އަޅުގަނޑުމެންގެ މިދުނިޔެއަކީ ކާރިސާތަކުގެ ދުނިޔެއެކެވެ. އުފަލާއި ހިތާމަ ފަށްފަށްވަމުން ތޮށަލިދުޅަޔަށް ހިނގާ ދުނިޔެއެކެވެ. މިކަންކަން މިގޮތަށް ހިނގަނީ ފިޠުރަތުގެ ޤާނޫނު ލާޒިމުކުރާ ހަމަތަކުގެ މަތީންނެވެ. މާތްﷲ މިކައުނު އުފައްދަވައިފައިވާ ތަޚްލީޤީ ނިޒާމާ އެއްގޮތްވާގޮތުގެ މަތީންނެވެ. އެކި ފަހަރު އެކިކުލަތައް ދެއްކުމާއި އެކިދުވަހު އެކިގޮތްގޮތަށް ބަދަލުވަމުންދިޔުމަކީ މިދުނިޔޭގެ ސުންނަތެވެ. އެހެންކަމުން މިދުނިޔޭގައި އަބަދުވެސް ގެއްލުންތަކާއި ހިތާމަތައްވެސް ކުރިމަތިވެއެވެ. ނުރައްކާތެރިކަމާއި ބިރުވެރި ކަމަށްވެސް ހުށަހެޅެއެވެ. ކީރިތި ޤުރްއާނުގައި މިކަން ބަޔާން ކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

"ހަމަކަށަވަރުން ތިމަންރަސްކަނލާގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދަލާއި، ފުރާނަތަކާއި، މޭވާތައް އުނިކުރެއްވުމުންނެވެ.

އިންސާނުންނާ ކުރިމަތިވާ މިފަދަ ޙާލަތްތަކުގައި އެއްބަޔަކު ފެންނަނީ ރޮއިކަރުނައަޅަންފަށާތަނެވެ. އެފަދަ މީހުންގެ ނަފްސިއްޔާތަަކަށްވަނީ ޝަކުވާކުރުމާއި އިޙްތިޖާޖުކުރުމުގެ ނަފްސިއްޔާތެވެ. އެފަދަމީހުންގެ އާދަޔަކީ މާޔޫސްކަމާއި ގޮތްހުސްވުމުގެ ސިކާރައަކަށް ވެގަތުމެވެ. ނަމަވެސް މިއީ ރައްބާނީ އިންސާނުންގެ ގޮތެއްނޫނެވެ. އަދި ކީއްތޯއެވެ. މިއީ ތެދުމަގު ގެއްލި މަގުފުރެދިގެންދާ މީހުންގެގޮތެވެ.

އަރަހުށި މާތްﷲ ކުރިމަތިކުރައްވާ މިފަދަ އިމްތިޙާންގެ ވަގުތުތަކުގައި މުއުމިނުންގެ ގޮތްތަކަށް ހަދަންޖެހެނީ އެއުރެންގެ ވެރި ރަސްކަލާނގެ ރަސްކަންފުޅަށް އިތުބާރުކުރުމެވެ. ވަކީލުކުރުމެވެ. ތިމާގެ ހުރިހާ ކަމެއްގެ ލަގަން އެކަލާނގެ ރަސްކަންފުޅާ ހަވާލުކުރުމެވެ. ތިމާއަށް ކުރިމަތިވި މުސީބާތަކީ ކެތްތެރިކަމުގެ ފިލާވަޅު ލިބިގަތުމުގެ ފުރުސަތަކަށް ހެދުމެވެ. ކެތްތެރިކަން ކުޑަކޮށް ރޮއި ހިތާމަކުރުމުގެ ވަގުތަކަށް ނެހެދުމެވެ.

މިދެންނެވި ރައްބާނީ ސިފަ ލިބިގަންނަ މީހުންނަކީ ތެދުމަގު ލިބިގަންނަ މީހުންނެވެ. ރައްބާނީ އިންސާނަކަށް މުޞީބާތެއް ކުރިމަތިވާއިރަށް އޭނާގެ ދުލުން ބޭރުވާނީ އަންނަނިވި ދުޢާގެ ބަސްތަކެވެ.

"އަޅަމެންނީ އިބަރަސްކަލާނގެ ރަސްކަންފުޅަށް މިލްކުވެގެންވާ ބައެކެވެ. އަޅަމެން އެނބުރި ދާހުށީ އިބްރަސްކަލާނގެ ހަޟުރަތަށެވެ. މިކަންތަކަަށް ފަހު އަޅަމެންނަށް ހެޔޮގޮތްތަކެއް މިންވަރު ކުރައްވައިފާނދޭވެ!"

ތިމާގެ އަމިއްލަ ނަފުސަށް ނުވަތަ ތިމާގެ އާއިލާއަށް ނުވަތަ ތިމާގެ ވަޒަނަށް މުޞީބާތެއް ކުރިމަތިވާ ހިނދު މިދެންނެވި ފަދަ ދުޢާތަކުގެ ވަސީލަތުން ބާރު ލިބިގަންނަ މީހުން ވަގުތުން ތިމާމެން ނަފުސު ސަމާލު ކުރުވައެވެ. އިސާހިތަކު އަލުން ތެދުވެ ހިންދެމިލައެވެ. އުންމީދުގެ އާ ހަދިޔާތަކުގެ ޙައްޤުވެރީން ކަމުގައި ވެގަނެއެވެ.

މިފަދަމީހުން ހިތާމަވެރި މާޒީ ވަގުތުން ހަނދާނުން ފޮހެލައެވެ. އުފާވެރި މުސްތަޤްބަލެއް ހޯދައިގަނެއެވެ. ނުލިބުމާއި މަޙްރޫމުވުމުގެ ތެރެއިންވެސް ނަސީބުވެރި އާ ފުރުސަތުތަކެއް ހޯދައިގަނެއެވެ. ބޭރުފުށުން ފެންނަ ފެނުމުގައި ތިމާމެންގެ ހަޔާތުގެ ވާހަކައިގެ ނިމެމުންދާ ބާބުގެ އެންމެފަހު ފޮޅުވަތާ ހަަމައިން އާވާހަކައެއްގެ ފެށޭ ޕެރެގްރާފު ހޯދައިގަނެއެވެ. އެޕެރެގްރާފުގެ ޒަރީޢާއިން ތިމާމެންގެ ޙަޔާތުގެ މުޅިން އައު ވާހަކަ ލިޔަން ފަށައިގަނެއެވެ.