19 Jun 2015, 12:02
ކަރާ ފަންޏަކީ ރޯދަ ވީއްލުމުގެ ސުފުރާމަތީގައި ކޮންމެހެން ހުންނަން ޖެހޭ ބުއިމެކެވެ. އެއީ ރޯދަ މަހު ދިވެހިންގެ ރަސް ބުއިމެވެ. ރޯދަޔާއި ދިމާކޮށް ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ކަރާ ހައްދައި ރޯދަ މަހު ވިއްކުމަށް މާލެ ގެންނަނީ އެހެންވެއެވެ. ކޮންމެ ރޯދަމަހެއްގައިވެސް ބާޒާރުގައި އެންމެ ވިއްކޭ އެއްޗަކީ ކަރައެވެ.
ކަރަޔަށް ލޯބި ކުރާ ގިނަ ފަރާތްތަކަށް މިފަހަރު އޮތީ އުފާވެރި ހަބަރެއް ނޫނެވެ. ދަނޑުވެރިންނާއި ވިޔަފާރިވެރިން ބުނަނީ ކަރާގެ އަގު މިފަހަރު އިންތިހާއަށް އުފުލޭނެ ކަމަށެވެ.
ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކަން ތިބި ތޮއްޑޫގެ ވިޔަފާރިވެރިން ބުނީ މިފަހަރު އެރަށުގައި ގިނަ އަދަދަކަށް ކަރާ ހެއްދި ނަމަވެސް ބައްޔެއްގެ ސަބަބުން ކަރާތައް ހަލާކުވާތީ، އުންމީދުކުރި ވަރަށް މާލެއަށް ކަރައެއް ނުގެނެވޭނެކަމަށެވެ. އެހެންވެ ރޯދަ މަހުގެ ފުރަތަމަ 15 ގައި ކަރާ މާލޭގެ ބާޒާރުގައި ގިނަވިނަމަވެސް ފަހު 15 ގައި މަދުވެ އަގުތައް މައްޗަށް ޖެހިލާނެ ކަމަށް ވިޔަފާރި ވެރިން ބުންޏެވެ.
"ފުރަތަމަ 15 ގައި ލިބޭނެ 15 ރުފިޔާއަށް 20 ރުފިޔާއަށް{ކިލޯއެއް} އޭގެ ފަހުން ދެން ހުސްވާން އުޅޭނީ، ބެލެވޭ 50 އަށް ކަރާ ކިލޯއެއް އަރައިގެން ދާނެ ކަމަށް ވެސް." ތޮއްޑޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

މާލޭ ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި-- ސަން ފޮޓޯ: އަހުމަދު ޝަރުވާން
މީގެ ކުރީ އަހަރު ތަކަށް ބަލާއިރު އާންމުކޮށް ކަރާ ކިލޯއެއް ވިއްކަނީ 8 ރުފިޔާއާއި 12 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ. ނަމަވެސް މިފަހަރު ރޯދަމަހު ވިއްކަން ފެށީވެސް 20 ރުފިޔާއާއި 25 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ. އެހެން ރޯދަ މަހު ކަރާ އެންމެ އަގު ބޮޑުވެގެންވެސް ވިއްކަނީ އާންމުކޮށް ކަރާކިލޯއެއް 30 ރުފިޔާއަށެވެ. ނަމަވެސް މިފަހަރު އެއަގު 50 ރުފިޔާއަށް އަރައިގެން ދާނެ ކަމަށް ދަނޑުވެރިން ބުނެއެވެ.
ކަރާކިލޯއެއްގެ އަގު 50 ރުފިޔާއަށް އަރައިގެން ދާނެ ކަމަށް ބުނެވޭއިރު ކަރާހެއްދުމަށް އެންމެ މަޝްހޫރު ތޮއްޑޫ ކައުންސިލްގެ މީޑިއާ އޮފިޝަލް ނޫހު މޫސާ ސަން އަށް ވިދާޅުވީ އުންމީދު ކުރިވަރަށް އެރަށުން މިއަހަރު މާލެއަށް ކަރާ ނުފޮނުވޭނެ ކަމަށެވެ. ގާތްގަނޑަކަށް 450 ޓަނު ކަރާ މާލެ ފޮނުވޭނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް މިހާރު ބެލެވޭގޮތުން މާލެއަށް ފޮނުވޭނީ 370 ޓަނުގެ ކަރާކަމަށް އޭނާ ވިދާޅުވިއެވެ.
"މިކޮޅު ކަރާ ދަނޑުތަކުގައިވެސް ބައްޔެއްޖެހުނީ، އެހެންވީމަ އެެހެން އަހަރުތަކަށްވުރެ ކަރާ މާލެއަށް ގެންދެވޭ އަދަދު މަދުވާނެ މިއަހަރު، ރޯދަ މަސް ނިމެންދެން ތޮއްޑޫ ކަރާ ލިބޭނެ. އެކަމަކު ރޯދާގެ 15 ގެ ފަހުން ހަމަ ވަރަށް ބޮޑަށް މަދުވާނެ." ނޫހު ވިދާޅުވިއެވެ.
ތޮއްޑު ކަރާ ދަނޑުތަކަށް ބައްޔެއް ޖެހިފައިވާއިރު ކަރާ ހައްދާ އެހެން ރަށްތަކުގެ ދަނޑުތަކަށްވެސް އޭގެ އަސަރުކޮށް ކަރާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ. އެގޮތުން ގއ. ގެމަނަފުށީ ކަރާ ދަނޑުތައް ހަލާކުވެފައިވާއިރު އެއަތޮޅު ނިލަންދޫ ކަރާދަނޑުތަކުގައި ބައްޔެއް އަޅައި 800 ޓަނުގެ ކަރާ ވަނީ އުކާލާފައެވެ.
ގއ. ނިލަންދޫ ކަރާ ދަނޑުތަކުގައި ބައްޔެއްޖެހި ކަރާތައް ހަލާކުވެފައި-- ސަން ފައިލް ފޮޓޯ
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި ކަރަޔަށް ޖެހޭ އެބައްޔަކީ "ޕިކަލްވޯމްސް" ކިޔާ އާންމު ބައްޔެއް ކަމަށެވެ. އެބަލި ޖެހުމުން ކަރާ ފާވެ ހަލާކުވެގެންދެއެވެ.
ބަލީގެ އިތުރުން މޫސުން ގޯސްވެގެންވެސް އެތައް ދަނޑެއް ވަނީ ހަލާކުވެފައެވެ. ގދ. ވާދޫ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ ގަދަވަޔާއެކުމީގެ މަހެއް ކުރިން އެ ރަށަށް ކުރި ވިއްސާރާގައި ފެން ބޮޑުވުމުގެ ސަބަބުން ރޯދަމަށް ޚާއްސަކޮށްގެން ބޮޑު އިންވެސްޓެއްކޮށް ހައްދަމުންދިޔަ ދަނޑުތަކުގެ 90 ޕަސެންޓް ވަނީ ހަލާކުވެފައި ކަމަށެވެ.
"ރަމަޟާން މަހަށް ވާދޫ ރައްޔިތުން ކޮށްފައި ހުރި ދަނޑުވެރިކަމުގެ މުޑުވަކުގެ ގާތްގަނޑަކަށް 90 ޕަސެންޓް ދިޔައީކަމަށް ބެލެވެނީ. މިހާރު ހުރިހާ ދަނޑުތަކެއް އެ އޮތީއަޑީގައި،" އަހުމަދު ވިދާޅުވިއެވެ.
ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާ ހައްދާ ވާދޫ ދަނޑުތަކަށް ލިބިފައިވާ ގެއްލުން ސިފަކޮށްދެއްވަމުން އަހުމަދު ވިދާޅުވީ އެރަށުން އެހެން އަހަރުތަކުގައި 100 ޓަނުގެ ކަރާ ލިބޭ ކަމަށްވާނަމަ މިއަހަރު ދެ ޓަނުގެ ކަރާ ލިބުމަކީ ވެސް ނާދިރު ކަމެއް ކަމަށެވެ.
ގދ. ވާދޫ ދަނޑުތައް ވިއްސާރާގެ ސަބަބުން ހަލާކުވެފައި--
ވާދޫގެ އިތުރުން ރާއްޖޭގައި ދަނޑުވެރިކަން ކުރާ އެހެން ރަށްރަށަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ކަރާ ހައްދާ ގދ. ފިޔޯރީއާއިލ. އަތޮޅުގެ ދަނޑުވެރިކަންކޮށް އުޅޭ ބައެއް ރަށްރަށް ހިމެނެއެވެ.
ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން މޫސުން ގޯސްވެ ގަދަޔަށް ވާރޭވެހުމުގެ ސަބަބުން އެ ރަށު ދަނޑުވެރިން ރޯދައަށް ހާއްސަކޮށް ހައްދަމުން އައި ދަނޑުތައް "އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ" ކަމަށެވެ.
އެ ގޮތުން ކަރާ ދަނޑުތައް ހުންނަ ހިސާބުގައި ފެންބޮޑުވެ، ފެނު އަޑީގައި ގާތްގަނޑަކަށް ތިން ދުވަސް ވަންދެން ދަނޑުތައް ހުރުމުން އެދަނޑުތައް އެއްވެސް ވަރަކަށް ބޭނުން ނުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މިފަހަރުގެ ރޯދައަށް އެރަށުގެ ދަނޑުތަކުން އެކަށީގެންވާ މަންފާއެއް ނުލިބޭނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކަރާ ދަނޑުތަކުގެ ތެރެއިން ބައެއް ދަނޑުތަކަށް މިވަނީ ބައްޔެއް ޖެހި ކަރާތައް ފީވެފައެވެ. އަނެއް ބައި ކަރާ ދަނޑުތައް މިވަނީ ވިއްސާރާގެ އަސަރުކޮށް މުޅިން ހަލާކުވެ ގޮސްފައެވެ. ދަނޑުވެރިންނާއި ވިޔަފާރިވެރިންގެ ވާހަކަތަކަށް ބަލާއިރު މިހާރު ބާޒާރުގައި 20 ރުފިޔާއެއް ކިލޯއެއް ވިއްކަން ހުރި ކަރާގެ އަގު ރޯދަމަހު ފަހު 15 ގައި އިންތިހާއަށް މައްޗަށް ޖެހިލާނެއެވެ.