19 Jun 2015, 14:20
ލަސްވެގަސް (ޖޫން 19) : އެމެރިކާގެ ސައުތު ކެރޮލައިނާ ގައިވާ ކަޅުނަސްލުގެ މީހުންގެ ތާރީޚީ ފައްޅިއަކަށް ޙަމަލާދީ ނުވަ މީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ އެމެރިކާގެ ދޮން ނަސްލުގެ ޒުވާނަކު ހައްޔަރުކޮށްފައިވާ އިރު އެމެރިކާ ވަނީ ނަސްލީ އިމްތިޔާޒުގެ ވަޅުގަނޑެއްގެ ތެރޭގައި ކަމަށް އެގައުމުގެ ކުރީގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
ނަސްލީ އިމްތިޔާޒާއި ގުޅިފައިވާ ޖަރީމާތައް އެމެރިކާގައި އިތުރުވަމުންދާ އިރު ހިތްދަތި ހަގީގަތްތަކާ އެމެރިކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ހިލަރީ ވިދާޅުވި އެވެ. އެމެރިކާގެ ލެސްވެގަސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިލަރީ ވިދާޅުވީ އެމެރިކާ އަށް އޮތީ އެގައުމުގެ މުޖްތަމައުގައި ޒަމާނުއްސުރެ އަށަގެންފައިވާ އުނދަނގޫ ހަގީގަތްތަކާ ކުރިމަތިލުން ކަމުގަ އެވެ. މީގެ ތެރޭގައި ނަސްލީ އިމްތިޔާޒްގެ ޖަރީމާތަކާއި ހަރުކަށިކަން ކުރިޔަށް ނެރުމާއި މީހުން މެރުމާ މީހުންނަށް ބަޑިން ޙަމަލާދީ ބިރުދެއްކުމާއި އަދި ބައިބައިވުމުގެ ނުރައްކާ އެމެރިކާ އަށް ކުރިމަތިވެފައިވާ ކަމަށާއި މިއިން އެއްވެސް މައްސަލައަކަށް ޙައްލެއް ހޯދިފައިނުވާ ކަމަށް ހިލަރީ ވިދާޅުވި އެވެ.
ހިލަރީ ވިދާޅުވީ އެމެރިކާގެ ސައުތް ކެރޮލައިނާ ސްޓޭޓް ގައިވާ ކަޅުނަސްލުގެ މީހުންގެ ތާރީޚީ ފައްޅިއަކަށް ދޮން ނަސްލުގެ ޒުވާނަކު ޙަމަލާދީ ނުވަ މީހުން މަރާލި މައްސަލައަކީ އެމެރިކާގެ އެތެރޭގައިވާ ދާޚިލީ މައްސަލަތަކުގެ ހަގީގަތް ދުނިޔެއަށް ހާމަވެގެން ދިޔަ ކަމެއްކަމުގަ އެވެ. ހިލަރީ ވިދާޅުވީ މިފަދަ ޖަރީމާތައް އެމެރިކާގައި އިތުރުވަމުންދާ އިރު އަޅަންވާ ފިޔަވަޅުތައް ނާޅައި ދޫކޮށްލައިފި ނަމަ މިއަށް ވުރެ ބޮޑު ވަޅުގަނޑަކަށް އެމެރިކާ ވެއްޓިގެން ހިނގައިދާނެ ކަމުގަ އެވެ.
ހިލަރީއަކީ 2016 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޓަކައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަކުރާނެކަން އިޢްލާން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އެމެރިކާ އަށް ކުރިމަތިވެފައިވާ މިބާވަތުގެ މައްސަލަތާކައި ޑްރަގްގެ ވަބާ ފަދަ މައްސަލަތައް ޙައްލުކުރުމުގެ ގާބިލްކަން ހިލަރީގެ ކިބާގައި ހުރިކަމާމެދު ސުވާލުއުފެދިފައިވެ އެވެ.
ސައުތް ކެރޮލައިނާގެ ފައްޅިއަށް ޙަމަލާދީ ނުވަމީހުން މަރާލި ދޮންނަސްލުގެ ޒުވާނާ މިޖަރީމާ ހިންގާފައި ވަނީ ނަސްލީ އިމްތިޔާޒުގެ ވިސްނުމުގައި ކަމަށް ޝައްކުކުރެވޭ ކަމަށް އެމެރިކާގެ އަމަނާ ބެހޭ މަސްއޫލުވެރިން ވިދާޅުވެ އެވެ. ޑިލަން ރޮފް ނަމަކަށް ކިޔާ މިޒުވާނާ ޙަމަލާދިން ސައުތް ކެރޮލައިނާގެ ޗާލްސްޓޯން ސިޓީގައި ހުންނަ ނަސާރާއިންގެ ތާރީޚީ ފައްޅިއަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ ތާރީޚާ ގުޅިފައިވާ ފައްޅިއެކެވެ.
މި ފައްޅިއަށް ބަޑިން ޙަމަލާދީ މަރާލި ނުވަމީހުންގެ ތެރޭގައި ވެސް ގިނައީ ކަޅުނަސްލުގެ މީހުންނެވެ. މިޖަރީމާ ހިންގާފައިމި ވަނީ އެމެރިކާގައި ނަސްލީ އިމްތިޔާޒާ ގުޅިފައިވާ ޖަރީމާތައް އާދަޔާ ޚިލާފަށް ގިނަ ވެފައިވާ ދުވަސްވަރެއްގަ އެވެ. ކަޅުނަސްލުގެ ބޭފުޅެއްކަމަށްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ޗާލްސްޓޯން ސިޓީގެ ފައްޅި އަށް ޙަމަލާދީ ނުވަމީހުން މަރާލި ޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފަ އެވެ. އެމެރިކާގެ ދާޚިލީ މައްސަލަތައް ފުނިޖެހި ނަސްލީ އިމްތިޔާޒާއި ނަފްރަތާއި ހަސަދައިގެ ޖަރީމާތައް ހައްދުފަހަނަޅާފައި ވިޔަސް އެމެރިކާގެ މަސްއޫލުވެރިންނަކީ އަމިއްލަ ގައުމުގެ މައްސަލަތައް ހަނދާން ނައްތާލައްވާފައި އެހެން ގައުމުތަކުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ސިޔާސަތެއް ގެންގުޅުއްވާ ބައެކެވެ.
އޮބާމާގެ ވެރިކަމުގައި މިކަން ތަންކޮޅެއް ކުޑަކަމުން އެމެރިކާގެ ހަރުކަށި ވިސްނުމުގެ ލީޑަރުންނާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި އަޑުއުފުލާ ފަރާތްތައްދަނީ ކަންބޮޑުވާކަން ފާޅުކުރަމުންނެވެ. އެފަދަ ލީޑަރުން އެމެރިކާ ސިފަކުރަނީ ހުރިހާ ކަމެއްގައިވެސް ނަމޫނާ ގައުމެއްގެ ގޮތުގަ އެވެ. (ނޫސްއެޖެންސީތައް)