ސެންޓްޕީޓާސްބާގް (ޖޫން 20): އެެމެރިކާއާއި ޔޫރަޕްގެ ގައުމުތައް ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަރުކަށި އަދި ވަރުގަދަ ފިޔަވަޅުތަކެއް ކަމަށާއި ނަމަވެސް ރަޝިޔާ އިނދަޖައްސައިލުމުގައި އެ ފިޔަވަޅުތައް މުޅިން ނާކާމިޔާބުވެފައިވާ ކަމަށް ރައީސް ވްލްޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ރަޝިޔާގެ މަޝްހޫރު ރަށެއް ކަމަށްވާ ސެންޓްޕީޓާސްބާގްގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުން ޕޫޓިން ވިދާޅުވީ، ހުޅަނގުގެ ހަރުކަށިކަމާ ކުރިމަތިލުމުގެ ރޫޙު ރަޝިޔާގެ ރައްޔިތުންގެ ކިބައިގައި ހުރުމާއެކު އޭނާގެ ލީޑަރޝިޕްގެ ދަށުގައި އެކަތިގަނޑަކަށްވެގެން ކެތްތެރިކަމާއެކު އެއްބައިވަންތަކަމުގައި ރަޝިޔާގެ ރައްޔިތުން ތިބި ތިބުމަކީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަަސަރު ކުޑަކުރުމުގައި ރަޝިޔާއަށް ކާމިޔާބު ލިބުމުގެ މައިގަނޑު ސަބަބެވެ.

ޕޫޓިން ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރުން ތެލުގެ އަގު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އާދަޔާ ޚިލާފަށް ދަށަށްދިޔުމުން ރަޝިޔާގެ އިގްތިސާދަށް މިފަހަކަށް އައިސް ކުރިމަތިވެފައިނުވާވަރުގެ ބޮޑެތި ދަތިތަކެއް ކުރިމަތިވިކަމުގައެވެ. ނަމަވެސް އެ ދަތިތަކުގެ އެންމެ އުނދަނގޫ މަރްޙަލާ މިހާރު ކަޑައްތު ކުރެވިއްޖެ ކަމަށް ޕޫޓިން ވިދާޅުވި އެެވެ.

ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެންނާއި ތެލުގެ އަގު ދަށަށް ދިޔުންފަދަ ސަބަބުތަކާ ގުޅިގެން ރަޝިޔާގެ އިގްތިސާދަށް ފުން އިސްލާހް ތަކެއް ބޭނުންވެފައި ވާކަމަށް އެގައުމުގެ އިގްތިސާދީ ތަޖްރިބާކާރުން ވިދާޅުވެ އެވެ. މި އިސްލާޙްތައް ގެނެވިއްޖެނަމަ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުންނާއި ތެލަށް ބަރޯސާވުމުގެ މައްސަލައިން އަރައިގަނެވިދާނެ ކަމަށް ރަޝިޔާގެ ކުރީގެ މާލީ ވަޒީރު އެލެކްސީ ކޮދްރީން ވިދާޅުވި އެވެ.

ސެންޕީޓާސްބާގްގައި ކުރިޔަށްދާ އިންވެސްޓަރުންގެ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ކޮދްރީން ވިދާޅުވީ، ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކުޑަކޮށްލެވޭވަރުގެ އާރާއި ބާރާއި ވަސީލަތްތައް ރަޝިޔާއަށް ލިބިފައިވާ ކަމުގައެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅާ އަޅައިބަލާއިރު ރަޝިޔާގެ އިގްތިސާދަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް ލިބި އެތަށް ތަނެއް ރަނގަނޅުވެފައި ވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރަޝިޔާއަކީ ތެލާއި ގުދްރަތީ ގޭހާއި އެނޫންވެސް ގުދްރަތީ ޚަޒާނާތަކުގެ މުއްސަނދިކަން ވަރަށް ބޮޑަށް ލިބިފައިވާ ގައުމެކެވެ. މީގެއިތުރުން ރަޝިޔާއަކީ ހަތިޔާރާއި ފަޒާއާއި ނިއުކްލިއަ ޓެކްނޮލޮޖީގައި އެމެރިކާއަށްވެސް ގޮންޖަހާލެވޭފަދަ ސިނާއީ ގޮތުން ކުރިއަރާފައިވާ ގައުމެކެވެ.

ރަޝިޔާއަށް އިގްތިސާދީ އިތުރު އިސްލާހްތައް ގެނެސް، މަދަނީ ސިނާއަތުތަކަށް ރަޝިޔާ އިސްކަންދީ އެ ސިނާއަތު ކުރިއެރުވުމަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްފިނަމަ ދިހަވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އިގްތިސާދީ ބޮޑެތި ބާރުތަކުގެ ލިސްޓަށް ރަޝިޔާ އަރާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ރޮއިޓާސް)