19 Jun 2015, 20:49
މޮސްކޯ (ޖޫން 19) : ނިއުކްލިޔަރ ހަކަތަ އާއި ފަޒާގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ އެއްބަސްވުންތަކެއްގައި ރަޝިޔާއާއި ސައޫދީ އަރަބިޔާއިން ސޮއިކޮށްފިއެވެ.
މިއެއްބަސްވުންތަކުގައި އެދެގައުމުން ސޮއިކޮށްފައިވަނީ ސައޫދީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަމަށް ސައޫދީ އަރަބިޔާގެ މީޑިޔާ ބުނެއެވެ. މިއެއްބަސްވުންތަކުގެ ދަށުން ސައޫދީ ދަރިވަރުންނަށް ނިއުކްލިޔަރ ސައެންސާއި ފަޒާގެ ސައެންސްގެ ދާއިރާއިން ރަޝިޔާގެ ޔުނިވަރސިޓީތަކުގައި ކިޔެވުމާއި ރަޝިޔާގެ ކަމާބެހޭ މަރުކަޒުތަކުގައި ތަމްރީން ލިބުމުގެ ފުރްސަތު ފަހިވެގެންދާނެ ކަމަށް ސައޫދީ މީޑިޔާ ބުނެއެވެ.
މީގެއިތުރުން ސައޫދީ އަރަބިޔާގައި ނިއުކްލިޔަރ ރިއެކްޓަރުތަކާއި ފަޒާއާބެހޭ މަރުކަޒުތައް ބިނާކުރުމުގެ އެތަށް ބިލިޔަން ޑޮަލަރުގެ މަޝްރޫޢުތައްވެސް ރަޝިޔާގެ ކުންފުނިތަކަށް ލިބިގެންދާނެކަމަށް ވެއެވެ. އަނެއްކޮޅުން ރަޝިޔާގައި އުފައްދާ ޒަމާނީ ޓެކްނޮލޮޖީގެ ބައެއް ހަތިޔާރު ގަތުމުގެ ޝައުގުވެރިކަންވެސް ސައޫދީ ވަލީއުލްއަހްދުގެ ނައިބު އަދި ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާންގެ މިދަތުރުފުޅުގައި ސައޫދީ މަސްއޫލުވެރިން ފާޅުކުރައްވާފައިވެއެވެ.
މިގޮތުން ރަޝިޔާއިން އުފައްދާފައިވާ އިސްކަންދަރު މަރުކާގެ ވައިގެ ދިފާއީ ނިޒާމެއް ގަތުމަށް މޮސްކޯއަށް ވަޑައިގެން އުޅުއްވާ ސައޫދީ ވަފްދުގެ ބޭފުޅުން ފާޅުކުރައްވާފައިވާ ކަމަށް ރަޝިޔާގެ އާރުޓީ ނިއުސް ނެތްވާކް ބުނެއެވެ. ސައޫދީ އަރަބިޔާއަކީ އެގައުމަށް ބޭނުންވާ ހަތިޔާރާ މަތިފެންވަރުގެ ޓެކްނޮލޮޖީގައި އެމެރިކާއަށާއި ހުޅަނގުގެ އެހެން ބާރުތަކަށް ބަރޯސާވުމުގެ ސިޔާސަތެއް ގެންގުޅެމުންގެންދާ ގައުމެކެވެ. ނަމަވެސް އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި ކަންބޮޑުވާކަން ހާމަކުރަމުން ގެންދާ ސައޫދީ އަރަބިޔާ މިފަހަކަށް އައިސްވަނީ އެމެެރިކާ އާ ދުރުވެ ރަޝިޔާއާ އަދި ޗައިނާ އާ ގާތްވުމުގެ ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ.
ސައޫދީންނަކީ މިހާތަނަށް ނިއުކްލިޔަރ ޓެކްނޮލޮޖީ ކުރިއަރުވަން މަސައްކަތް ކޮށްފައިވާ ގައުމަކަށް ނުވިނަމަވެސް އީރާނުގެ ނިއުކްލިޔަރ ޓެކްނޮލޮޖީއަށް ނުސީދާ ގޮތެއްގައި އެމެރިކާއާއި ހުޅަނގުގެ އެހެން ބާރުތަކުން އިޢްތިރާފް ވުމާގުޅިގެން ސައޫދީ އަރަބިޔާވަނީ ނިއުކްލިޔަރ ޓެކްނޮލޮޖީއާ ދިމާއަށް މިސްރާބު ޖަހާފައެވެ. ނިއުކްލިޔަރ ޓެކްނޮލޮޖީ ހޯދަން އެމެރިކާއަށްވުރެ ފަސޭހަވާނީ ރަޝިޔާއިންކަމަށް ސައޫދީން ދެކެއެވެ.
ފަޒާއާއި ނިއުކްލިޔަރ ޓެކްނޮލޮޖީ ފަދަ ދާއިރާތަކުގައި ސައޫދީންގެ ވާދަވެރިޔާ އީރާން އެތަށް މަރްޙަލާތަކެއް ކަޑައްތުކޮށް އަމިއްލަފައިމައްޗަށް ތެދުވެފައިވާއިރު ސައޫދީން މިހާތަނަށްވަނީ މިދާއިރާތަކަށް ނުވަދެ ވަގުތުތައް ބޭކާރުކޮށްލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)