19 Jun 2015, 21:13
މީގެ ފަހުން މަގުތަކަށް ކުނި އަޅާނަމަ ޖޫރިމަނާ ކުރާނެ ކަމަށް އެންވާރަމެންޓަލް ޕްރޮޓަކްޝަން އެޖެންސީ(އީޕީއޭ) އިން ބުނެފިއެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ މަގުތަކަށް ކުނި އަޅަމުންދާ ފަރާތްތައް ކުނި އެޅި ތަނަކާއި ކުނި އެޅިމިންވަރަކަށް ބަލައި ކުނިމެނޭޖު ކުރުމާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެގަވައިދުގެ ދަށުން ކުނިއެޅުން މަނާތަންތަން ކަމަށްވާ މަގުމައްޗަށް ކުނި އަޅައިފިނަމަ 501 ރުފިޔާއާއި ސަތާކަ މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެއެވެ.
ރަމަޟާން މަހަށް މާލޭގެ ގެތައް ސާފުކުރުމުން އުފެދޭ ކުނި އުކާލަދިނުމަށް ސަރުކާރުގެ އިދާރާތަކުން ހިންގި ޕްރޮގުރާމް ނިމިފައިވާ ކަމަށާއި ނަމަވެސް މިހާރުވެސް ބައެއް ފަރާތްތައް މާލޭގެ މަގުމައްޗަށް އަޅަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.
މާލޭގެ މަގުތަކަށް ގިނަ އަދަދަކަށް ކުނި ޖަމާކޮށްފައި ހުރުމުން ހައުސިން މިނިސްޓްރީ އިން މިއަދު ވަނީ 50 މުވައްޒަފުންނާއި 12 ވެހިކަލް ބޭނުންކޮށްގެން ކުނި އުކާލާފައެވެ. އެގޮތުން ޖުމްލަ 68 ލޮރީގެ ކުނި އުކާލާފައިވާ ކަމަށް އެމިނިސްޓްރީ އިން ބުންޏެވެ.