ޓެކްސް އަށް މަކަރު ހެދޭ ފަދަ ގޮތަކަށް ޓެކްސްގެ ނިޒާމު އޮތް ގައުމުތައް ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އިން ދެކޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމަނައިފި އެވެ.

މިދިޔަ ބުދަ ދުވަހު އާއްމުކުރި އެ ލިސްޓްގައި ރާއްޖެއާ އެކު ދެން ހިމެނެނީ ވެސް ގިނައިން ކުދި ޖަޒީރާ ގައުމުތަކެވެ. އޭގެ ތެރޭގައި ބުރޫނާއީ އާއި ބަހާމާސް އާއި ބާބެޑޯސް ވެސް ހިމެނެ އެވެ.

އީޔޫގެ ލިސްޓްގައި 30 ގައުމެއް ހިމެނޭ އިރު އެ ގައުމުތަކަކީ ޓެކްސް ނެގުމާ ބެހޭ ބައިނަލް އަގުވާމީ އަދި އީޔޫއިން ގަބޫލުކުރާ މިންގަނޑުތަކަށް އަމަލު ނުކުރާ ކަމަށް އެޖަމާއަތުގެ މެމްބަރުންގެ ގޮތުގައި ތިބި 10 ގައުމަކުން ދެކޭ ގައުމުތަކެވެ. އެ ލިސްޓްގައި ރާއްޖެ ހިމަނަން ޖެހޭ ކަމަށް ބުނެފައި ވަނީ ބެލްޖިއަމާއި ބަލްގޭރިއާ އާއި ކްރޮއޭޝިއާ އާއި އެސްޓޯނިއާއާއި އިޓަލީއާއި ލެޓްވިއާއާއި ލިތުއޭނިއާއާއި ޕޮލެންޑާއި ޕޯޗުގަލްއާއި ސްލޮވީނިއާއިންނެވެ.

ޔޫރަޕިއަން ކޮމިޝަނުން އެ ލިސްޓް އެކުލަވައިލަނީ ޓެކްސްގެ ނިޒާމު ރަނގަޅު ކުރުމަށް ގައުމުތަކަށް ބާރު އެޅުމަށެވެ. އެ ލިސްޓްގައި ހިމެނޭ އެއްވެސް ގައުމަކާ ދެކޮޅަށް އީޔޫއިން ފިޔަވަޅެއް ނާޅާނެ އެވެ.