މީގެ ދެދުވަސް ކުރިން ބާޒާރުގައި 25 ރުފިޔާއަށް ކިލޯއެއް ވިއްކި، ރޯދަމަހުގެ ރަސް ބުއިންކަމުގައިވާ ކަރާގެ އަގު ދަށަށްޖެހިލައިފި އެވެ.

ރޯދަމަސް ފެށެން ގާތްނޑަކަށް ދެދުވަހަށްވީ އިރު، ކަރާ ކިލޯއެއްގެ އަގުހުރީ 20 ރުފިޔާއަށެވެ. ރޯދަމަހުގެ ފުރަތަމަ ދެދުވަހުގެ ކަރާ ކިލޯއެއްގެ އަގު 25ރުފިޔާ އަށް އުފުލިފައިވާ އިރު، މިއަދު ކަރާކިލޯއެއް ގަންނަން ލިބޭ އެންމެ ދަށް އަގަކީ 22 ރުފިޔާއެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު މާލޭގެ ބާޒާރަށް ގިނަ އަދަދަކަށް ކަރާ އެތެރެކުރާ އއ. ތޮއްޑޫގެ ދަނޑުވެރިން މާލޭގެ ބާޒާރަށް ކަރާ ވިއްކަމުން އައީ 17 ރުފިޔާ އާއި 16 ރުފިޔާ އަށެވެ. އެގޮތުން ތޮއްޑޫ އިން މި ރޯދަމަހުގެ ފުރަތަމަ ތިންދުވަހު ވަނީ ގާތްގަނޑަކަށް 120 ޓަނުގެ ކަރާ މާލެއަށް ގެނެސްފަ އެވެ.

ތޮއްޑޫ ބޯޓަކުން މާލޭގެ ބާޒާރަށް ކަރާ ބާލަނީ: ތިން ދުވަހުގެ ތެރޭގައި އެރަށުން ވަނީ 120 ޓަނުގެ ކަރާ މާލެއަށް ގެނެސްފައި ----- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ބާޒާރުގައި ކަރާވިއްކަން ތިބި ބައެއް ވިޔަފާރިވެރިން ބުނީ، ކަރާގެ އަގު އުފުލިފައި ވަނީ ދަތުރުވެރިންގެ އަތުން ކަރާ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. އެގޮތުން މިއަދު ވެސް ބައެއް ދަތުރުވެރިން 18 އާއި 19 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކި އިރު ބާޒާރުގައި ވިޔަފާރިވެރިން ކަރާ ވިއްކަމުން އަންނަނީ 22 ރުފިޔާއަށެވެ.

ބާޒާރުގައި ކަރާވިއްކަން ހުރި، ކ. ކާށިދޫ އަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ބުނިގޮތުގައި "ތޮއްޑޫ އިން ކަރާ ގެންނަ އަދަދު ދަށަށް ޖެހިލާ ކޮންމެ ފަހަރަކު ބާޒާރުގައި ކަރާގެ އަގު އެންމެ ދަށްވެގެން 25 އާއި ހަމައަށް އުފުލޭނެ" އެވެ.