ބުރިޖުގެ މަޝްރޫ ކުރިއަށް ގެންދިއުމަށް ޓަކައި ދަރުބާރުގޭ ސަރަހައްދުން ސުނާމީ ބިނާއާ ހިސާބުގައި ބަހައްޓާފައި ހުރި ގާޑިޔާތައް ނަގައިފި އެވެ.

ދަރުބާރުގޭގެ ހުޅަނގުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ހުރި ހުރިހާ ގާޑިޔާއެއް ނަގާފައިވާ އިރު ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ގާޑިޔާތައް އެސަރަހައްދުން ނެގީ ވަގުތީ ގޮތުން ކަމަށެވެ. އެކަން ކުރީ ބުރިޖުގެ މަޝްރޫއަށް ފަސޭހަ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބުރިޖުގެ މަޝްރޫއަށް ޖާގަ ބޭނުންވާތީއާ އެކީ ހުސްކުރަނީ." މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގާޑިޔާތަކަށް ބޮޑުތަކުރުފާނު މަގުގެ އެހެން ސަރަހައްދަކުން ޖާގަދީފައިވާނެ ކަމަށެވެ.

ސުނާމީ ބިނާ، އެ ސަރަހައްދުން ބަދަލުކުރަން ވެސް އެ މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އެމިނިސްޓްރީ އިން ބުނީ އެގޮތަށް ނިންމީ ހުޅުލެ-މާލެ ބްރިޖް ގުޅުވާނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތު ސުނާމީ ބިނާ ސަރަހައްދަށް ކަމަށް ވާތީ ކަމަށެވެ. ސުނާމީ ބިނާ މިހާރު ހުރި ސަރަހައްދަކީ ބްރިޖުގެ ލޭންޑިން ސަރަހައްދެވެ.