02 Mar 2011, 22:28
މޫނު ނިވާކޮށްގެން ތިބި ބަޔަކު ލ. ގަމު ހަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލްގައި ކިޔަވަން އިން ފިރިހެން ކުއްޖެއްގެ ގަޔަށް، ތޫނު އެއްޗަކުން ހަމަލާދީ މިރޭ ޒަހަމްކޮށްލައިފި އެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.
އަނިޔާވި ކުއްޖާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާގައި އެ ކުއްޖާގެ ގައިގެ ތިން ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ.
ގްރޭޑް 10 އެއްގައި ކިޔަވަމުން އަންނަ އުމުރުން 16 އަހަރުގެ އެ ކުއްޖާގެ މެޔަށާއި ބުރަކަށްޓަށާއި އަތަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
ގަމުން ވާހަކަ ދެއްކި މީހާ މިރޭ ބުނީ އެ ހާދިސީ ހިނގީ މަތިމަރަދޫ އަވަށުގެ ގަތަރު އަމީރު ސްކޫލްގައި ގްރޭޑް ދިހައެއްގެ ކުދިންތަކެއް ކިޔަވަން ތިއްބައި އެ ސްކޫލުން ކަރަންޓް ކަނޑާލުމަށް ފަހު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ސްކޫލްގެ ތެރެއަށް ވަދެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ އެވުގުތު އެކުލާހުގައި ތިބި ކުދިންގެ ތެރެއިން ދެ އަންހެން ކުއްޖަކަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.