ހަތަރު ސަތޭކަ އަށްޑިހަ ދެ ދަރިވަރުންނާ އެކު ޖަމިއްޔަތުލް ފަލާހުން ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތެއް މިއަދު ފަށައިފި އެވެ.

އެ މުބާރާތް މިއަދު ހެނދުނު 9:00ގައި ޖަމިއްޔަތުލް ފަލާހުގައި ވަނީ ފަށައިފަ އެވެ. ޖަމިއްޔަތުލް ފަލާހުން ބުނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނީ މާލޭގެ ޕްރައިމަރީ އާއި ސެކަންޑަރީ އަދި ހަޔާ ސެކަންޑަރީ ސްކޫލުތަކަށް ކަމަށެވެ.

މުބާރާތުގައި މިފަހަރު 17 ސްކޫލަކުން ބައިވެރިވި އެވެ. ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތަކުގައި 327 ކުދިން ބައިވެރިވެފައި ވަނީ ހިތުން ކިޔެވުމުގެ ގޮފިން ނެވެ. އަދި 155 ދަރިވަރުން ބައިވެރިވެފައި ވަނީ ބަލައިގެން ކިޔެވުމުގެ ގޮފިން ނެވެ.

ޖަމިއްޔަތުލް ފަލާހުން ބުނީ ގުރުއާން މުބާރާތުގެ މަގުސަދަކީ ދަރިވަރންގެ މެދުގައި ކީރިތި ގުރިއާނަށް ލޯބި ޖެއްސުމާއި ކީރިތި ގުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި ބުނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ގުރުއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުމަކީ ވެސް އެ މުބާރާތުގެ މަގުސަދެއް ކަމަށެވެ.

މިއަދު ފެށި މުބާރާތް ޖަމިއްޔަތުލް ފަލާހުގެ ފަރާތުން ބާއްވަމުން އަންނަތާ މިއަހަރަށް މިއީ 44 އަހަރެވެ.