19 Jun 2015, 14:12
(ކުއާލަލަމްޕޫރު ، މެލޭޝިއާ. އޭޕީ) މިދިޔަ ހޯމަ ދުވަހު ގެއްލުނު މެލޭޝިއާގެ ތެޔޮ ޓޭންކަރު ކަނޑުފޭރޭ ބައެއްގެ އަތްދަށުގައި އޮއްވައި ފެނިއްޖެ އެވެ.
މެލޭޝިއާގެ އޮފިޝަލަކު ވިދާޅުވީ ތެޔޮ ޓޭންކަރާ ދިމާއަށް އެގައުމުގެ ކަނޑުގެ ސިފައިން ދަތުރުކުރަން ފެށުމުން، ޓޭންކަރުގެ ލައިފްބޯޓުގައި ކަނޑުފޭރޭމީހުން ފިލާފައިވާ ކަމަށެވެ.
މެލޭޝިއާ ކަނޑުގެ ސިފައިންގެ ވެރިޔާ ޢަބުދުލް ޢަޒީރު ޖަޢުފަރު ވިދާޅުވީ އެމްޓީ އޯކިމް ހާމަނީ އަށް އަރައި ތިބި ކަނޑުފޭރޭ އަށް މީހުންނަކީ އިންޑޮނޭޝިއާ މީހުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ އަށް މީހުން ބޯޓް ދޫކޮށް ދިޔައީ އިއްޔެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިއެޓްނާމް ސިފައިން ވަނީ ލައިފް ރާފްޓެއްގައި ތިބި އަށް މީހަކު ހައްޔަރުކޮށްފައި ކަމަށާއި އެމީހުންނަކީ ފެތުނު މަސްބޯޓަކުން ސަލާމަތް ވީ ބަޔަކު ކަމަށް ބުންޏަސް، އެއީ ޓޭންކަރު ހައިޖެކް ކުރިމީހުން ކަމަށް ބެލެވޭ ކަމަށް ޖަޢުފަރު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު 7.5 މިލިޔަން ލީޓަރުގެ ޕެޓްރޯލާ އެކު ޓޭންކަރު ގެއްލުނު އިރު އޭގައި ތިބީ މެލޭޝިއާގެ 16 މީހުންނާއި އިންޑޮނޭޝިއާގެ ފަސް މީހުންނާއި މިޔަންމާގެ މީހެކެވެ. މެލޭޝިއާގެ ކަނޑުގެ ސިފައިންގެ ބާރުގެ ދަށަށް ބޯޓް ގެނެވުނު އިރު ފައިގެ ފަލަމަސްގަނޑަށް ވަޒަނެއް އަރާފައިވާ އިންޑޮނޭޝިއާ މީހަކު ފިޔަވައި އެންމެންގެ ހާލުވެސް ރަނގަޅެވެ. ވިއެޓްނާމްގެ ކަނޑުގެ ސަރަހައްދުން ޓޭންކަރު ފެނުނު އިރު އޭގައި ލާފައިވާ ނޫކުލައިގެ ބަދަލުގައި ކަޅުކުލަ ލާފައިވާ ކަމަށް މެލޭޝިއާ ސިފައިން ކުރިން ވަނީ ބުނެފަ އެވެ.