އިސްލާމީ ޘަޤާފަތަކީ އޭގެ މިޒާޖުގެ ގޮތުން ބަލާއިރު ހެޔޮކަމަށް ގޮވައިލުމުގެ ޘަޤާފަތެކެވެ. އަމަން އަމާންކަމާއި ސުލްޙަ މަޞްލަޙަތު ޤާއިމު ކުރުމުގެ ޘަޤާފަތެކެވެ. ނަމަވެސް މިޒަމާނުގެ އިސްލާމީ ބައެއް ޖަމާއަތްތަކުންވަނީ އިސްލާމީ ޘަޤާފަތަކީ ކަނޑިބަޑީގެ ޘަޤާފަތަކަށް ހަދައިފައެވެ. މުސްލިމު ޒުވާނުންލައްވައި އެކަންކަން ހިންގުވަނީ މެދުމިނަށްވުރެ ބޮޑަށް ސިޔާސީވެގެން އުޅޭ ދީނީ ޢިލްމުވެރީންނެވެ. އަރާތިބި ޢިލްމުވެރީން ކަމުގައި ދަޢުވާކުރާ އެކަމަކު ކިރިޔަކިރިޔާ "ދެމަރަވަރު" ވެސް ނުވާ ދަންނަބޭކަލުންނެވެ.

އަރަހުށި މާތްﷲ އެދިވޮޑިގެންވަނީ މުސްލިމުންނަކީ އިންސާނިއްޔަތަށް ރަޙްމަތުގެވާރޭ ވެއްސާ ބަޔަކަށް ވުމެވެ. ނަމަވެސް އިސްވެދެންނެވި ފަދަ ލީޑަރުންގެ އަމަލުގެ ސަބަބުން މުސްލިމުންގެ ވަރަށް ގިނަ ޒުވާނުން ވެފައި ވަނީ އިންސާނިއްޔަތަށް އަލިފާނުގެ ވާރޭ ވެއްސާ ބަޔަކަށެވެ. ތަޅާފޮޅުމާއި ހަމަނުޖެހުން ހިންގަން ފޫގަޅައިގެން ތިބޭ ބަޔަކަށެވެ. ޝައްކެތް ނެތް ގޮތުގައި މިއީ އަރަހުށި މާތްﷲ އިސްލާމީ އުންމަތާ މަތިކުރައްވައިފައިވާ މަތިވެރި މަސްއޫލިއްޔަތާ ފުށުއަރާ ޢަމަލުތަކެކެވެ. އެކަންކަމުގެ ތެރޭގައި ކިތަންމެ ގިނައިން އިސްލާމްދީނުގެ ނަން ބޭނުން ކުރަމުން ގެންދިޔަ ކަމުގައި ވިޔަސްމެއެވެ.

އަރަހުށި މާތްﷲ މިދުނިޔެ އުފެއްދެވީ އިންސާނުން އިމްތިހާނު ކުރެއްވުމަށްޓަކައެވެ. އުޚުރަވީ ހަޔާތާ ބައްދަލުވުމުގެ ކުރިން އެޙަޔާތުގައި ސުވަރުގެ ވަންތަވެރީން ކަމުގައި ކަނޑައަޅުއްވާނެ މީހުން އިންތިޚާބު ކުރެއްވުމަށްޓަކައެވެ. އެފަދަ މީހުން ހޮއްވަވައިލެއްވުމަށްޓަކައެވެ. ސުވަރުގޭގެ ނިޔާމަ އަރާމުހުރި ގަނޑުވަރުތަކުން ޖާގަދެއްވާނެ މީހުން ފާހަގަ ކުރެއްވުމަށްޓަކައެވެ. އަރަހުށި މާތްﷲ އެކަލާނގެ ޒާތްފުޅަށް ނަން ދެއްވައިފައިވާ ފަދައިން އޯގާވެރި ރަހްމުވެރި އިންސާނުން ވަކިކޮށްލެއްވުމަށް ޓަކައެވެ. ކީރިތި ޤުރުއާނުގައި މިޙަޤީޤަތް ވަނީ ނުހަނު ސަރީޙުކޮށް ބަޔާންކުރައްވައިފައެވެ. މިކަންކަން މޭރުންވުމުގެ ޝަރުޠަކީ އިންސާނާ ހުސްހިތަކާއެކު ހެޔޮނިޔަތުގައި ކީރިތި ޤުރުއާން މުޠާލިޢާ ކުރުމެވެ.

އަރަހުށި މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ ގޮތުގައި އެކަލާނގެ އުޑުތަކާއި ބިންތައް ހެއްދީ ބުއްދީގެ އަހްލުވެރީން އެތަންތަނާ މެދު ފިކުރުކޮށް ހެދުމަށެވެ. އިށީދެތިބެގެންނާއި އޮށޯވެތިބެގެންވެސް އެކަލާނގެ ރަސްކަންފުޅަށް ޒިކުރުކުރުމަށެވެ. އެކަނލާގެ ރަސްކަންފުޅަށް އަޅުކަންކުރުމަށެވެ.

އަރަހުށި މާތްﷲ ބިންތައް ފަތުރުއްވައި އުޑުތަަައް އުފުއްލެވީ އިންސާނާ އެކަލާނގެ މާތްވަންތަކަމާއި މަތިވެރިވަންތަކަން އިހްސާސްކުރުމަށެވެ. އެކަލާނގެ ޚަލީފާއިންގެ ޙައިޘިއްޔަތުން އިންސާނާއާ މަތިކުރައްވައިފައިވާ ދުނިޔެ އާރާސްތުކުރުމުގެ އަމާނާތް އަދާކުރުމަށެވެ. އަރަހުށި މާތްﷲއަށް އަދާކުރެވޭ އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަހިފުމެއްނޫނެވެ. އަދި ކީއްތޯއެވެ. ޒަކާތާއި ޞަދަޤާތަކީވެސް އަޅުކަމެވެެ. ތިމާ ފަދަ އެހެނިހެން އިންސާނުންނަށް ހެޔޮއެދުމާއި އިޚްލާސްތެރިވުމާއި ހެޔޮފޯރުވުމަކީވެސް އަޅުކަމެވެ. އަރަހުށި މާތްﷲގެ މިބިމަކީ ޞުލްހަވެރި އަމާންތަނަކަށް ހެދުމަކީވެސް އަޅުކަވެ. އަރަހުށި މާތްﷲ ޤިޔާމަތް ދުވަހުން ރައްބާނީ އިންސާނުންނަށް ދެއްވާ އިނާމު ކަމުގައިވާ ސުވަރުގެފަދަ ކުލަރީތި ވަސްމީރު، އަރާމާއި އުފާފާގަތިކަމާއި ހިތްގައިމު ކަމުގެ ގޮވައްޗަކަށް މިދުނިޔެ ހަދަން މަސައްކަތް ކުރުމަކީވެސް އަޅުކަމެވެ. އަރަހުށި މާތްﷲ އިންސާނާ އާ މަތިކުރެއްވި މަސްއޫލިއްޔަތު އަދާކުރުމެވެ.