19 Jun 2015, 23:26
މެދުއިރުމަތީގައި މިދިޔަ އަހަރުގެ ހައްޖު މަހު ފެތުރުނު ނުރައްކާތެރި ބައްޔެއް ކަމަށްވާ މާރްސް ކޮރޯނާ ވައިރަސް ބަލި ދެކުނު އޭޝިއާގެ ބައެއް ގައުމުތަކުގައި ފެތުރޭތީ އެ ބަލިން ދިވެހިން ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބަލި ފެތުރެމުން ދާ ގޮތް އެ އެޖެންސީން ބަލަމުން އަންނަ ކަމަށެވެ.
"...މި ބަލި ދުނިޔޭގައި ފެންނަމުން އަދި ފެތުރެމުންދާ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މޮނިޓާކުރަމުން ގެންދާނެ ކަމަށާއި، މި ބަލިން ދިވެހި ރާއްޖެ ރައްކާތެރިވެ ތިބުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަން ދަންނަވަމެވެ،" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
މާސް ކޮރޯނާ ވައިރަހުން ސަލާމަތްވެ ތިބުމަށް ރައްކާތެރިވާން ޖެހޭ ގިނަ ކަންތައްތަކެއް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން އެ ބަލި އުޅޭ އެއްވެސް ގައުމަކަށް، ހާއްސަކޮށް މެދުރިއުމަތީގެ ގައުމަކަށް ދަތުރު ކުރާ ނަމަ ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެފަދަ ގައުމަކުން ފަރުވާ ކުރާ ނަމަ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ވީހާވެސް މަދު ތަންތަނަކުން ފަރުވާ ހޯދުމަށް ބަޔާނުގައި އިރުޝާދުދީފައި ވެ އެވެ. އަދި އެގޮތުން އެފަދަ ގައުމަކަށް ދާ ނަމަ ދާނެ ވަކި ތަނެއް ދިއުމުގެ ކުރިން އިޚުތިޔާރު ކުރުމަށާއި ވީހާ ވެސް މަދު ވަގުތު ހޭދަކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.
މާސް ކޮރޯނާ ވައިރަސް ބަލީގެ އަލާމާތްތަކަކީ ހުންއައުމާއި ކެއްސުމާއި ހުން އަންނަތާ ދޭއް ނުވަތަ ތިން ދުވަހުގެ ތެރޭގައި ނޭވާލާން އުނދަގޫވުމެވެ.