19 Jun 2015, 21:42
ދަތުރުކުރަމުން ދިޔަ ސަބާރީ އެކްސްޕްރެސްރޭލު މަޑުކޮށްލުމާއެކު ފޭބުމުގެ މަސައްކަތްފެށީމެވެ. ރޭލުގެ އާޚިރު މަންޒިލަކީހައިދަރުއާބާދު ނަމަވެސް އަދި މިއީ ދަތުރުގެ މެދުތެރެއިން މަޑުކުރި ހަތަރުވަނަ އިސްޓޭޝަންކަމަށްވިޔަސް ފަސޭހަކަމާއެކު ރޭލުން ނިކުތުންވީ އުނދަގޫކަމަކަށެވެ. ފައިބާ މީހުންގެ އަދަދު ގިނަކަމުންނެވެ.ލޮނުމެދު ވަހާއި ފާޑުފާޑުގެ ތެޔޮތަކުގެ ވަސްތަކުން އެއްގޯސްކޮށްފައިވާ މާހައުލުގައި ފިތެމުން ހުއްޓެމުން ޖެހި ސަކަރާތަށްފަހު ފޭބުނުއިރު މޫޑު ހުރީ ޚަރާބުވެފައެވެ.
ޚަރާބުވެފައިވާ މޫޑުގެ އިތުރަށް ވެފައިވާ ބަނޑުހައިކަމަކީވެސް އެވަގުތު ކުރިމަތިވެފައިވާ އިތުރު އުނދަގުލެކެވެ. ހެނދުނު 7:15ގައި ފެށި ދަތުރުގެ ނިމުން މިއައީ ހަވީރު 4:30 ވީފަހުންނެވެ. ރޭލުތެރޭގައި މީހުންދޭ ކާއެއްޗާސާމެދު އިވިފައިވާ ނުބައި އަޑުތަކާއި ވިއްކަން ހުންނަ ކާއެއްޗެހި ގެންގުޅޭގޮތް ފެނިފައި ގަތް ފަކުރުގެ ސަބަބުން ދަތުރުމަތީގައި ކެއީ ގަނެގެންގެނައި މޭވާކޮޅެއް އެކަންޏެވެ.
ވުމާއެކު އަވަސްވެގަތީ ކުރޮޅިއެއްގައި ހަމިނެޓުން ދެވޭހާ ކައިރީގައި ހުރި މެކްޑޮނަލްޑް ރެސްޓޯރަންޓަށްދިއުމަށެވެ. ކަންދިމާކުރިގޮތުން އެގަޑީގައި އެތަނުގައި މީހުން ވަރަށް މަދެވެ. ގިނައިރެއްނުވެ ކެއުމަށް އިންސާފުކުރުމުގެ ފުރުޞަތު ލިބުނެވެ.
ޖީޒާގެ އަޑުގެ ރީތިކަން އަހުރެންގެ ކަންފަތަށް ފުރަތަމަ ހުފުރަރުވީ އެވަގުތެވެ. އަގަޑުބަގަޑުކަމެއް ނެތް މައް ދިވެހިބަހުން "ބައްޕަމެންނަށް ގުޅާނީ ފަހުންނޭ" ބުނި އަޑާއެކު ފަހަތަށް ބަލައިލެވުނީ ދިވެހިންގެ ލިސާނެއްވީމަށްވުރެ ބޮޑަށް އެ އަޑުގައިވާ ޖާދުވީ ބާރެއްގެ ސަބަބުންކަން ފުރަތަމަ ސިކުންތުންވެސް ހިތް ބުނެދިނެވެ. ފުރަގަސްދީގެން ތިބި ދެ އަންހެން ކުދިންނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. އަޑާއެއްވަރަށް އެ އަޑުގެ ވެރިޔާއަކީ ފިރިހެނުން ހިތްކިޔާ ގޮތް ހުރި ރީތި އަންހެނެއްކަމުގެ ނިޔާ ފުރަގަހުން ފެނުމުންވެސްކަނޑައަޅައިފީމެވެ. އެހެނިހެން ވިސްނުންތައް ކުޑައިރުކޮޅަކަށް ނަމަވެސް ހުއްޓި އެއަޑުން ކުރި އަސަރުތައް ހިތާއި ސިކުނޑީގައި އެގޮތްމިގޮތަށް ދުވެ ނަގަންފެށި ސަބަބަކީ އެ އަންހެނާ ބުރުގާނާޅައި އިނުމެއްނޫނެވެ. އަދި ޖެހިގެން އިން ކުއްޖާ ބުރުގާ އަޅައިގެން އިނުމެއްވެސް ނުމެނޫންމެއެވެ.ފުރަގަހުން ފެނުނުނަމަވެސް އެ ހަށިގަނޑުގައިވާ އަންހެން ވަންތަކަމުގެ އަސަރުތައް އެމިންވަރަށް ލިބިފައިވާ އެހެން ދިވެއްސެއް ކުރިން ފެނިފައިވާކަމަށް ގަބޫލުނުކުރެވުނީމައެވެ.
މިއީ ކޮއެމްބަތޫރެވެ. އުތުރުކަރައަށް ބޭސްފަރުވާއަށް އައުން އާންމުނަމަވެސް އެކަމުގައި ދިވެހިންގެ މައި ޝަހަރަކީ ތިރުވަނަންތަޕޫރަމެވެ.އެކްސްޕްރެސް ރޭލެއްގައިވެސް އެ ހިސާބުން މި ހިސާބަށް އައުމަށް 10 ވަރަކަށް ގަޑިއިރު ނަގައެވެ. މައިނާރާއި ކަށީގެ ފަރުވާތަކަށް މަދުމަދުން ނަމަވެސް ދިވެހިން އަންނަ ގަންގާ ހަސްފަތާލާ މިހިސާބާދެމެދުވެސް ތޭރަވަރަކަށް ކިލޯމީޓަރު ހުރެއެވެ. މެކްޑޮނަލްޑާއި ކޭ.އެފް.ސީ ފަދަ ރެސްޓޯރެންޓުތައް ޝަހަރުގެ ބާޒާރު ސަރަހައްދުގައިވެސް ހުރޭމެއެވެ. މިސަބަބުތައް މިހެން ހުރިއިރު "ބައްޕަމެން ނުގެނެސް" މިހައި ދިވެހިންނާ ބީރައްޓެހި ހިސާބެއްގައި ދެ އަންހެންކުދިން އުޅެނީ ކީއްވެގެންތޯ ހިތުގައި ސުވާލުއުފައްދަންފެށިއެވެ. ފަހަރެއްގައި އެއީ އަހުރެން އުޅޭފަދަ މުހުތާދެއްގައި އުޅޭބަޔަކަށް ވެދާނޭވެސް ހިތަށް އެރިއެވެ.
މި ސުވާލުތަކުގެ ނަތީޖާއަކީ ޖެހިލުމެއްނެތި އެ މީހުން ގާތަށް ގޮސް ތަޢާރުފުވެ ވާހަކަދައްކަން ފެށުމެވެ.
"ސަޢީދުނަމަކީ. ދިވެހިންކަން އެނގުމުން މި އައީ"
"ޖީޒާ. ދެން މި އިނީ ކޮއްކޮ ޖަމީލާ"
ޖަވާބު އައީ އުންމީދުކުރިވަރަށްވުރެވެސް އަވަހަށެވެ. ވުމާއެކު ޖީޒާގެ ސަމާލުކަން ހޯދުމަށްޓަކައި ހުޝިޔާރުކަމާއެކު މަސައްކަތްފެށީމެވެ. ހަލީސާ އަދި ސޯމަ ވާހަކަތަކުގެ އެހީގައި އަހުރެންގެ ތަޙުޤީޤު ހުޝިޔާރުކަމާއެކު ހިންގުމުގެ މައިގަނޑު މަގުސަދަކީ ޖީޒާއާ ގާތްގުޅުމެއް އުފެއްދުމަށްޓަކައި ކޮށަންޖެހޭ މަގު އަމާންކުރުމެވެ. ވިއްސަކަށް މިނެޓުގެ އެ ބައްދަލުވުން ނިމުނީ ޖީޒާމެން ބަލައި އޭނާގެ ބައްޕައާއި މަންމަ އައުމުންނެވެ. އޭރު ޖީޒާއަކީ ހުރިހައި ގޮތަކުންވެސް ރައްޓެއްސެކެވެ. ދެމީހުންގެ ފޯނުނަންބަރު ވަނީ ހިއްސާކޮށްފައެވެ. ޢާއިލާގެ މެންބަރުން ފިޔަވައި އިތުރު އެއްވެސް ދިވެއްސެއް ފުރެންޑްލިސްޓުގައި ނުވާ ޖީޒާގެ ފޭސްބުކުގެ ފުރެންޑްލިސްޓުންވެސް އަހުރެންވަނީ ޖާގަ ހޯދައިފައެވެ.
ޖީޒާގެ އުމުރުން 2 މަހުގައި ލައްވާލި ހުންގަނޑެއްގައި ފަރުވާއަށް އިންޑިއާއަށް އައިގޮތަށް އެ ޢާއިލާ އުޅެނީ ކޮއެމްބަތޫރުގައެވެ. މިއަދު އެމީހުންނަކީ ރާއްޖެ އަދި އިންޑިއާގެ ރަށްވެހިންނެވެ.ކާރުޚާނާތައް ގިނަ އަންނައުނު އަގުހެޔޮ މި ޝަހަރުގައި އެމީހުންގެވުނަދާންތައްވެސް ވަނީފުޅާކޮށްފައެވެ.ރަސްމީމުހުތާދެއްގައި އެ ނޫންގޮތެއް ނެތިގެން މާލެ ދިޔަޔަސް ލަސްނުވެ އެމީހުން މިކޮޅަށް ފުރައެވެ. މާލޭގައި ހުރި 10 ބުރީގެ ބޮޑު ގެ ވަނީ އެކި ފަރާތްތަކަށް ކުއްޔަށް ދީފައެވެ. ވުމާއެކު އެމީހުންނަކީ ތަނަވަސްބައެކެވެ.
މިއަދު ޖީޒާމެން ދާން އެ އުޅެނީ މި ސްޓޭޓްގެ ނިލްގިރިސް ޓައުނަށެވެ. ޓައުނުގެ ވެރިރަށް އުދަގަމަންޑަލަމްއަށެވެ. އާންމުންނަށް އެތަން އެނގޭނީ ދެކުނު އިންޑިއާގެ އެންމެ އުސް ސަރަހައްދުގެ ގޮތުގައާއި އޫޓީގެ ގޮތުގައެވެ. 7000 ފޫޓު އުސް ފަރުބަދަ މަތީ އެ ސަރަހައްދުގެ ފިނިހޫނުމިން މިދުވަސްވަރު ހުންނާނީ އެވްރެޖްގޮތެއްގައި އެންމެ 5 ޑިގްރީ ސެލްސިއަސްގައެވެ. މި ޚާއްޞަ ރޭގެ އުފާވެރިކަން ހޯދައި ކުސީފިލުވުމަށް އެމީހުން ނިންމައިފައި އޮތީ އޫޓީގައިތިބެގެންނެވެ.
އޮޅުންބޮޅުން ބޮޑު ރިޔާސީ އިންތިޚާބުގެ އިދާރީ ކަންތައްތަކާހުރެ އަހުރެންވެސް ހުރީ އޮޅުން އަރައިފައެވެ. ވުމާއެކު ލިބިފައިވާ ހާސްކަން ފިލުވައިލުމަށް އިޚުތިޔާރުކުރީ އޫޓީއެވެ. މި ފަހަރުގެ ދަތުރުގައި ބެލީ ދިވެހިން އެހައި އާންމުކޮށް ނުދާ އެހެނަސް އަގުހެޔޮ ހިސާބެއް ތަޖުރިބާކޮށްލުމަށެވެ. ވުމާއެކު އައު އަހަރު ފެށުން ފާހަގަކުރުމަށް އަހުރެން ނިންމީ އޫޓީގައެވެ. މިދަތުރުގެ ހަމައެކަނި މަގުސަދަކީ އެއީއެވެ.
ޖީޒާމެން ދިއުމުން ކާރެއް ކުއްޔަށް ހިފައިގެން އޫޓީއަށް ދިއުމަށް ދަތުރުފެށީމެވެ. އޫޓީގެ ދަތުރާއެކު ހަޔާތުގެ އެހެން ދަތުރެއްވެސް ފެއްޓުނެވެ. ދަތުރުކުރަމުން ދިޔައިރުވެސް މެދުނުކެނޑި ދިޔައީ ޖީޒާއާ ޗެޓުކުރަމުންނެވެ. ވައިބަރ މެދުވެރިކޮށެވެ.
ރޭކުރަން ހަމަޖެހިފައިވާ ހޮޓަލާ ހަމައަށް ދެވުނީ އެރޭގެ 10 ޖަހަނިކޮށެވެ. އުސް އެފަރުބަދައަށް އަރަން އޮތް މަގުގެ ކާރޫބާރޫ ބޮޑުކަމުންނެވެ. އެހައި ލަހުން ދެވުމުގެ ސަބަބުން ދުއްކާނުތަކާއި ބައެއް ހޮޓާތައް ހުރީ ބަންދުކޮށްފައެވެ. ލަހުން އާދެވުމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް އެލަސްވުން ވީ ޖީޒާގެ ހިތުގެ ތެރެއަށް ރަނގަޅަށް ވަދެގަތުމަށް ލިބުނު ފުރުޞަތެއްކަމުގައެވެ. އޫޓީއަށް އާދެވުނުއިރު އަހުރެންގެ27 އަހަރުވީ ހަޔާތާއި ޖީޒާގެ 25 އަހަރުވީ މާޒީ ވަނީ އެކަކު އަނެކެއްގެ މެދުގައި ފޮރުވުމެއްނެތި ހިއްސާކޮށްފައެވެ.
އިންޑިއާކުދިންގެ ހަޖާރު ހުށަހެޅުންތައް އައިނަމަވެސް އެއިން އެއްވެސް ގުޅުމެއް ޙަޤީޤަތަކަށް ވެފައެއްނުވެއެވެ. ޖީޒާގެ ބަހުންނަމަ މައިގަނޑު މައްސަލައަކީ ދީނުގެ ތަފާތުތަކެވެ. ނޫންނަމަ ފަރުދީތަފާތުތަކެވެ. އެ ގޮންޖެހުންތަކާ ހުރެ އުމުރު ހުސްކޮށްލަން ޖެހުނު ނަމަވެސް ދިވެއްސެއްދެކެ ހިނާ ނުވުމަށް އޭނާ ހުރީ އަޒުމުކަނޑައަޅައިގެންނެވެ.
"ކީއްވެތަ ދެން މިހައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އަހުރެން ތިޔަ ބަލައިގަތީ؟" ކައިނިމިގެން އައިސް ކޮޓަރިއަށްވަދެ މަތިމައްޗަށް އަޅައިފައިވާ ތިންގަނޑު ރަޖާގެ ދަށަށްވަދެ އޮވެ މެސެޖުން ބުނީމެވެ.
"ނޭނގެ. ހިތަށް އަރާ މި ހަމަ އަސްލުބާވައޭވެސް" ޖީޒާއަށް ޔަގީންކަން ނުލިބިގެން އުޅޭކަން އެނގުނެވެ.
"ގައިމުންވެސް ޔަގީން. ޖީޒާއަކީ ދުނިޔޭގައިވާތަނެއް"
"ކީކޭ؟"
ބުނިއެއްޗެއް ޖީޒާއަށް ނޭނގުނުކަން އެނގުނެވެ.
"ޖީޒާއަކީ ދުނިޔޭގައި ވާތަނެއް. އެއީ މިސްރުގެ އަހުރާމުތައް ބިނާކޮށްފައިވާ ތާރީޚީ ރަށް. އެކަން މަށަށް ގައިމު. ހަމައެވަރަށް ގައިމުވޭ މަގޭ ހިތް ޖީޒާއަށްޓަކައި ހުސްވެއްޖެކަން."
"އެހެންދޯ؟" ލާނެތް ގޮތަކަށް ޖަވާބުގައި ޖީޒާ ބުންޏެވެ. "އެބައޮތް ޝަރުތުތަކެއް. އެއްބަސްތަ؟"
"ކޮބާ؟" ހިތް އަވަސްވެފައި އަހުރެން ބުނީމެވެ.
"ދީނީ އިޢުތިޤާދުތަކާ ފުށުއަރާ ފާސިދު ގުޅުމަކަށް ނޭދޭތި. ކައިވެނީގެ ކުރިން ބައްޕަމެންނާ ގުޅުންބަދަހިކުރަންވެސް މަސައްކަތް ނުކުރާތި.ކައިވެންޏަށްފަހު އަހަރެން ރާއްޖެ ގެންދަން ނުހަދާތި. ގެންދިޔަޔަސް ގިނަ ދުވަހަކު އަހަރެންނަކަށް ނޫޅެވޭނެ."
ޖީޒާގެ ޝަރުތުތަކުން އަހުރެންގެ ހިތަށް ގުޑުމާއި ހިމޭންކަމާއި އުފާވެރިކަން ގެނުވިއެވެ. އުފާވެރިކަން ގެނުވީ ދީނީ ވިސްނުންތައް ގިނަ ޤައުމެއްގައި އުޅެ ބޮޑުވިޔަސް އިސްލާމްދީނުގެ މައިގަނޑު އުސޫލުތަކަށް ރައްކާތެރިވާ މިންވަރުގެ ބޮޑުކަމުންނެވެ.ހަމަނުޖެހުމާއި ހިމޭންކަން ގެނުވި އެއްސަބަބަކީ ކައިވެންޏަށްފަހު އިންޑިއާއަށް ދިރިއުޅުން ބަދަލުކުރަން ޖެހޭނެކަން ގައިމުވުމުންނެވެ. އެއަށްވުރެ ކަންތައް ބޮޑުވެ ހައިރާންވީ ޖީޒާގެ ބައްޕަމެންނާއި އަހުރެންނާ ދެމެދު ފާރެއްލައި އެ ފާރު ފޫއަޅުވައިލުން މަނާކުރުމުންނެވެ.ޝަރުތުތަކާމެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެ ޝަރުތުތަކަށް އިދިކޮޅުހަދާނެ ހިތްވަރެއް ނުލިބުނެވެ.
"އޯކޭ. މަވެސް އެބައޮތް އެދުމަކާއި ސުވާލެއް."
"މަރުޙަބާ! ކުރިޔަށް ވަޑައިގަންނަވާ" ދިވެހިބަހުގެ އެންމެ މަތީ ދަރަޖައިން ޖީޒާ ޖަވާބު ލިޔުނެވެ.
"ވަރަށް އުފާވެއްޖެ ނަހީތަކަށް ނަފުރަތުކުރާތީ. ހިނގާބަލަ ބުރުގާ އަޅަން. އޭރުން ކޮއްކޮއާވެސް އެއްގޮތް ވީ."
ޖަވާބު ނައިސް ލަސްވިއެވެ. ވުމާއެކު ހިތްހަމަ ނުޖެހުނީކަމަށް ނިންމީމެވެ. ފަސްވަރަކަށް މިނެޓުވީއިރުވެސް ޖަވާބެއް ނައެވެ. ފޯނުގެ ޑާޓާ އޮފްކޮށް އަލުން އޮންކޮށްލީމެވެ. ފުލުފުލުން ޖަވާބުތައް އައެވެ.
"ތިކަމާ ޖެހޭނީ ވިސްނަން. ގައިމުންވެސް ކައިވެނިކޮށްފިނަމަ ބުރުގާއަޅާނަން. އެކަމަކު ބުރުގާ އެޅިއަސް ކޮއްކޮ އާ މަށާ އެއްގޮތްވުމަކީ ދުވަހަކުވެސް ނުވާނެކަމެއް. ދެންކޮބާ ސުވާލަކީ؟ އެދުން ބުނެވިއްޖެ."
"ކީއްވެތަ ރާއްޖޭގައި ނޫޅެވޭނޭ ތިބުނަނީ؟މިހާރުވެސް ހީވަނީ މިތަން ފިނިކަމުން ގަނޑުވެދާނެހެން. އަތް ތުރުތުރުއަޅާވަރުން މެސެޖުވެސް ނުކުރެވިގެން މި އުޅެނީ." އެންމެބޮޑު ކަންބޮޑުވުން ސުވާލެއްގެ ގޮތުގައި ފޮނުވާލީމެވެ.
"ރާއްޖޭގެ ޑަކުޓަރުންނަށް އިތުބާރެއް ނުކުރަން" ކުރުކޮށް އެކަމަކު ސާފުކޮށް ޖީޒާ ބުންޏެވެ. ޖަވާބުގައި ހަމައެކަނި އަހަންނަށް ބުނެވުނީ "އޯކޭ" އެވެ
އެރޭ ނިދުނީވެސް މެސެޖުކުރަމުން ދަނިކޮށެވެ. ހެނދުނު ތެދުވެ ހޫނުފެން ލިބުމުން ފެންވެރީމެވެ. އެހެނަސް ދަތުރުގެ ލަގަން މިހާރުވަނީ އަތުން ބީވެފައެވެ. އަމިއްލަ ބާރުކެނޑިފައެވެ. އެދުވަހު ހުރިހައި ތާކަށްވެސް ދިޔައީ ޖީޒާމެންގެ ބޯކޮޅުބަލަމުންނެވެ.އަހަރެންގެ މަންޒިލަކީ އެމީހުންގެވެސް މަންޒިލެވެ. ރޯސްގާޑަން އާއި ބޮނެޓިކަލް ގާޑަންގެ އިތުރުން ތިރީގައިވާ ނަކާތަކާއިތަންތަން ބެލުމަށް ދުރުމި ބަހައްޓައިފައިވާ އެންމެ އުސް ސަރަހައްދަށް ދިޔައީވެސް ޖީޒާގެ ފަހަތުންނެވެ.އޫޓީލޭކްގައި ޖަލިޔާ ދުއްވީވެސް އެމީހުން ދުއްވީތީއެވެ. މިހުރިހައި ވަގުތެއްގައިވެސް ޖީޒާގެ ޝަރުތުތަކަށް ދިޔައީ ކެތްތެރިކަމާއެކު ބޯލަބަމުންނެވެ. އަހުރެން އުޅޭކަން އެނގޭނީވެސް ޖީޒާއަށާއި ޖަމީލާއަށް އެކަންޏެވެ.
އޫޓީން އައީ ދެ ދުވަހުގެ ދަތުރަކަށްފަހުއެވެ. ކޮއެމްބަތޫރުން ތިރުވަނަންތަޕޫރަމަށް އައީ 7 ދުވަހުގެ ޗުއްޓީހުސްވެ ފުރަން މަތިންދާބޯޓަށް ކިރިޔާ އެރޭވަރަށް ވަގުތު ކުޑަތަންކޮށްފައެވެ.
އެއަށްފަހު ދެމަހުން ދެމަހުން އިންޑިއާއަށްދަމެވެ. ވިސާގެ ސިޔާސަތުގެ ހަރުކަށިކަމާހުރެ މަހަކު އެއްފަހަރު ދެވެންނެތީއެވެ. ދަތުރަކަށްވުރެ ދަތުރެއް އަހުރެމެންގެ ގާތްކަން ދިޔައީ ބޮޑުވަމުންނެވެ. ހޭލާ ހުންނަ ހުރިހައި ވަގުތެއްގައިވެސް އަހުރެމެން ތިބެނީ ގުޅިފައެވެ. ކޮންމެ ރެއަކުވެސް ނިދުމުގެ އަރާމަށް އަހުރެން ގެންދަނީ ޖީޒާގެ ހިތްގައިމު ބަސްތަކެވެ. ގިނަ ދުވަސްދުވަހު ހޭލެވޭނީވެސް ޖީޒާ ގުޅާފަހުންނެވެ. އަބަދުވެސް ޖީޒާގެ އެއްޖުމުލަ އަހުރެންގެ ކަންފަތުގައި ގުގުމައެވެ. "އެއްބިލިއަން މީހުންނަށް ނުކުރެވުނު ކަމެއްސަޢީދު ކޮށްފިއެވެ."
ޖީޒާއާ އުފެދުނު ގާތްކަމެއް ޖީޒާގެ ޢާއިލާކާ ނުއުފެއްދުނެވެ. ކުޑަމިނުން އެ ގެ ހުންނަތަނެއްވެސް ނޭނގުނެވެ. ފުރަތަމަ ދަތުރަށްފަހު ޖީޒާގެ މައިންބަފައިން ފެންނާނެ ފުރުޞަތެއްވެސް ނުލިބުނެވެ. ޖަމީލާއާވެސް ބޮޑުގާތްކަމެއް ނުމެއުފެއްދުނުމެއެވެ.
ހަތަރުވަނަ ފަހަރަށް ޖީޒާއާ ބައްދަލުކުރުމަށް ތައްޔާރުވީމެވެ. އޭރު ހިތުގައި ވަނީ އެންމެ ވިސްނުމެކެވެ. އެއީ ކައިވެންޏެވެ. އަހުރެންގެ މައިންބަފައިންނަށްވެސް ޖީޒާއާ އޮތްގުޅުން ހިއްސާކޮށްފީމެވެ.
ކައިވެނިކުރުމަށް ޖީޒާވެސް ދެކޮޅެއް ނުހަދައެވެ. އެކަމުގެ ރޭވުންތައް ރޭވި ހިމުންވެގެން އައީ ޖީޒާގެ ޚިޔާލުވެސް ހިމެނިގެންނެވެ. އެހެނަސް ކުރިންސުރެ ހުރަސް އެޅިފައިވާ މައިންބަފައިންގެ މައްސަލައަށް "ދެން ބައްދަލުކުރާނީ އޭ" ބުނުން ފިޔަވައި އިތުރު ހައްލެއް ނުލިބެއެވެ.
މިފަހަރުގެ ދަތުރުގައި ބައްޕަ ގެންދިއުމަށް ނިންމީވެސް އެހެންވެގެންނެވެ. އޭރުން އެ ގެއަށްދިއުމުގެ ފުރުޞަތު ލިބޭނެކަމަށް ބަލައިގެންނެވެ. ވަލީހޯދުމާއި އެހެނިހެން އިންތިޒާމުތައް ކުރުމުގެ ފުރުޞަތުވެސް ފަހިވާނެތީއެވެ. އެންމެ އުފާވީ މިފަހަރު ކޮންމެ ގޮތަކުންވެސް ކައިވެނީގެ ކަންތައް ކޮޅެއްގައި ޖެއްސުމަށް ޖީޒާވެސް އެދުމުންނެވެ.
ކޮއެމްބަތޫރުގައި އާންމުކޮށް ހުންނަ ހޮޓަލަށް ގޮސްފޭބީމެވެ. އެކަމަކު އެހެންފަހަރުފަހަރާ ޚިލާފަށް އަހުރެން ދިޔައިރު ޖީޒާއެއް ނެތެވެ. އޮތް އިތުބާރެއްގެ ސަބަބުން ހޮޓަލަށް އައިންތޯ ވެސް ނާހަމެވެ. މި ޚާއްޞަފަހަރު ކަންތައް ދިމާވިގޮތުން ހިތްބިރުގަންނަ ގޮތް ވާންފަށައިފިއެވެ. އެ ބިރުގަތުން އިތުރަށް ބޮޑުވީ ޖީޒާއާ ގުޅަންވެސް އަދި މެސެޖުކުރަންވެސް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވުމުންނެވެ.
ބައްޕަގެ ސުވާލުތައް ފުލުފުލުން އަންނަންފެށިއެވެ. އަހުރެން މަޢުލޫމާތު ދިން މަގު ނޫން އެހެން މަގަކުން ދަތުރުކުރަން ޖެހުމުންނެވެ. ކިޔައިދިން މޫސުން މިތަނުން ތަޖުރިބާ ނުކުރެވުމުންނެވެ.
ހެދޭނެ އިތުރުގޮތެއް ނެތެވެ. ކުރެވޭނެ ކަމެއްވެސް ނުމެނެތެވެ. ޖީޒާއާ ގުޅޭތޯ އިރުއިރުކޮޅުން މަސައްކަތްކޮށްލުން ފިޔަވައެވެ. ސޯޝަލް މީޑިއާގެ ވަސީލަތަކުން ނޫންނަމަ ފޯނުންނެވެ.
ފެންވަރައި ހަމަޖެހިގެން ހޮޓަލުގެ ބޭރުގައި ބޭގަރާރުވެފައި ބައްޕަޔާއެކު ހުރީމެވެ. ޖީޒާ "ގެއްލިގެން" ވިސްނަންޖެހުނު މިންވަރަށްވުރެ ބޮޑަށް ބައްޕަގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވިސްނަންޖެހުނު މިންވަރު މާބޮޑުވިއެވެ. ގަނެފައިވާ ލަދު އެއީ ނުގަންނަ އެއްޗެއްކަމަށް ހަދައި ޖީޒާގެ ކުށެއްނެތްކަމާއި އޭނާ އަންނާނެކަން ސާބިތުކޮށްދިނުންވީ ބޮޑުވެގެންވާ ގޮންޖެހުމަކަށެވެ.
ގަޑިއެއްހާއިރު ފަހުން އިންތިޒާރުގެ ނިމުން އައެވެ. ތަންކޮޅެއް ދުރުގައި ޖީޒާގެ ކާރު މަޑުކޮށްލިއެވެ. ބޭ އިޚުތިޔާރުގައި އެ ދިމާއަށް ދުއްވައިގަނެވުނެވެ. ކުއްލިއަކަށް ހުއްޓެވުނެވެ. ކާރުން ޖީޒާގެ ބައްޕައާއި ޖަމީލާ ނިކުތުމުންނެވެ. އަދި ޖީޒާ ނުނިކުތުމުންނެވެ. ޖަމީލާ އަތުގެ އިޝާރާތުން އަހުރެން ދައްކައިލުމާއެކު ޖީޒާގެ ބައްޕަ އައިސް އަހުރެން ގާތަށް މަޑުކޮށްލިއެވެ.
"ބޭނުން ސަޢީދާ ވަކިން ވާހަކަ ދައްކާލަން" ޖީޒާގެ ބައްޕަގެ ހުށަހެޅުމުގައި ހުރީ ކަންބޮޑުވުމެވެ.
އެންމެންނާ ފޭއަށް އަހުރެމެން ޖެހިލީމެވެ. ޖީޒާގެ ބައްޕަގެ ވާހަކަތައް އަޑުއަހަން ހުރެވުނީ ހައިރާންކަމާއި ހާސްކަމުގެ ތެރޭގައެވެ. ސުވާލުތައް ފުނިފުންޏަށް އަރައިފައިބަމުން ދިޔައެވެ. ހިތުގެ ހިނގުން ހުއްޓި ހިނދުކޮޅަކަށް އަހުރެން ގަނޑުކޮށްލައި ބާރޫދުވިއެވެ. ދުނިޔޭގެ އަޑުބަޑު ނުއިވި އުޑުބަޅުކުރެއްވިހިސާބުގައި ވާހައި މަންޒަރެއް އެއްކޮށްލުވިއެވެ.
"މިކަން މިހެން ވީތީ ވަރަށް ބޮޑަށް މާފަށް އެދެން. މިކަމުގެ ޚަބަރުދަބަރު އަޅުގަނޑަކަށް ނޭނގޭ. އަޅުގަނޑުގެ އޮތް ހަމައެކަނި އެދުމަކީ އެއްވެސް މީހެއްގެ ގާތުގައި މިވާހަކަ ނުދެއްކުން. ދައްކައިފިނަމަ 25 އަހަރުވަންދެން ކުރި މަސައްކަތް ފަނުފުލުން ގޮސް ދިރިއުޅުންވެސް ދަރަނާވެދާނެ. މިކަމުގެ ބަދަލެއްގެ ގޮތުން ބުނިވަރެއް ދޭނަމެކޭ ނުކެރޭނެ ބުނާކަށް. އެހެނަސް ހިތްހަމަނުޖެހިގެން އުޅެންޖެހޭވަރަށްވުރެ ބޮޑުވަރުކޮށްދޭނެކަމުގެ ޔަގީންކަން ދޭން."
ޖަވާބުގައި ހަމައެކަނި ބުނެވުނީ އާއެކޭއެވެ. އެހިސާބުން އެމީހުން ދިޔައީއެވެ.
ރާއްޖެދިއުމުގެ މަސައްކަތް ވަގުތުން ފެށީމެވެ. ބައްޕަގެ ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އެކަމަކު އެސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ. ޖީޒާއަކީ ޚުންސާއެއްކަމާއި އުމުރުން ދެމަހުގައި އެކަން ފާހަގަވީ ހިސާބުންފެށިގެން މިޝަހަރުގައި ވަޒަންވެރިގެން އުޅެނީއެފަދަ ފަރާތްތަކުގެ އެންމެބޮޑު އާބާދީއެއް އިންޑިއާގައި އޮތީ ޓެމިލްނާޑޫގައި ކަމަށްވެފައި އެމީހުންގެ ޙައްޤުތައް އެންމެ ފުޅާކޮށް ލިބެނީވެސް މިސްޓޭޓުންކަމުގައި ވާތީއެވެ. އަދި އެފަދަ މީހުންގެ މައި ނަރަދުގީ ބާއްވާ އެއްތަނަކަށްވެސް މި ޝަހަރުވާތީއެވެ. އެހެނަސް މި މަޢުލޫމާތު ބައްޕައަށް އަންގާކަށް ބޭނުމެއްނޫނެވެ. ބުރުގާނާޅާ ސަބަބާއި ބުރުގާ އެޅިޔަސް ކޮއްކޮއާ އެއްގޮތް ނުވާނެކަމަށް ބުނި ސަބަބާއި ރާއްޖޭގެ ޑަކުޓަރުންނަށް ނުދައްކަން އުޅޭ ސަބަބުވެސް މި އެނގުނީއެވެ. މައިންބަފައިންނާ ގުޅުނަނުދިނުމަށް ބަހަނާދެއްކީވެސް އެހެންވެގެންނެވެ. ފޭސްބުކުގައި ދަންނަ ދިވެއްސެއްވެސް ނެތެވެ. ސަހަރޯއެވެ. ކައިވެނިކުރެވުނުނަމަ ވާނީކިހިނެއްބާވައެވެ؟ އެކަމަކު ކުށްވެރިކުރުމަށްވުރެ ބޮޑަށް ޖީޒާއާމެދު ވެވުނީ ހަމްދަރުދީއެވެ.
"އޭނާ އިންނާކަށް ބޭނުމެއްނުވޭ މިހާރަކު" ތަކުރާރުކޮށް ބައްޕަ ކުރަމުން އައި ސުވާލުތަކުގެ ޖަވާބަށް އެންމެ ފަހުން ކުރަކިވެފައިވާ އަޑަކުން އަހަރެން ބުނީމެވެ.
"ހުސް ސުވާލު" ޖަވާބުގައި ބައްޕަ ބުންޏެވެ.
އެވާހަކައަކަށް ރައްދެއް ނުދެމެވެ. މިހާރު އަހުރެންގެ ހިތުގައިވެސް ހަމަ ސުވާލުއުފައްދަން ފަށައިފިއެވެ. އެއީ އަނެއްކާ ކައިވެންޏާ ނުގަބޫލުވެގެން އަހަރެމެން ދުރުކުރަން ޖީޒާގެ ބައްޕަ ޖެހި މަޅިއެއް ނޫންބާވައެވެ؟ ކޮންމެ ގޮތެއްވިޔަސް ޖީޒާއާ ގުޅޭ އެއްވެސްކަމެއްގެ ޙަޤީޤަތް އިތުރަށް ހޯދާކަށް ދެން ބޭނުމެއް ނޫނެވެ.އޭނާއާގުޅޭ އެއްވެސް ސުވާލަކަށް ޖަވާބެއްވެސް ބޭނުމެއް ނުމެނޫންމެއެވެ. ބޭނުންވަނީ އެސުވާލުތައް ސުވާލުތަކެއްގެގޮތުގައި ބާއްވާށެވެ. ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ކޮންމެހެން ފައިސާގެ ބޭނުމަކު ނޫނެވެ. ޚުދު އަހުރެންގެ އަނގަ އިތާވެދާނެކަމަށްޓަކައެވެ. ދެން ރާއްޖޭގެ ފަސްގަނޑުގައި ނޫޅޭ މީހަކާ ދިމާއަށް އެނަޒަރުން ބަލައިވެސް ނުލާނަމެވެ.ޖީޒާގެ ނަންބަރު ފޮހެލައި ފޭސްބުކުން އޮތް ރައްޓެހިކަން ނިގުޅައިގެންފީމެވެ.