ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗްގައި އަނިޔާވެގެން ދަނޑުން ބޭލި ގައުމީ ފުޓްބޯޅަ ޓީމްގެ އެއްނަންބަރު ކީޕަރު ޢިމްރާން މުޙައްމަދަށް ލިބުނު އަނިޔާއާ ގުޅިގެން ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުންން އޭނާއަށް މިސީޒަން ނިމިއްޖެ އެވެ.

ގައުމީ ޓީމްގެ ފިޒީޝަން އަޙްމަދު ޝަކީބު ސަން އަށް ވިދާޅުވީ، ޢިމްރާންގެ އެމްއާރްއައި ސްކޭންގެ ނަތީޖާއިން ދައްކަނީ ކަކުލުގެ ހުޅަށް ލިބިފައިވަނީ ޕޮސްޓީރިއާ ކްރޫޝިއޭޓް ލިގަމެންޓް (ޕީސީއެލް) އިންޖަރީއެއްކަމަށާއި އެއިންޖަރީން ރިކަވާ ވާން ހަ މަހުގެ މުއްދަތެއް ހޭދަ ވާނެ ކަމަށެވެ.

ޝަކީބު ވިދާޅުވީ، ޢިމްރާނަށް މިސީޒަންގައި އެއްވެސް މެޗެއް ނުކުޅެވޭނެ ކަމަށާއި ޑިސެމްބަރު މަހުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ފަހަރެއްގައި ރިކަވާ ވެދާނެކަމަށެވެ.

"ޢިމްރާނަށް ދެން ކުޅެން ނިކުމެވޭނީ އަންނަ އަހަރު. ފަހަރެއްގައި ސާފްޗެމްޕިއަންޝިޕަށް ރިކަވާ ވެދާނެ،" ޝަކީބު ވިދާޅުވި އެވެ.

ޝަކީބު ވިދާޅުވީ، ޢިމްރާންގެ ރިޕޯޓް ޔުނިވަސިޓީ އޮފް މަލާޔާގެ މެޑިކަލް ކޮލެޖަށް ފޮނުވާފައިވާ ކަމަށާއި ސާޖަރީތޯ ނުވަތަ ކޮންޒަވޭޓީވްކޮށް ފަރުވާ ހޯދަން ޖެހޭނީތޯ ބެލުމަށް އަންގާފައިވާ ކަމަށެވެ.

"ޢިމްރާން އެކޮޅަށް ފޮނުވީމަ އެތަނުން ބަލާފަ ވަކި ގޮތެއް ޑިސައިޑް ކުރާނީ ސާޖަރީއެއްތޯ ނުވަތަ ކޮންޒަވޭޓިވްކޮށްތޯ ކުރާނީ. ފަހަރެއްގަ ސަޖަރީ ނުކޮށްވެސް ރިކަވާ ވެދަނެ. ގިނަ ފަހަރަށް ގޮއްސަ އިންނަ މިންވަރަކުން އެނގޭނީ ސަޖަރިއެއްތޯ ކުރަން ޖެހޭނީ،" ޝަކީބު ވިދާޅުވި އެވެ.

ޝަކީބު ވިދާޅުވީ، ކޮންޒަވޭޓިވްކޮށް ކުރިޔަސް ފަސް މަސް ނުވަތަ ހަމަހުގެ މުއްދަތެއް ހޭދަވާނެކަމަށެވެ.

ޢިމްރާން ހަދަންޖެހޭ ސާޖަރީއަކީ ވަރަށް މަދުން ހަދާ ސާޖަރިއެއް ކަމަށާއި އެހެންކަމުން އެސާޖަރީ ހަދާނީވެސް ވަރަށް ތަޖުރިބާކާރު ޑޮކްޓަރުންކަމަށް ޝަކީބު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހުރު ކަށީގެ ޑޮކްޓަރު ޑރ. ޢަލީ ޝަކީލުގެ ލަފާގެ މަތިން އޭނަ ކިޔެވި ސެންޓަރަށް ޢިމްރާން ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ޢިމްރާންގެ ސާޖަރީ ހަދަން ޖެހޭ ނަމަ ހައްދާނީ ޑރ. ޝަކީލްގެ ޕްރޮފެސަރެއް ކަމަށް ޝަކީބު ވިދާޅުވި އެވެ.

ޢިމްރާނަށް އަނިޔާ ވެފައިވާއިރު ގައުމީ ޓީމްގެ ދެ ނަންބަރު ކީޕަރު މުޙައްމަދު ފައިސަލްވެސް ވަނީ މިއަހަރު ކުރީކޮޅު ލިބުނު އަނިޔާއަކާ ގުޅިގެން ހަ މަހަށް ކުޅުމާ ދުރުގައި ހުންނަންޖެހިފައެވެ. ފައިސަލް ޑިސެމްބަރުގައި ފްލީ ރިކަވަ ވާނެކަމަށް ޝަކީބު ވިދާޅުވި އެވެ.