ރާއްޖޭގެ 50 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން "ވިމެން އޮން ބޯޑްސް" ޖަމްއިއްޔާ އާއި ސަން މީޑިއާ ގްރޫޕް ގުޅިގެން ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 50 އަންހެން ކަނބަލުންގެ ވީޑިއޯ ޕްރޮފައިލެއް ތައްޔާރުކޮށް ވިމެން އޮން ބޯޑްސްގެ ކުއާޓަލީ ބްލެޓިންގ ގައި ޚާއްސަ ސަޕްލިމެންޓެއް ނެރުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުއްވާ މަސައްކަތްތެރި އަންހެން ކަނބަލުންނަށް އެ ޑޮކިއުމެންޓްރީގައި ބައިވެރިވުމުގެ ފުރުސަތު މިިހާރު ހުޅުވައިލައިފައިވާ ކަމަށް އެ ޖަމިއްޔާ އިން ނެރެފައިވާ ނޫސްބަޔާނެއްގައިވެ އެވެ.

އެކަމަށް ޝައުގުވެރިވާ އަންހެން ކަނބަލުން ނޮމިނޭޝަން ފޯމް ފުރުމަށްފަހު މިމަހުގެ 24 ވަނަ ދުވަހުގެ ހަވީރު 5:00 ގެ ކުރިން އެ ޖަމިއްޔާއަށް ފޮނުވުމަށް ވަނީ އެދިފައެވެ.

އެޖަމްއިއްޔާ އިން ބުނީ 3314920 އަށް ގުޅުއްވުމުން އެކަމާ ބެހޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ. ނުވަތަ އެ ޖަމްޢިއަޔާގެ ވެބްސައިޓް www.womenonboards.org.mv އަށް ޒިޔާރާތް ކުރެއްވުމުން ވެސް އިތުރު މައުލޫމާތު ލިބޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ވިމެން އޮން ބޯޑްސް" އަކީ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމަށާއި، ވިޔަފާރީގައި އަންހެނުން އިސްދައުރެއް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުމަށާއި، އަންހެނުންނަށް ކެރި އަރ ގައިޑެންސް، ކޯޗިންގް އަދި މޮނިޓަރިންގ ޕްރޮގޮރާމްތައް ހިންގުމާއި، މަދަނީ ޖަމްޢިއްޔާތަކުގެ ބޯޑާއި ކޮމެޓީތަކުގެ އަންހެނުން ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުމަށާއި، ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި ގުޅިގެން ޖެންޑަރ އީކުއަލިޓީއަށް މަސައްކަތްކުރުމަށާއި، ކޯޕަރޭޓް ގަވަރނަންސް އުސޫލްތައް ކުރިއެރުވުމާއި ބޯޑު ޑައިވަރސިޓީ ޕްރޮމޯޓުކުރުމަށް މަސައްކަތްކުރުމަށާއި، ބޯޑުތަކުގައި ބައި ވެރިވާ އަންހެނުންގެ ޙައްގުތަށް ޙިމާޔަތް ކުރުމަށް މަސައްކަތްކުރުމަށްޓަކައި މި އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރަޖިސްޓަރީ ކުރެވިފައިވާ ޖަމްޢިއްޔާއެކެވެ.