20 Jun 2015, 12:39
ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގައި މީހަކު އުމުރަށް ޖަލަށްލުމާ އެކު 100،000 އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުން ބާތިލް ކޮށްފި އެވެ.
ގދ. ރަތަފަންދޫ ޓެކްސާސް މަހުދީ މައުސޫމް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުން ބާތިލް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަހުދީ މައުސޫމްގެ މައްޗަށް އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެމްޓީސީސީ އެކްސްޕްރެސް ލޯންޗުގައި އޭނާ ހުޅުމާލެއަށް ފޭބިވަގުތު މަސްތުވާތަކެތި އަޅާފައިވާ ފިލްމު ހުސްކުރި ދަޅެއް ބިންމައްޗަށް ވައްޓާލިތަން ދުށްކަމަށް ހަތަރު ފުލުހަކު ތަހުގީގަށް ދީފައިވާ ބަޔާނުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު އެވެ.
ހައިކޯޓުގެ ހުކުމްގައި ވަނީ އެހަތަރު ފުލުހުން ހާދިސާ ހިނގިގޮތް ޝަރީއަތުގެ މަޖިލީހުގައި ކިޔައިދިނުމުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.
މަހުދީ މައުސޫމް މަސްތުވާތަކެތި ހުރި ދަޅެއް އެއްލާލި ކަމަށް ބުނާއިރު، އެދަޅުން އޭނާގެ ފިންގާ ޕްރިންޓު ފެނިފައި ނުވަނީ ކީއްވެގެންކަން ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް އެ ހުކުމްގައި ވެއެވެ.
އެ ހުކުމްގައި ވަނީ ދައުލަތުން މަހުދީ މައުސޫމާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަށް ޖުމްލަކޮށް ބަލާއިރު، ހެކިތައް ބަލިކަށިކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ފެނިފައިވާ ދަޅަކީ މަހުދީ މައުސޫމްގެ ދަޅެއްކަން އެކަށީގެންވާމިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުނުވާ ކަމަށް އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.
އެ މައްސަލައިގައި މަހުދީ މައުސޫމްގެ ފަރާތުން ވަކާލާތު ކުރައްވާފައި ވަނީ ގާނޫނީ ވަކީލު އާދަމް އާސިފެވެ.