މިދިޔަ އަހަރު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ކުރި 50 ދުވަހުގެ ހަނގުރާމައިގައި އިސްރާއީލުގެ ރޮކެޓް ހަމަލާތަކުގެ ސަބަބުން ސުންނާފަތިކޮށްލާފައިވާ މިސްކިތްތައް އިމާރާތްކުރާނެ ގޮތެއް ނެތުމުން މި ރަމަޟާން މަހުގައި ޣައްޒާގެ ރައްޔިތުން ތަރާވިޙް ނަމާދު ކުރުމަށް ޖަމާވަނީ ޣައްޒާގައި ހަދާފައިވާ ވަގުތި ޓެންޓްތަކަށެވެ.

މިއަހަރު ރަމަޟާން މަހުގެ ފުރަތަމަ ތަރާވީހް ނަމާދު ކޮށްފައިވާއިރު ޣައްޒާގެ އެތަށް މިލިއަން މުސްލިމުންނެއް ވަނީ އެކި ސަރަހައްދުތަކުގައި ހަދާފައިވަ ވަގުތީ ޓެންޓްތަކަށް ޖަމާވެފައެވެ.

ގިނަ ޓެންޓްތައް ހަދާފައި ހުރީ ކުރިންވެސް މިސްކިތްތައް ހުރި ސަރަހައްދުގައެވެ.

ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އަދި ހަމާސްގެ ޑެޕިއުޓީ ލީޑަރު އިސްމާޢީލް ހަނިއްޔާ ވަނީ އެއް ޓެންތްގައި އިމާމުވެ ތަރާވީސް ކުރައްވައިފައެވެ.

ޔަމްރޫކު ރެފިއުޖީ ކޭމްޕްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ރަމަޟާން މަހާއި ގުޅިގެން ފޮނުއްވި މެސެޖުގައި ހަނިއްޔާ ވިދާޅުވެފައި ވަނީ ރަމަޟާން މަހުގެ ހެޔޮއެދުންތައް ޔަމްރޫކް ރެފިއުޖީ ކޭމްޕްގައި ތިބި ރައްޔިތުންނަށް ފޮނުވާކަމަށާއި އެ ރައްޔިތުން ފަލަސްތީނުގެ ބިމަށް އެނބުރި އާދެވެންދެން ހަމާސްގެ 'ކަނޑި' އެރައްޔިތުންނާއެކު ވާނެ ކަމަށެވެ.

މި މެސްޖުގައި ހަނިއްޔާ އަރަބި އިސްލާމީ ގައުމުތަކުގެ ވެރީންނަށް ގޮވާލައްވާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ފަލަސްތީނުގެ ބިމުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ހޯދުމަށް ކުރާ މަސައްކަތުގައި އެއްބައިވަންތަވެ ވަޑައިގަތުމަށެވެ.

މިދިޔަ އަހަރުގެ ހަނގުރާމައިގައި އިސްރާއީލުން ވަނީ ޣައްޒާގެ 67 މިސްކިތް އެއްކޮށް ބިމާހަމަކޮށްލައިފައެވެ. އަދި 150 މިސްކިތަށް އެކިވަރުގެ ގެއްލުންތައް ދީފައިވެއެވެ.