20 Jun 2015, 13:04
ވިހަ ރަލެއް ބޮވުމުގެ ސަބަބުން އިންޑިއާގެ ހުޅަނގުގެ އަވަށް މުމްބާއީ އިން 53 މީހުން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ބީބީސީ އިން މިއަދު ބުނި ގޮތުގައި މުމްބާއީގެ މަލާދު ސަރަހައްދުގައި އުޅޭ ރައްޔިތުންތަކެއް މަރުވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު ބުއި ވިހަ ރަލެއްގެ ސަބަބުން ކަމަށް ފުލުހުން ބުނާ ކަމަށެވެ.
އެ މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކަށް މިހާރު ވެސް ފަރުވާ ދެމުންދާ ކަމަށާއި އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވުން އެކަށީގެންވާ ކަމަށް ބީބީސީ އިން ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި މަރުވި ފިރިހެނެއްގެ އަންހެނުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ވިހަވެފައިވާ ރާ ބުއިމުގެ ސަބަބުން އޭނާގެ ފިރިމީހާ ބަނޑަށްތަދުވެ ހޮޑުލާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔުމުގެ ތިން ގަޑިއިރުގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް ވެސް އޭނާގެ އަންހެނުން ބުންޏެވެ.
ވިހަ ވެފައި ހުންނަ ރާ ބޮއެގެން މީޙުން މަރުވުމަކީ އިންޑިއާގައި އާންމު ކަމެކެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީގައި ވެސް ވިހަ ރަލުގެ ސަބަބުން އުއްތަރު ޕްރަދޭޝް އިން ވަނީ 29 މީހަކު މަރުވެފަ އެވެ.