އިމާރާތް ކުރަން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާ އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ މަސައްކަތް އަންނަ މަހުގެ 25 ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓުރީއިން ބުނެފިއެވެ.

އެންމެ ފަހުން އެއިމާރާތް ނިމޭނެ ކަމަށް ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށެވެ. އެމަސައްކަތަކީ ނުނިމި ދިގުލައިގެން ގޮސްފައިވާ މަސައްކަތެކެވެ.

ދައުލަތުގެ ޓީވީގެ ރާއްޖެ މިއަދު ޕުރޮގުރާމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމު ވިދާޅުވީ މިހާރު އެއިމާރާތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ މަހުގެ ނިޔަލަށް އެއިމާރާތް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"މިމަސައްކަތް ލަފާކުރެވޭގޮތުގައި ޖުމަލައި 25 ގެ ނިޔަލަށް ނިމޭނެ ކަމަށް ދެން. އިންޑިއާ ސަރުކާރުގެ އެހީގައި އައިޖީއެމްއެޗްގެ މަރާމާތު ކުރުމުގެ ޕްރޮޖެކްޓުގައި ހިމެނޭ ޕުރައިވެޓް ވޯޑް އަދި ބޭސްމަންޓު ސުޓޯ ސަރަހައްދުގެ އިތުރުން ސާޖިކަލް ވޯޑަކާއި ޕީޑީއެޓްރިކް ވޯޑެއް ހިމެނޭ." މިނިސްޓަރު އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިމަހު 25 ފެށިގެން އެހޮސްޕިޓަލްގެ ލެބޯޓުރީ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ 11 ބުރީގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަނަށް 68 މިލިއަން ރުފިޔާ އަށް 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވެސް ވަނީ ހަވާލުކޮށްފައެވެ. އެ ހަފްލާގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އޭރުގެ ހެލްތް މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު ވިދާޅުވެފައި ވަނީ، އެ މަސައްކަތް އެ ފަހަރު ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާލާ ގޮތަށް ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އިސްލާމިކް ބޭންކްގެ ލޯނެއްގެ އުސޫލުގެ ދަށުން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެދުވަހު ވާހަކަ ދައްކަވަމުން އަމީން ކޮންސްޓްރަކްޝަންގެ އެމްޑީ އަބްދުﷲ މުހަންމަދު ވިދާޅުވެފައިވަނީ، މިހާތަނަށް ވެސް މަސައްކަތް ހުއްޓިފައި ވަނީ އެ ކުންފުންޏަށް ލިބެން ޖެހޭ ޕޭމަންޓްތައް ނުލިބޭތީ ކަމަށާއި މިފަހަރު އެފަދަ މައްސަލަތަކެއް ދިމާނުވެ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އައިޖީއެމްއެޗްގެ އާއިމާރާތުގެ މަސައްކަތް ނުނިމުމުގެ ސަބަބުން އެ ހޮސްޕިޓަލަށް އަންނަނީ ޖާގައިގެ ބޮޑެތި ދަތިތަކާއި ކުރިމަތު ވަމުންނެވެ.