މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަން މުހައްމަދު އަސީލް ވިދާޅުވެއްޖެ އެވެ.

އެޗްޑީސީގެ އެޗްއާރް ޑިރެކްޓަރު އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ޗެއާމަން އަސީލް މިރޭ ސަން އަށް ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ދެން ތަކުރާރުވިޔަ ނުދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންގެންދާނެ ކަމަށެވެ.

"މިއަދުގެ ސަރުކާރުން ގެންގުޅެނީ ނޯ ޓޮލެރެންސް ޕޮލިސީއެއް. ޖިންސީ ފުރައްސާރަ ކުރުން ފަދަ އަމަލުތަކަށް. މިފަދަ އަމަލުތައް އަޅުގަނޑު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް އަރުވަން،" އަސީލް ވިދާޅުވިއެވެ.

އެޗްޑީސީގެ ބޯޑު މެމްބަރަކު ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރި އެޗްއާރް ޑިރެކްޓަރާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ކުންފުނީގެ މެނޭޖްމަންޓުން، ޖިންސީ ފުރައްސާރަ ރައްދުވި އަންހެން މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ ބޯޑުގެ ނިންމުމެއް ނެތި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާތީ އެޗްޑީސީގެ ޗެއާމަން އަސީލް ޗެއާކުރައްވައިގެން ބޭއްވި ބޯޑު ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ މުވައްޒަފަށް އަލުން ވަޒީފާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިކަން މިގޮތަށް ފެންމަތިވުމުން ކުންފުނީގެ ޗެއާމަން ބޯޑު ބައްދަލުވުމެއް ބާއްވައި، މިކަން ތަހުގީގު ކުރުމަށްފަހު ޖިންސީ ފުރައްސާރަ ރައްދުވި މުވައްޒަފުގެ އެއްވެސް ކުށެއް ނެތި، ވަޒީފާއިން ވަކިކޮށްފައިވާތީ އޭނާއަށް ވަޒީފާ ދިނުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވެ އެގޮތަށް ވަނީ ނިންމާފަ،" ބޯޑު މެމްބަރު ވިދާޅުވި އެވެ.

މީގެއިތުރުން 13 އަހަރު ދުވަހު އެކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ އެސިސްޓެންޓް ޑިރެކްޓަރު އަދި ކުންފުނީގެ ސެކްރެޓަރީ ވަޒީފާއިން ވަކިކޮށްފައި ވަނީ އުސޫލާ ޚިލާފަށް ކަމުގައިވާތީ އޭނާއަށް ވެސް އަލުން ވަޒީފާދޭން ބޯޑުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޕެނީ ސެކްރެޓަރީގެ އެއްވެސް ރެކޯޑެއް ކުރިން އޮތްތޯ ބެލިއިރު، އެއްވެސް ރެކޯޑެއް ނެތްކަން ވަނީ ހާމަވެފަ. އަދި މިދިޔަ އަހަރުގެ އެމްޕްލޯއީ އޮފްދަ އިޔާ އެ ވޯޑު ވެސް ވަނީ އޭނާއަށް ލިބިފަ،"

އެޗްޑީސީގެ ބޯޑު މެމްބަރު ވިދާޅުވީ އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަ ކުރި އެތަނުގެ އެޗްއާރް ޑިރެކްޓަރަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ސަންއާ ވާހަކަދައްކަމުން ޖިންސީ ފުރައްސާރަ ރައްދުވި މުވައްޒަފު ބުނީ އެ މައްސަލަ ބެލުމުގެ މާހައުލެއް މިހާރު ގާއިމްވެއްޖެ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.

އެ ހާދިސާ ހިނގިގޮތް އެ މުވައްޒަފު ވަނީ ސަންއާ ހިއްސާކޮށްފައެވެ. އޭނާ ބުނިގޮތުގައި މިދިޔަ މާޗްމަހު ވަޒީފާއަށް ނުކުތް ހިސާބުން ފެށިގެން ތަފާތު އެކި ފަހަރުމަތިން ބައްދަލުވެ ވާހަކަދެއްކުމުގައްޔާއި އަދި ޗެޓުކޮށް ވެސް އެޗްއާރް ޑިރެކްޓަރު ވަނީ އޭނާއަށް ޖިންސީ ފުރައްސާރަ ކޮށްފައެވެ.

"އޮފީސް ތެރެއިން ވެސް ކައިރި ނުވާންޖެހޭ ވަރަށް ކައިރިވެފަ ވާހަކަދައްކާފައެބަހުރި. ޗެޓް ލޮގަކުން ވެސް އެޗްއާރް ޑިރެކްޓަރު ވާހަކަދައްކަން ނުޖެހޭ ގޮތަށް، ވަރަށް އިންއެޕްރިޕޮރިއޭޓްކޮށް ވާހަކަދައްކާފަ ހުރީ. އެކަން ހިނގިތާ ސޭމް ޑޭގަ އަޅުގަނޑު ސެކްޝަންގެހެޑުން ކައިރީ ބުނިން. އެމީހުން ބުނަނީ ތިމައްސަލަ ޖައްސާނެ ކަމެއް ނެތޭ. މައްސަލަ ޖެއްސީމަ އަމިއްލައަށޭ ގެއްލުން ލިބޭނީ. ތިވާހަކަ ނުދެއްކިއްޔާއޭ ރަނގަޅުވާނީ،" އެ މުވައްޒަފު ސަން އަށް ކިޔައިދިނެވެ.

އެ މުވައްޒަފު ބުނިގޮތުގައި ޖިންސީ ފުރައްސާރަކުރި މައްސަލަ ރިޕޯޓު ކުރި ފަހުން އެޗްއާރް ޑިރެކްޓަރު ހުންނަނީ އޭނަދެކެ "ފާޑަކަށް ރުޅިއައިސްފަ"އެވެ.

"މިވާހަކަ ބުނިފަހުން އަޅުގަނޑާ ދިމާލަށް ދެލޯ އަޅާފަ ރުޅިއައިސްފަ ހުންނަނީ،"

އެޗްޑީސީގެ އެހެން މުވައްޒަފަކު ބުނީ ޗެއާމަން އަސީލްގެ ފަރާތުން ވެރިއެއްގެ ފަރާތުން ފެންނަންޖެހޭ ހުރިހާ ސިފަތަކެއް ފެންނަ ކަމަށާއި ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް ޗެއާމަނާ ބައްދަލުކޮށް ދިމާވާ ކަންތައްތައް ހިއްސާކޮށްލުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިގެންދިޔައީ ޗެއާމަން އަސީލްގެ ހިންގުންތެރި ކަމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.