20 Jun 2015, 14:38
ބުޅަލުގެ ވީޑިއޯތަކާއި އޮންލައިން ފޮޓޯތައް ބެލުމުގެ ސަބަބުން ހަކަތަ ލިބުމުގެ އިތުރުން މީހާގެ މޫޑު ރަނގަޅު ކޮށްދޭ ކަމަށް ދިރާސާތަކުން ހާމަވެއްޖެ އެވެ.
'ކޮމްޕިއުޓާސް އިން ހިއުމަން ބިހޭވިއާ' އިން ކުރި ދިރާސާއެއްގައި ބުނާގޮތުގައި އޮންލައިންކޮށް ބުޅަލުގެ ވިޑިއޯ އާއި ފޮޓޯތައް ބެލުމުން، އުފާވެރިކަމާއި ހިތްހަމަ ޖެހުން ގެނެސްދެނީ އެއީ އެ ތަކެތި ބޭނުން ކުރެވެނީ ޑިޖިޓަލް ޕެޓް ތެރަޕީއެއްގެ ގޮތުގައި ކަމަށް ވާތީއެވެ. އޭގެ ސަބަބުން ސްޓްރެސް ކުޑަކޮށްދޭ ކަމަށްވެސް އެ ދިރާސާގައި ބުނެއެވެ.
އިންޓަނެޓް ޑޭޓާތަކުން ބުނާގޮތުގައި 2014 އިން ފެށިގެން މިއަދާ ހަމައަށް ބުޅަލުގެ ދެ މިލިއަނަށްވުރެ ގިނަ ވީޑިއޯ ވަނީ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައެވެ. އެގޮތުން އެ ވީޑިއޯތައް ވަނީ ޖުމްލަ 26 ބިލިއަނަށްވުރެ ގިނައިން ވިއުސް ހޯދައިފައެވެ.
އެކަމާ ބެހޭގޮތުން އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށްވާ ޖެސިކާ ގޭލް މައިރިކް ވިދާޅުވެފައި ވަނީ، ވަގުތު ބޭކާރު ކުރުމުގެ ގޮތުން ބަލާ ބުޅަލުގެ ވީޑިއޯތަކާއި ފޮޓޯތަކުގެ ސަބަބުން އެ މީހުންގެ ސިކުނޑި ސާފުވެ ހިތްހަމަ ޖެހުން ލިބިގެންދާ ކަމަށެވެ. އެހެން ކަމުން ވަގުތު ބޭކާރު ވެގެން ދިޔަ ކަމުގައި ވިޔަސް އެކަމުން ފައިދާ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.