖެ މިދަނީ ބަދަލުވަމުން ކަމަށް އެނގެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ދިވެހި ސަރުކާރުން ދުސްތޫރީ ގާނޫނީ އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް އިސްކަންދޭ ކަަމަށް އެ ބަޔާނުގައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓް ޔޫޕީއާރަށް ހުށަހެޅުމަށް އެއްވެސް މަޖުބޫރުކަމެއް ނެތް ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފަވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެފަދަ އެއްވެސް ކަމަކަށް މަޖުބޫރުކެމެއް ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން އަންގާފައި ވަނީ ގާނޫނީ އޮނިގަނޑުތެރެއިން މިނިވަން މުއައްސަސާއެއް މަސައްކަތްކުރަން ޖެހޭ ގޮތް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓްގެ ސުމޯޓޯ މައްސަލައިގެ އެޗްއާރުސީއެމްގެ ރިޕޯޓްގައިވާ ބައިތައް ނުވަތަ މައުލޫމާތާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އެހެންނަމަވެސް މައްސަލައަކީ ރިޕޯޓް އެކުލަވާލި ގޮތް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޔޫޕީއާރުގައި ރާއްޖެ އިން ބުނެފައިވާ ގޮތަށް ރާއްޖޭން އަމަލުކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެޗްއާރްސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުޕުރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ބެލުމަށް ފަހު އިއްވި ހުކުމްގައި އެޗްއާރްސީއެމްގެ މެމްބަރުން އަމަލުކުރާނެ 11 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ގައިޑްލައިން ވަނީ ކަނޑައަޅާފަ އެވެ.
ސުޕުރީމު ކޯޓުން އެކުލަވާލި ގައިޑްލައިންގައިވާ ގޮތުން އެޗްއާރުސީއެމްގެ ފަރާތުން ހިންގާ ހުރިހާ ކަމެއް ހިންގަން ވާނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ކަށަވަރުކުރުމަށް ފަހު އެވެ. އަދި އިންސާނީ ހައްގުގެ ދިފާއުގައި ކުރާ ކޮންމެ ކަމަކީ ދިވެހި މުޖުތަމައުގެ އެއްބައިވަންތަކަމަށް ބުރޫއެރިޔަ ނުދޭން ކުރެވޭ ކަމަކަށްވާން ޖެހޭނެ ކަމަށް ވެސް އެ ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.