20 Jun 2015, 13:46
ތޭރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ގާނޫނު މިހާރު އެކަމަށް ތަން ނުދޭ ކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު "ސަން" އަށް މިއަދު ވިދާޅުވީ އިސްތިއުނާފު ކުރުމަށް މުއްދަތުތަކެއް ދެވިފައި ހުންނަ ކަމަށާއި މިހާރުގެ ގާނޫނަށް ބަލާ ނަމަ އެ މުއްދަތަކީ 10 ދުވަހުގެ މުއްދަތެއް ކަމަށެވެ. އެހެންކަމުން އެ މުއްދަތު މިހާރު ފަހަނައަޅާ ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މުއްދަތު ހަމަވުމުން އިސްތިއުފާނު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ.
"އެހެން މި ދަންނަވާ ސަބަބަކީ ގާނޫނަށް ގެނެވުނު އިސްލާޙުގެ ތެރެއިން ހައި ކޯޓަށް ލިބިދީފައި އޮތް އިހުތިޔާރީ ބާރު އެ ލިބިދީފައި އޮންނަ މާއްދާ ވެސް އެ ވަނީ އުނި ކުރެވިފައި. އެހެންވީމާ ހައި ކޯޓަކަށް ގާނޫނުގެ ތެރެއިން އެ އިހުތިޔާރު ލިބިދީފައި އޮންނަ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ހަސަން ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު: ސަން ފައިލް ފޮޓޯ
ރައީސް ނަޝީދަށް ކޯޓުން ކޮށްފައިވާ ހުކުމް ލުއި ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ދަންނަވައިފަ އެވެ.
އެއަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަދަބު ލުއިކޮށް ދިނުމާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފު މަރުހަލާތައް ނިމުމުން ކަމަށެވެ.
"އިސްތިއުފާނު ކުރުމުގެ ފޯމު ހިފައިގެން ކޯޓަށް ދެވިދާނެ އަޅުގަނޑުމެންނަށް [ވަކީލުންނަށް]. ދެން އެބޭފުޅުން ނިންމަވަންވީ ބަލައިގަންނަވާނީތޯ ހައި ކޯޓަށް އެ ބާރު ލިބިގެންވާ ކަމަށް ނިންމަވާފައި. މައްސަލަ ބަލައިގެން ވެސް ފާނެ. އެ ނިންމެވުން ނުވަތަ އެގޮތަށް މައްސަލަ ހުށަހަޅާނެތޯ އަދި ހުށަހަޅާ އިރު ދެން ކުރަންވި އެހެން ކަންކަން ނިންމަވާނީ ވަކީލެއް ނޫން. އެކަންކަން ނިންމަވާނީ އެ މުވައްކިލެއް. މި ކޭސްގައި އެއީ ރައީސް ނަޝީދު، އެހެންނަމަވެސް ރައީސް ނަޝީދު އެގޮތަށް ނިންމަވާނީ ރައީސް ޔާމީން އެހެން ވިދާޅުވާތީ." ހަސަން ވިދާޅުވި އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.