20 Jun 2015, 11:08
ޖޫން 20) : ޖެނީވާގައި ކުރިޔަށްދިޔަ ޔަމަންގެ ސުލްޙައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމާ ގުޅިގެން ސައޫދީ އަރަބިޔާ އިން އެގައުމަށް ވައިގެ ޙަމަލާތައް އިތުރުކޮށްފި އެވެ.
ޔަމަނުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ސައޫދީ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ ވެރިރަށް ސަންއާގެ ޚޫލާން ސަރަހަދަށް ތިން ޙަމަލާ އަދި ޔަމަންގެ ޖުމްހޫރީ ލަޝްކަރުގެ އަމާޒުތަކަށް ހަ ޙަމަލާ ދީފަ އެވެ. ސައޫދީންގެ އަމާޒަކީ ޔަމަން ހޫޘީންނާ ގުޅިފައިވާ އެގައުމުގެ ސިފައިންނާއި އެގައުމުގެ އެންމެ ބާރުގަދަ ލަޝްކަރުތައް ކަމަށްވާ ޖުމްހޫރީ ލަޝްކަރުތަކާ އަދި ކުރީގެ ރައިސް އަލީ އަބްދުﷲ ސާލިޙްގެ ބާރުތައް ވެސް ފުނޑުފުނޑު ކޮށްލުމެވެ.
ސައޫދީންގެ ޙިމާޔަތުގައި އެގައުމުގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އަށް ތާއީދުކުރަނީ އެގައުމުގެ ގަބީލާތަކުގެ ހަނގުރާމަވެރިން އެކަންޏެވެ. ސައޫދީންގެ ވައިގެ ޙަމަލާތަކާ އެކު އެއްގަމު މަގުން ހަނގުރާމަ ކުރަނީ ގަބީލާ ހަނގުރާމަވެރިންނެވެ. އެމީހުންނަށް ހޫޘީންނާއި ހޫޘީންނާ ގުޅިފައިވާ ޔަަމަންގެ ސިފައިންނާއި ޖުމްހޫރީ ލަޝްކަރުތަކާއި ސާލިޙްގެ ބާރުތައް ބަލިކޮށްލެވިފައެއް ނުވެ އެވެ. ޔަމަނަށް އަސްކަރީ ގޮތުން ސައޫދީ އަރަބިޔާ ސީދާގޮތެއްގައި ވަދެގެންފައިވާ އިރު އެމެރިކާގެ ތާއީދު ވެސް މިކަމަށް ލިބެމުން ނުދެ އެވެ.
ސައޫދީން ޔަމަނާ ދެކޮޅަށް ހިންގާ ވައިގެ ޙަމަލާތަކަށް ކޮންމެ ދުވަހަކު 10 މިލިޔަން ޑޮލަރާއި 15 މިލިޔަން ޑޮަލަރާ ދެމެދު އަދަދަކަށް އެގައުމުން ޚަރަދުކުރަން ޖެހިފައިވާ އިރު ޔަމަންގެ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ ސައޫދީ އަރަބިޔާގެ ބަޖެޓަށް ބާރުބޮޑުވެ އެގައުމު ޑްރެއިން ވުމުގެ ފުރްސަތު ބޮޑުކަމަށް ތަޖްރިބކާރުން ބުނެ އެވެ.
ޔަމަންގެ ހަނގުރާމަ ހުއްޓުވުމަށް ޓަކައި ޖެނީވާގައި ކުރިޔަށްދާ ސުލްހައިގެ ވާހަކަތައް އިއްޔެ ނިމިފައިވަނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށްވެސް ނުގޮހެވެ. ޔަމަންގެ ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވިގޮތުގައި ވާހަކަތައް ނިމިފައި ވަނީ ރަނގަނޅަށް ވާހަކަތައް ނުވެސް ފެށިއުޅެނިކޮށެވެ.
ސުލްޙައިގެ ވާހަކަތަކުން އެއްވެސް ނަތީޖާއެއް ނުނެރެވުނުއިރު އެ ވާހަކަތައް ރަނގަޅަށް ކުރިޔަށް ވެސް ނުދާކަމަށާއި ވާހަކަތަކުގައި ހޫޘީން ބައިވެރިއެއްވެސްނުވާ ކަަމަށް ޔަމަންގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އދ. ބުނާގޮތުން ސުލްހައިގެ ވާހަކަތަކުން ނަތީޖާއެއް ނުނެރެވެނީ ހޫޘީ ޖަމާއަތާއި ޔަމަންގެ ސަރުކާރުން ވެސް ކުރިޔަށް ޝަރުތުތައް ކުރިމަތިކުރުމުގެ ސަބަބުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޔަމަންގެ ހޫޘީ ޖަމާއަތުގެ ވަފްދު ނެޖީވާއަށް ދިޔަނަމަވެސް ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރާ ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް ހުޘީންގެ މަންދޫބުން ވަނީ ދެކޮޅު ހަދާފަ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވަނީ ބަރަކާތްތެރި ރަމަޟާން މަސް ފެށެންވާއިރަށް ޙަމަލާތަކެއް ހުއްޓާލުމަށް ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދެމުންގެންދާ ސައޫދީ އަރަބިޔާއަށާއި ޔަމަންގެ ހޫޘީ ހަނގުރާމަވެރިންނަށާއި ސަރުކާރަށް ތާއީދުކުރާ ގަބީލާ ހަނގުރާމަވެރިންނަށް އިލްތިމާސްކުރައްވާފަ އެވެ. އދ.ގެ ބެލުމުގެ ދަށުން ޖެނީވާގައި މިދިޔަ އަންގާރަ ދުވަހު ފެށި ސުލްހައިގެ ވާހަކަތަކުގެ އެންމެ ފުރަތަމަ ބޭނުމަކީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުން ކަމަށް އދ. ން ބުނެއެވެ. (ރޮއިޓާސް)