20 Jun 2015, 14:25
ފްރާންސްގެ ޕެރިހުގައި ކޮންމެ އަހަރަކު ވެސް އެއްފަހަރު ކުރިއަށްގެންދާ "ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް"ގެ އެންމެ ޝަރަފްވެރި އެއް އެވޯޑްކަމަށްވާ "އެއާލައިން އޮފް ދަ އިޔާ" ގެ އެވޯޑް ގަތަރު އެއާވޭސް އިން ހޯދައިފި އެވެ.
މިއީ ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސްގައި ގަތަރު އެއާވޭސް އިން އެ އެވޯޑް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ.
އެއާލައިން އޮފް ދަ އިޔާގެ އިތުރުން ގަތަރު އެއާވޭސް އިން ވަނީ އިތުރު އެވޯޑްތަކެއް ވެސް ހޯދާފަ އެވެ. އެއީ "ބެސްޓް ބިޒްނަސް ކްލާސް އެއާލައިން ޝީޓް" އާއި "ބެސްޓް އެއާލައިން އިންދަ މިޑުލް އީސްޓް"ގެ އެވޯޑެވެ. މިއީ ގަތަރު އެއާވޭސް އިން މި އެވޯޑްތައް ޖެހިޖެހިގެން ހާސިލްކުރި އަށްވަނަ ފަހަރެވެ.

"ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް" ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެ އެވޯޑް ހޯދަނީ އެވޯޑަށް ވާދަކުރާ ގިނަ ފަސިންޖަރުންތަކެއްގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އޭގެ އިތުރުން އެއާލައިނުން ލިބެން ހުންނަ އެކިއެކި ހިދުމަތްތަކުގެ ފެންވަރަށް ރިއާޔަތްކޮށް، ޖަޖުންގެ ޕެނަލަކުން ދޭ މާކްސްތަކަށް ބަލާފައި އެންމެ މަތިން މާކްސް، އަދި ފަސިންޖަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއާލައިނަކަށް މި އެވޯޑް މިލްކުވެ އެވެ.
އެގޮތުން މިފަހަރުގެ އެވޯޑަށް، 160 އަށްވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިން ވަނީ ވޯޓް ދިފަ އެވެ.
ގަތަރު އެއާވޭސްގެ ސީއީއޯ އަކްބަރް އަލް ބަކާރް ވިދާޅުވީ، "އަޅުގަނޑުމެންނަށް މި ލިބުނު ކާމިޔާބީގެ އަސްލަނީ ގަތަރު އެއާވޭސް އިން 'ޕެޝަން' އެއް ހުރެގެން ފޯރުކޮށްދޭ ހިދުމަތްތައް. އަދި އެ ހިދުމަތްތަކާމެދު ފަތުރުވެރިންގެ ހިތްހަމަޖެހުން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ގަތަރު އެއާވޭސް އިން ދަތުރުކުރާ ހުރިހާ ފަސިންޖަރުންގެ ހިޔާލު ހޯދައިގެން އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދޭން،" ކަމަށެވެ.
ގަތަރު އެއާވޭސްގެ ހިދުމަތްތައް ފުޅާކުރަމުން އަންނަ އިރު، އެ އެއާލައިންގެ 160 ފްލައިޓެއް ދުނިޔޭގެ 147 ސަރަހައްދަކަށް ދަތުރުކުރެ އެވެ. އެއީ ދުނިޔޭގެ ހަ ސަރަހައްދެކެވެ.