ޗައިނާގެ މުސްލިމުން އެންމެ ގިނަ ރީޖަން، ޝިންގް ޖިއާން ރީޖަނުގެ ޓީޗަރުންނާއި ސިވިލް ސާވަންޓުންނާއި ކިޔަވާ ކުދީން މި ރޯދަ މަހު ރޯދަ ހިފުން މަނާކޮށްފި އެވެ.

ސައުދީ ގެޒެޓުން މިއަދު ބުނީ އެ ރީޖަނުގެ ހޮޓާ ރެސްޓޯރަންޓުތައް ވެސް ރޯދަ މަހު ދުވާލު ހުޅުވާފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފަތިހު ފަޖުރުއްސޯދިގުން ފެށިގެން އިރުއޮއްސެންދެން މުސްލިމުން ނުކައި ރޯދަ އަށް ތިބުމަކީ ފަރުޟެކެވެ. ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގިނަ އޮފިޝަލުންނަކީ ވަކި ދީނެއް ގަބޫލު ނުކުރާ އެތީސްޓުން ކަމަށާއި ޝިންގް ޖިއާންގެ މީހުން ރޯދަ ހިފުން މަނާ ކުރާތާ ޒަމާންތަކެއް ވެފައިވާ ކަމަށް ސައުދީ ގެޒެޓުން ބުންޏެވެ.

"ކާބޯތަކެތި ވިއްކާ ތަންތަނާއި މަސައްކަތް ކުރާ ތަންތަން ހުންނަން ޖެހޭނީ ރޯދަ މަހު ވެސް، ކުރިއެކޭ އެއްގޮތަށް ހުޅުވާފައި،" ބުރާސްފަތި ދުވަހު މުސްލިމުން ހިފަން ފެށިރޯދަމަހާ ދިމާކޮށް އެ ކައުންޓީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވެ އެވެ.

އަދި އެ ވެބްސައިޓްގައި ބުނީ މުސްލިމުން ރޯދަ މަހު ރޯދަ ހިފައިގެން ނުވާނެ ކަމަށާއި ދީނީ ހަފްލާތައް ވެސް ބާއްވައި ހަދައިގެން ނުވާނެ ކަމަށެވެ.