އެމެރިކާގެ ޓެކްސަސްގައި 1949 ވަނަ އަހަރު އުފަންވި ސްކިޕް އެސްޓެސް އަކީ ނަޞާރާ ދީނަށް ވަރުގަދައަށް ތަބާވާ އާއިލާއަކަށް ނިސްބަތްވި ބޭފުޅެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ބޮޑުފުޅުވީ ނަޞާރާދީނުގެ ކެތަލިކް މަޒްހަބުގައި ވަރުގަދައަށް ސާބިތުވެފައި ހުރި މީހެއްގެ ގޮތުގައެވެ. އޭނާ ވެވަވަޑައިގެންނެވީ ހަމަ އެކަނި އެދީނަށް ތަބާވި މީހަކަށް ނޫނެވެ. ނަމަވެސް އެދީން ފަތުރަން މަސައްކަތް ކުރި މީހެކަށެވެ.

ނަޞާރާ ދީނުގެ ފާދިރީއެއްގެ ގޮތުގައި ހުރި ސްކިޕް އެސްޓެސް އިސްލާމްވީގޮތް އެއީ އޭނާ މިހާރު ތަކުރާރުކޮށް ކިޔައިދޭ، ދުނިޔޭގައި ވެސް މަޝްހޫރު ވާހަކައެކެވެ.

އެސްޓެސް އިސްލާމްވުމަށް މެދުވެރިވީ އިސްލާމްދީނުގެ ބޮޑު އިލްމުވެރިއަކު ނުވަތަ އިމާމަކު އޭނާއަށް ނަސޭހަތް ދީގެންނެއް ނޫނެވެ. ނަމަވެސް އޭނާއާ ބައްދަލުވީ މުސްލިމުންގެ ތެރެއިން އާދައިގެ މީހަކާއެވެ. އެސްޓެސް ވިދާޅުވެފައިވާ ގޮތުގައި އެއީ މުސްލިމުންގެ ތެރެއިން އޭނާއާ ބައްދަލުވެ ވާހަކަ ދެއްކި ފުރަތަމަ މީހާއެވެ. އެހެނީ އޭނާ ހުރީ އަންނަ ރުޅިން މުސްލިމުންނާ ވާހަކަ ވެސް ނުދައްކަން ގަސްދުކޮށްގެންނެވެ. ނަމަވެސް މިހާރު އެސްޓެސް އަކީ އިސްލާމްދީނަށް ދައުވަތު ދެއްވުމުގެ މަސައްކަތް ކުރައްވާ މަޝްހޫރު ދާއީއެކެވެ. މަޝްހޫރު ޕީސްޓީވީން އޭނާގެ ނަސޭހަތްތަކާއި ތަޤުރީރުތައް އެތައް މިލިޔަން ބަޔަކަށް ފެނެއެވެ.

އެސްޓެސް އިސްލާމްވުމުގައި މެދުވެރިއަކަށްވީ މުސްލިމް މީހާއާއި އޭނާއާ ބައްދަލުވީ ފުރަތަމަ ވެސް އަމިއްލަ ގެއިންނެވެ. އޭނާ ގެއަށް އައީ އެސްޓެސްގެ ބައްޕައާއި އެކުގައެވެ.

އިސްލާމްވެވަޑައިގެންނެވުން

ޔޫސުފް އެސްޓެސްއަށް އިސްލާމްދަީނުގެ އަލިކަން ލިބިވަޑައިގެންނެވީ ދީނުގެ ބޮޑު ޢާލިމެއްގެ ސަބަބުންނެއް ނޫނެވެ. ނަމަވެސް ހަމަ އާންމު އާދައިގެ މުސްލިމަކާ އޭނާއާ ދެކެވުނު ވާހަކަ ތަކަކުންނެވެ.

"... 1992 ވަނަ އަހަރު އަހަރެންގެ ބައްޕަ މިސްރު މީހަކާއި އެކު ވިޔަފާރި ކުރަން ފެށިއެވެ. އަދި އެމީހާއާއި އަހަރެން ބައްދަލުކުރުމަށް އެދޭ ކަމަށް ބައްޕަ ބުންޏެވެ. (މަސައްކަތުގައި) ބައިނަލްއަގުވާމީ ރަހައެއް ލައްވައިލަން ބޭނުންވެފައި ހުރީތީ ބައްޕަގެ އެ ހިޔާލު އަހަރެންނަށް ކަމުދިޔައެވެ. 'އަހުރާމްތަކާއި ސްފިންކްސްއާއި ނީލަ ކޯރު ކަލެއަށް އެނގޭނުން' ބައްޕަ ދެން ބުނީ އޭނާއަކީ އެމީހާއަކީ މުސްލިމެއް ކަމަށެވެ. ' މުސްލިމެއް؟ ނުވާނެ ތިޔަކަމެއް'، އަހަރެން ބުނީމެވެ،" ފުރަތަމަ މުސްލިމް މީހާއާ ބައްދަލުވުމުގެ ފުރުސަތު ލިބުނު ގޮތާއި ބެހޭ ގޮތުން އެސްޓެސް ލިއުއްވާފައި ވެއެވެ.

މިސްރު މީހާއާ ބައްދަލު ނުކުރަންވީ ސަބަބާއި ބެހޭ ގޮތުން ބައްޕައާ ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، ކަމަށް ލިއުއްވާފައި ވަނީ "އެމީހުންނަކީ ޓެރަރިސްޓުންނާއި ކިޑްނެޕްކުރާ މީހުންނާއި ހައިޖެކް ކުރާ މީހުންނާއި ބޮން ގޮއްވާ މީހުން،" ކަމަށެވެ.

ނަމަވެސް އެންމެ ފަހުން އެސްޓެސް އެމީހާއާ ބައްދަލު ކުރެއްވި އެވެ. އަދި ދުވަސްކޮޅަކުން އަގީދާއާ ބެހޭ ގޮތުން އޭނާއާ ވާހަކަ ދައްކަވަން ފެއްޓެވީ ނަޞާރާދީނަށް އޭނާ ވެއްދުމުގެ ބޭނުމުގައެވެ. އެހެންވެ އަގީދާއާ ބެހޭ ގިނަ ސުވާލުތަކެއް އެސްޓެސް އޭނާއާ ކުރިމަތިކުރެއްވި އެވެ.

ހައިރާންކަން ލިބުނު ޖަވާބުތައް

އެސްޓެސް: ކަލޭ ކަލާންގެ ގަބޫލު ކުރަންތަ؟

މުސްލިމް މީހާ: އާނ، ގަބޫލުކުރަން.

އެސްޓެސް: އާދަމްއާއި ހައްވާ(ގެ ވާހަކަ) ގަބޫލުކުރަންތަ؟

މުސްލިމް މީހާ: އާނ!

އެސްޓެސް: އަބްރަހަމް (އިބްރާހީމް ޢަލައިހިއްސަލާމް) އާ ބެހޭ ގޮތުންނޯ؟

މުސްލިމްމީހާ: އާނ!

އެސްޓެސް: މޫސާ ޔޯ؟

މުސްލިމް މީހާ: އާނ.

އެސްޓެސް: އީސާޔޯ، އެއީ ކަލާންގެ މަސީހާ ކަން ގަބޫލުކުރަންތަ؟

މުސްލިމް މީހާ އެ ސުވާލުގެ ޖަވާބުގައި ވެސް ބުނީ އާނއެކޭ އެވެ.

މުސްލިމް މީހާ ދިން ޖަވާބުތަކާ ގުޅިގެން އޭނާ ނަޞާރާ ދީނަށް ވެއްދުމުގެ އުއްމީދު އެސްޓެސް އަށް ބޮޑުވި އެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ.

އެސްޓެސްއަށް އިސްލާމްދީނުގެ ރަނގަޅުކަން ވިސްނުނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެ، ފިކުރުބޮޑުވާ ބަލި (ޑިޕްރެޝަން) އާ ކުރިމަތިވެފައި ހުރި ނަޞާރާ ދީނުގެ ފާދިރީއަކަށް މުސްލިމް މީހާގެ ފަރާތުން ހަމަޖެހުން ލިބުމުންނެވެ. އަދި އެ ފާދިރީ ދެ ފަހަރަކު މިސްކިތަށް ޒިޔާރަތް ކުރުމަށް ފަހު އިސްލާމް ވުމަކީ ވެސް ދީނާއި މެދު ވިސްނުމަށް އޭނާއަށް މަޖުބޫރު ކުރިވި ކަމެކެވެ. އޭނާއަށް އިސްލާމްދީނާ މެދު ވިސްނައި، ދިރާސާ ކުރަން އެންމެ ބޮޑު ބާރަކަށްވީ އަނެއް ކަމަކީ އިސްލާމްދީނުގެ ފޮތް، ކީރިތި ޤުރުއާނަކީ މީގެ 1400 އަހަރު ކުރިއްސުރެ، އެއްވެސް ބަދަލެއް ނައިސް އޮތް ފޮތެއް ކަމާއި އެފޮތް އެކުގައި އެތައް މިލިޔަން މީހުންނެއް ހިތުދަސްކޮށްފައިވާ ކަން އެނގުމުންނެވެ.

މުޙައްމަދު ޢަބުދުއް ރަޙުމާން ނަމަކަށް ކިޔާ މިސްރު މީހާއާ އެންމެ ފަހުން ދީނާ ބެހޭ ގޮތުން އެސްޓެސްއާއި އޭނާގެ އަނބިކަނބަލުން މަޝްވަރާ ކުރެއްވީ ރޭނގަނޑެއްގައެވެ. އެރޭ އެމަޝްވަރާގައި ތިއްބައި ފަތިސް ވުމުން މުޙައްމަދު ފަތިސް ނަމާދު ކުރި އެވެ. އެރޭ އެސްޓެސް ކުރެއްވި ކަމަކީ ގޭގެ އަނެއް ފަރާތަށް ވަޑައިން ބިންމަތީގައި ފިލާގަނޑެއް އަޅުއްވައި، މުސްލިމުން ނަމާދު ކުރާ ދިމާލަށް އެނބުރި ބިންމަތީގައި މޫނު ޖެއްސުމެވެ.

" މާތް ރަސްކަލޯކޯ. ތިޔަ އިލާހު ވޮޑިގެން ވާނަމަ މިއަޅާއަށް ތެދުމަގު ދައްކަވައިފާންދޭވެ. ތެދުމަގު ދައްކަވައިފާންދޭވެ،" ފިލާގަނޑުގައި ނިތްކުރި ޖައްސަވައިގެން އޮންނަވައި އެސްޓެސް ދުއާ ކުރެއްވި އެވެ.

އަދި އެއަށް ފަހު ތެދުވެވަޑައިގެންނެވުމުން ހަށިގަނޑުގެ ތެރޭގައި ކަމެއް ބަދަލުވެއްޖެ ކަމުގެ އިހުސާސް އޭނާއަށް ކުރެއްވުނު ކަމަށް އެސްޓެސް ލިއުއްވާފައި ވެއެވެ. އަދި އޭނާ ކޮޓަރިއަށް ވަޑައިގެން ފެންވެރުއްވި އެވެ.

އަދި އެއަށް ފަހު ނުކުމެ ވަޑައިގެން އިސްލާމްވީ ފާދިރީ ޕީޓާ ޖޭކޮބްސްއާއި މުޙައްމަދުގެ ކުރިމަތީގައި ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ، އެސްޓެސް އިސްލާމްވެވަޑައިގެންނެވި އެވެ. އެސްޓެސް އިސްލާމްވެވަޑައިގެންނެވުމުން އޭނާގެ އަނބިކަނބަލުންނާއި ބައްޕާފުޅުވެސް އިސްލާމްވެވަޑައިގެންނެވި އެވެ.