18 Jun 2015, 23:59
ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އިތުރަށް ގަދަވެފައިވަނީ އެހެންވެގެންނެވެ. ޖައްވު ފިނިވެފައި ބާރަށް ރޯޅި ޖެހެމުން ދިއައެވެ. އަހަރެން އޮފީހުން އައިސް ގޭތެރެއަށް ވަނުމުގެ ބަދަލުގައި ކާރުގަ އިށީނދެލާ އިނީ ފޯނަކަށް ޖަވާބު ދޭށެވެ. ކާރުގެ ކުރިމަތިން ހުރަސްކުރި އަންހެން ކުއްޖާގެ މޫނު އަހަރެންނަށް ނުފެނުނަސް އެއީ ދެކެފަރިތަ އިސްކޮޅެކެވެ. އެއީ އަހަރެންނަށް އައު ރޫފައެއްނޫނެވެ. ނަމަވެސް، ހިތުގައި އޮތްގޮތަށް ކަން ވެގެންނުވާނެއެވެ. އެހެންވެ، އެކުއްޖާ އެއީ ކާކުކަން ޔަޤީންކުރުމަށްވުރެ އޭނާގެ ގަސްތަކީ ކޮބައިތޯ އަހަރެން ބަލަން ބޭނުންވިއެވެ.
އޭނާގޮސް އަހަރެންގެ ގޭގެ ފެންޑާމަތީގައި ހުއްޓުނެވެ. އަދި ގޭގެ ދޮރުގައި ޓަކިދިން މަންޒަރު ފެނުނެވެ. އަހަރެންގެ އަންހެނުން، ޝާން، ގޭގެ ދޮރު ހުޅުވާލުމަށްފަހު އޭނާ ގޭގެ ތެރެއަށް ވެއްދިތަން ފެނުނެވެ. އަހަރެން ކާރުން ފޭބީ ކުޑަ ހިފައިގެންނެވެ. ގޭތެރެއަށް ވަނުމަށް އަހަރެން ތަޅުގައި ހިފާލީމެވެ. ނަސީބަކުން ތަޅެއް ނުލައެވެ. ގޭތެރެއަށް ވަނުމަށްފަހުގައި އަހަރެން ނަޒަރު ހިންގައިލީ ސޯފާ އަށެވެ. އެއަންހެން ކުއްޖާ އެތާގައި އިންތޯއެވެ. ނެތެވެ. އަނެއްކާ ބަދިގޭގައި ބާވައެވެ.
ޝާން ކޮފީ ތަށި ހިފައިގެން އައީ އެވަގުތުއެވެ. "ކިހިނެއް އެނގުނީ އަހަރެން ގެއަށް އައިކަމެއް؟" އަހަރެން ސުވާލުކޮށްލީ ދޭ ޖަވާބަކީ އަހަރެން އުއްމީދުކުރި ޖަވާބަށް ވޭތޯއެވެ. "ކޮބައި އޭނާ؟" ޝާން އެކުރި ސުވާލުން އަހަރެންނަށް ޔަޤީންވީ އެކުއްޖާ ބަދިގޭގައި ނެތްކަމެވެ. "މިހާރު ކޮބައި އެއަންހެން ކުއްޖާ؟ ދެންމެ މިތާ ސޯފާގައި އިން. އެކަމަކު މިހާރު އޭނާ ދިއައީތަ؟ މިވެހޭ ވާރޭގަތަ؟" ޝާން ސުވާލުކުރީ ގޭގެ ކޮޓަރިތަކުގެ ދޮރު ހުޅުވައި ލައްޕަމުންނެވެ.
އަހަރެންނަށްވެސް އަޖައިބަކަށްވީ، އޭނާ ގެއިން ނިކުތްތައް ނުފެނި އޭނާ ދިއައީމައެވެ. އެހެން ނަމަވެސް އަހަރެން އެވާހަކަ ނުބުނެ އޮޅުން ފިލުވަން ބޭނުންވިކަމެއް އޮޅުން ފިލުވުމުގެ ނިޔަތުގައި ޝާންއާ ސުވާލުކުރީމެވެ. "ކާކުތަ؟ ކޮން އަންހެން ކުއްޖާއެއްތަ؟" އަހަރެންގެ ސުވާލު އަމާޒުވުމުން ޝާން ހުއްޓުނެވެ. ޝާން އަހަރެންގެ އަތަށް ކޮފީތަށި ދިއްކޮށްލަމުން ސޯފާގައި އިށީއިނެވެ. ޝާންގެ ވާހަކަތަކުން އެނގުނީ އެ އަންހެން ކުއްޖާ ގޭތެރެއަށް ވަނީ، ވާރެއިން ހިޔާވަން ކަމެވެ. އަދި އެއީ ކުރިން ދަންނަ ކުއްޖެއް ނޫންކަމެވެ.
"އޭނާއަށް ކިޔަނީ، ރަމްލާ" އަހަރެންގެ އަތުން ކޮފީތަށި ނުވެއްޓުނީ ކިރިޔާއެވެ. "ކީކޭ...؟ ރަމްލާ އޭ..!" އަހަރެންނަށް ލިބުނު ހައިރާން ކަމާއި ސިހުން އަންހެނުންނަށް ފާހަގަވިއެވެ. "ކިހިނެއްވީ..؟ ދަންނަ ކުއްޖެއްތަ އެއީ.؟" އަންހެނުން ސުވާލު ކުރީ އަހަރެންނަށް ލިބުނު ސިހުމުގެ މައުނަ ހޯދުމަށެވެ. އެކަން އެނގުނީ ދެން ކުރި ސުވާލުންނެވެ. "އަނެއްކާ ކުރީގެ ކަމަކީތަ؟" އަހަރެންނަށް ހުއްޓުމެއް އައެވެ. އުފުލާލި ކޮފީތަށި ތުނބުގައި ނުޖައްސާ މަޑު ކޮށްލެވުނެވެ. ޝާންވެސް އިނީ އަހަރެންގެ ހަރަކާތްތަކަށް ބަލާށެވެ. އަހަރެންނަށް ހަމަ ޖެހުމެއް ލިބުނީ ޝާން ހޭން ފެށީމައެވެ. އެއީ އޭނާގެ ޠަބީއަތެވެ. އެގޮތަށް އަބަދުވެސް މަޖާ ކުރާނެއެވެ.
އަހަރެންނަށް ނިދުންވީ އުނދަގޫ ކަމަކަށެވެ. މިފަދަ ފިނިރެއެއްގައި އަހަރެންނަށް ނުނިދިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އަހަރެންނާ ޖެހިގެން އޮތް އަހަރެންގެ އަނބިމީހާ އެއޮތީ ގަދަ ނިދީގައެވެ.
އަހަރެންނަށް ސިއްސައިގެންގޮސް ހަޅޭއްލަވައިގަނެވުނެވެ. އަޑުގެ ނެތްތަނަށެވެ. އަހަރެންގެ ގާ މައްޗަށް އެވެއްޓުނީ ދިރުމެއްނެތް އިންސާނެއްގެ ހަށިގަނޑެވެ. އެ ހަށިގަނޑު އަހަރެންގެ ގައިމަތިން އުފުއްލާ ލީމެވެ. ވިދާލި ވިދުވަރުގެ އަލީގައި އެ ދިރުމެއްނެތް މަސްގަނޑުގެ މޫނު ވަރަށް ސާފުކޮށް ފެނުނެވެ. އެއީ އަހަރެން ދެކެ ފަރިތަ މޫނެކެވެ. ތަފާތުވަނީ އޭނާގެ މޫނުގެ ކުލައެވެ. އެއީ ސާފު ހުދުކުލައެވެ. އަހަރެންނަށް ރަނގަޅަށް ލޯހުޅުވައި ލެވުނީ ދެނެވެ. އޭރު، ޝާން އަހަރެންގެ ގައިގާހިފައި އަހަރެންނަށް ގޮވަނީއެވެ.
މިފިނި ދަންވަރުގައިވެސް އަހަރެންވަނީ ދާހިއްލާ ފޯވެފައެވެ. ކުއްލިއަކަށް ގުގުރާލިއެވެ. "ކިހިނެއްވީތަ ތި ހަޅޭއްލަވަނީ..؟ ވަރުގަދަ ހުވަފެނެއް ފެނުނީދޯ؟" ޝާން އޭނާގެ މަޖާ ރާގުގައި ބުނެލިއެވެ. ނިދީގެ އަސަރު ހުރިނަމަވެސް، އަހަރެންނަށް ހިތްހަމަޖެހުންލިބުނީ، އެއަޑުގައިވާ މަޖާ ގޮތްގަނޑުގެ ސަބަބުންނެވެ. ކުއްލިއަކަށް ވަރަށް ބާރަށް ވިދާލިއެވެ. ޝާން އަހަރެންގެ ކައިރިއަށް ޖެހިލީ ކޮޓަރީގެ ކުޑަދޮރާ ދިމާ ބަލަހައްޓައިގެން އިނދެއެވެ.
"ޖާވިދު... އެތާ ބޭރުގަ އެބަހުރި މީހަކު..؟" އަންހެނުން ބުނި ޖުމްލައިން އަހަރެންނަށް ބޭރު ބަލައިލެވުނެވެ. ތެދެކެވެ. އެތަނުގައި މީހަކު އެބަހުއްޓެވެ. އަނެއްކައިވެސް ވަރަށް ގަދައަށް ވިދާލިއެވެ. އެވަގުތު އަހަރެންނަށް އެއީ، ކާކުކަން އެނގުނެވެ. ހިތާ ހިތާ ސުވާލު ކޮށްލެވުނީ، ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވީމައެވެ. އެއީ އަހަރެން ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް ރަމްލާއެވެ. މިފަހަރު ވިދާލި ވިދުވަރުގެ އަލި ކެނޑުނު އިރު، އެތަނުގައި އެ އަންހެން ކުއްޖާއެއް ނެތެވެ.
އަހަރެންގެ ހިތަށް ބިރުވެރިކަން ވަނީ އެހާ ހިސާބުންނެވެ. ކުރިންފަހަރު ޝައްކުވީއެވެ. މިފަހު ޔަޤީން ވެއްޖެއެވެ. އެއީ، އިންސާނެއްނޫނެވެ. ޤަބޫލުކުރަން އަހަރެންވެސް ބޭނުމެއް ނޫނެވެ. ގޭތެރޭގައި ވަތްތަން އަހަރެންގެ ދެލޮލުން ދުށީމެވެ. އަހަރެންނަށް ނުފެނި ނުނިކުމެވޭނެކަން އަހަރެން ޔަޤީން ކުރަމެވެ. އެކަމަކު އޭނާ ގޭތެރޭގައި އެވަގުތު ނެތީ ކީއްވެހެއްޔެވެ؟ އަހަރެން ކާރު ތެރެއިން ކުޑަ ނަގަން ގުދުވި ވަގުތު އަހަރެންނަށް ނުފެނި ނުކުމެގެން ދިއައީހެއްޔެވެ؟ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެހާ ބާރަށް އޭނާ ނުކުމެގެން ދިޔައީހެއްޔެވެ؟ ދެންމެ އޭނާ އެ ކަޝްފުވީ، އަހަރެންގެ ލޮލުގެ ކުރިމަތީގައެވެ. އަހަރެންނަށް ހަޤީޤަތް ފޮރުވަން މަޖުބޫރެވެ.
"ކާކުތަ ބޭރުގަހުރީ؟ މީހަކު ނެތެއްނު..؟ އަހަރެން އޭރުވެސް ބުނީމެއްނު ކުޑަދޮރުތައް ލައްޕައިގެން މިރޭ ނިދާށޭ..!" އަހަރެން ކިތައްމެ ހަމަޖެހިގެން ވާހަކަ ދެއްކިނަމަވެސް، އަހަރެން ވަރަށް ބިރުގަނެއެވެ. ކުރިން އަހަރެން، ރޫހުތަކާއި ޖިންނިންގެ ވާހަކަ ހަމައެކަނި އަޑު އަހަނީއެވެ. ނުވަތަ ބިރުވެރި ފިލްމަކުން ބަލަނީއެވެ. މިފަހަރު ލޮލުގެ ކުރިމަތީގައި މިހިރަ ތަމްސީލުވަނީއެވެ.
ކުޑަދޮރު ލައްޕާލުމަށް ވައި ތަންޑުގައި ހިފާލީމެވެ. އަހަރެންނަށް ބޭރު ގޯތި ތެރެއިން ފެނުނު މަންޒަރުން، ކުޑަދޮރު ލައްޕާލުމަށް ގެނައި ހަރަކާތަށް ހުއްޓުން އެރިއެވެ. އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މުޅި މީހާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ފިނިވެގެން ދެއައެވެ. ބޭރުގައި އެހުރީ އަހަރެންނެވެ. ވާރެއާ ތެމި ފޯވެގެންނެވެ. ވަރަށް ހާސްވެގެން މުޅިތަން ހޯދަނީއެވެ. އިރުކޮޅަކުން ދުއްވައިގަތީ، ބަގީޗާ ގަސްތަކާ ދިމާލަށެވެ. އެތަނުން އުދެއްޔެއް ނެގިތަން ފެނުންނެވެ. ބޭރުގައި ހުރި އަހަރެންގެ ސޫރަ އަހަރެންނާ ދިމާލަށް ބަލައިލިއެވެ. ކުއްލިއަކަށް އެސޫރަ އަހަރެންގެ ލޮލަށް ގައިބު ވެއްޖެއެވެ.
ހަމައެއާއެކުގައި އަންހެނެއްގެ ހަޅޭކުގެ އަޑަށް ގެއިން ނިކުންނަ ދޮރާ ދިމާއަށް އަހަރެންނަށް ބަލައިލެވުނެވެ. "ރަމްލާ..." އަހަރެންނަށް ހިތާ ހިތާ ބުނެލެވުނެވެ. ރަމްލާގެ މޫނުވަނީ ލެއިން ތަތްތެޅިފައެވެ. ނިތްކުރިން ފަޅައިގެންގޮސްފައިވާތަނުން ލޭ އޮހޮރެއެވެ. ވާރޭ ފެނާ އެކުގައި ލޭތައް ދޮވެވެމުން ދިއަނަމަވެސް، ލޭގެ ކުލައިން ރަމްލާގެ ހުދުކުލައިގެ ނިދާ ހެދުން ތެންމަމުން ދިއައެވެ. މަންޒަރަކީ އަހަރެންނަށް އާ މަންޒަރެއް ނޫނެވެ. އަހަރެން ހީކުރި ގޮތަށް ގޭގެ ދޮރުން ދެން ނިކުތީ އަހަރެންގެ ސޫރައެވެ. އަތުގައި ހެޔޮވަރުގެ ފަތި ބުރިއެއް އޮތެވެ.
ކުއްލިއަކަށް ރަމްލާ ބަލައިލީ އަހަރެންނާ ދިމާއަށެވެ. "އޭތް... ކީއްވެ ބަލަހައްޓައިގެން ތި ހުންނަނީ..؟ ގޮސް ކަލޭގެ އަންހެނުންގެ ގާތުގައި ހަޤީޤަތް ކިޔައިދީ..! ކަލޭއަށްވެސް ސަލާމަތެއް ނެތް." ރަމްލާ އެހެންބުނީ އަހަރެންނާ ދިމާއަށެވެ. ކުއްލިއަކަށް ބޭރުގައި ހުރި އަހަރެންގެ ސޫރަ އޭނާގެ އަތުގައި އޮތް ލަކުޑި ފަތިބުރި ރަމްލާއާ ދިމާއަށް މަޅައިލިއެވެ. އަތުހުރި ބާރު ލާފައި ރަމްލާގެ ބޮލުގައި ޖެހިއެވެ.
އަހަރެންނަށް ލިބުނު ސިހުމާ ވީތަދުން، އަހަރެން ހުރިތަނުން ފައި ނެއްޓި، ފަހަތަށް ގޮސް ވެއްޓުނީ އެނދު ކައިރިއަށެވެ. ވަގުތުން އަހަރެންނަށް ބޮލުގެ ފުއްކިބާގައި ހިފަހައްޓާލެވުނެވެ. ޝާން، އަހަރެންގެ ކައިރިއަށް އައިސް އިށީންކަން އެނގެނުނެވެ. ނަމަވެސް، ހެޔަށް ގޮތްވާން މާގިނައިރެއް ނުނެގިއެވެ.
އަހަރެންނަށް، ވާނުވާ އިނގުނުއިރު ޝާން އަހަރެންގެ ކައިރީގައި އިށީ އިނދެލައިގެން އިނެވެ. މޫނުމަތީ އަތް އަޅައިގެންނެވެ. އަހަރެން ނިންމީ ނިދާފައި އިންކަމަށެވެ.އަހަރެން ތެދުވެލަން އުޅުނީމެވެ. ނަމަވެސް ބޮލުގައި އަޅާވޭން ގަދަކަމުން އަހަރެންނަށް ނިތުގައި ހިފަހައްޓައިލެވުނެވެ. އަހަރެންގެ ބޮލުގައި ވަނީ ބެނޑޭޖް އޮޅައިފައެވެ. އަދިވެސް ވާރޭ ނުހުއްޓައެވެ. އިހުނަށްވުރެ ގުގުރުމުގެ އަޑު މަޑެވެ. ނަމަވެސް، ދޭތެރެ ދޭތެރެއިން ބާރަށް ގުގުރާލައެވެ.
އަހަރެން ޝާންއަށް ގޮވައިލީމެވެ. އަތުގައި ކޮއްޓައިލަމުންނެވެ. "ރޮނީތަ..؟" ޝާންގެ މޫނު ފެނުމުން، އަހަރެންނަށް ސުވާލުކޮށްލެވުނެވެ. "ޖާވިދު... ރަނގަޅަށްބުނޭ..! އެ އަންހެން ކުއްޖާއަށް އެހެން ހެދީ ކީއްވެގެން..؟" އަހަރެން ދިއައީ ސިއްސައިގެންނެވެ. "ކި..ކީ.. ކީކޭ ތިކިޔަނީ..؟" އަހަރެންނަށް ސުވާލު ކުރަންވެސް އުނދަގޫވިއެވެ. "އަހަރެންނަށް އެނގިގެން މިއަހަނީ... ރަނގަޅަށް ކިޔައިދީ، އެހެންނޫނީ އަހަރެން މިގެއިންދާނީ.. އެ އަންހެން ކުއްޖާ އަހަރެންނަށް ޖާވިދުގެ ވާހަކަ ކިޔައިދީފި. އަހަރެން ބޭނުންވަނީ، ޖާވިދު އަނގައިން ހުރިހާ ވާހަކައެއް އަޑުއަހަން..." އެހެން ބުނެފައި ޝާން ދުވެފައިގޮސް ވަނީ ފާހާނާ އަށެވެ. މިނިޓެއްވެސް ނުވެ ފާހާނާއިން ނިކުތެވެ. މޫނުގައި ފެން ފުހެމުންނެވެ. އެއީ ޝާންގެ އާދައެވެ. ކަރުނައަކީ، އޭނާ ދައްކަން ބޭނުންވާ އެއްޗެއްނޫނެވެ.
"އޭނާއަށް ކިޔަނީ ރަމްލާ... އެއީ އަހަރެންގެ ކުރީގެ އަނބިމީހާ...! އަހަރެން އޭނާ މަރާލީ... އަހަރެން އޭނާ މަރާލީ... އާން އަހަރެން އޭނާ މަރާލީ..." ކުއްލިއަކަށް ވަރަށް ބާރަށް ގުގުރާލިއެވެ. ޝާން ހުރި ފިޔަވަޅުމަތިން ގުޑައިވެސްނުލައި އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
"އަހަރެން ކުރިން މީހަކާ އިންވާހަކަ ބުނިން... އޭނާ ގެއްލުނު ވާހަކަވެސް ބުނިން... އެކަމަކު، ހަޤީޤަތުގައި އަހަރެން، އޭނާ މަރާލީ... އަހަރެންގެ ދެއަތުން އެކުށެއްނެތް މައުސޫމު އަންހެން ކުއްޖާގެ ދުވަސް ދުއްވާލީ... މިފަދަ ވިއްސާރަ ރެއެއްގަ..." ޝާންގެ ކަކޫ މައްޗަށް ތިރިވިތަން އަހަރެންނަށް ފެނުނެވެ.
"ޝާން...! ޝާން...! އަހަރެންނަށް މާފުކުރޭ...! އަހަރެންނަށް މާފުކުރޭ...! ޝާން" ޝާން އެގޮތަށް އިނީއެވެ. އަހަރެން ވަރަށް ހިތްވަރުކޮށްފައި ޝާންގެ ގާތަށް ދިއައީމެވެ. ޝާންގެ ގާތުގައި އަހަރެން އިށީނީމެވެ. "ޖާވިދު... ކީއްވެ ތިފަދަ ބޮޑު ދޮގެއް އަހަރެންގެ ގާތުގައި ބުނީ...؟ އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ތީ ތިޔަހާ އަނިޔާވެރި މީހެއްކަމަކަށް... އަހަރެންނަށް ތި ވާހަކަތައް ކުރިން ކިޔައިނުދިނީ ކީއްވެގެން..؟" ޝާންގެ އަޑު މަޑުވެފައި ރިހުން އެކުލެވިގެން ވިއެވެ.
"ޝާން އަހަރެންނަށް މާފުކުރޭ...! މިހުރިހާ ކަމެއްވެސް ކުރެވުނީ ފައިސާގެ ދަހިވެތިކަމުގަ...! ރަމްލާގެ މަންމައާއި ބައްޕަ، ސިންގަޕޫރުގައި ހިނގި ކާރު އެކުސިޑެންޓެއްގައި ނިޔާވި. މިގެއާ ރަމްލާގެ ބައްޕަގެ ބޮޑުވިޔަފާރިއާއި، ހުރިހާ މުދަލެއް ލިބުނީ ހުރި ހަމައެކަނި ދަރިފުޅު ރަމްލާއަށް. އަހަރެންގެ މައްޗަށް ވިޔަފާރިއާ މިގެ އަނބުރާލުމަށް އަހަރެން މަސައްކަތްކުރިން... އެކަމަކު ރަމްލާ ބޭނުންވީ ދަރިއަކު ލިބުމުން އެކުއްޖާގެ މައްޗަށް އެއްބައިދޭން... އަދި ބަދަލެއް ގެންނާނީވެސް އެދުވަހަކުން ކަމަށް... އެހެންވެ އަހަރެން ރަމްލާ މަރާލީ.. މިފަދަ ވިއްސާރަ ރެއެއްގަ..." އަހަރެންގެ ވާހަކަތަކުން، ޝާންގެ ހިތް ކުދިކުދިވަމުންދާކަން އިނގުނެވެ. އޭނާގެ ލޮލުން ކަރުނަތައް ނީރާލަން ފަށައިފިއެވެ.
އަހަރެންގެ ވާހަކަތައް ކުރިއަށް ގެންދިޔައީ ޝާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ އަޒުމުގައެވެ. "ރަމްލާ މަރާލުމަށްފަހު، ގޭގެ ބިއްދޮށުން އޮތް ބަގީޗާގައި ވަޅުލީ... އަދި އަހަރެން އޮފީހުން އާއިރު ރަމްލާ ގޭގައި ނެތްކަމަށް ފުލުހުންނަށް އެންގިން... އޭނާގެ މަންމައާއި ބައްޕަ ނިޔާވުމުން ވަރަށްބޮޑަށް ހާސްވެ ކަންބޮޑުވެ އަމިއްލައަށް މަރުވަން އުޅޭ ކަމަށްވެސް، އަހަރެން ފުލުހުންނަށް ކިޔައިދިނިން. އެހެންވެ މާބޮޑު ތަހުގީގެއް ކުރުމަކާ ނުލައި ރަމްލާ ހޯދުމުގެ މަސައްކަތް ފެށި. އަހަރެން އެރޭ ރަމްލާ ލައިގެން ހުރި ހެދުމުގެ ފަސްބައިން ބައެއް ވީދާލިން. އަދި އޭގެ އަނެއްދުވަހުގެ ރޭގަނޑު ކައިރީގައި އޮތް ރަމްލާގެ ބައްޕަގެ ރިސޯޓަށް އަހަރެން ދިއުމަށް ފަޅުން ނިކުތުމުގެ ކުރިން ކުޑަ ގާކޮޅަކާއެކުގައި އެފޮތިކޮޅު، ވިލުކައިރިއަށް ވައްޓައިލިން. ކަންތައް ނިމުނީ އަހަރެން ހީކުރިގޮތަށް. ބަރާބަރު ދެދުވަސްފަހުން، ރަށުގެ ފަޅުތެރެއިން ރަމްލާގެ ހެދުމުގެ އެބައި ފުލުހުން ހޯދި. އަދި ރަމްލާ ރަށުގެ ފާލަމުގެ ކޮޅުން މޫދަށް ފުންމާލާ އަމިއްލައަށް މަރުވީކަމަށްވެސް ފުލުހުން ނިންމި. ރަށުގެ މީހުންވެސް ނިންމީ އެގޮތަށް. އެހެންނަމަވެސް، އަހަރެން އެހެންމީހުންގެ ލޮލުގައި އަދުން އެޅުވީ. ރަމްލާ މަރުނުވާކަމަށް ބުނަމުން. އޭނާ ފެންނާނެކަމަށްބުނަމުން. އަހަރެންނަށް ޝާންއާ ދިމާވެ ޝާންއާ ކައިވެނި ކުރަން ނިންމީ އޮފީހުގެ ދަތުރެއްގައި ތިޔަރަށަށް ދިއައިރު. އޭރެ ރަމްލާ މަރާލިފަހުން ދިހަވަރަކަށް މަސްވެދާނެ." އަހަރެންގެ ވާހަކަތައް ކިޔައިދީ ނިމުނު އިރު ޝާން އިނީ އަނގަމަތީ އަތް އަޅައިގެންނެވެ. އޭނާގެ ބޯ ދެފަރާތަށް މަޑުމަޑުން ހޫރަމުން ދިއައެވެ. އަހަރެންގެ ވާހަކަތައް ޝާން ޤަބޫލުކުރަން ބޭނުން ނުވަނީކަމަށްވެސް ވެދާނެއެވެ.
އަހަރެން މަޑުމަޑުން ޝާންގެ ކޮނޑުގައި ހިފައިލީމެވެ. ޝާން އަހަރެންގެ އަތް ފޮޅުވައިލިއެވެ. އަދި ވަރަށް ބާރަށް ތެދުވިއެވެ. "ތީ ގާތިލެއް.. ބޮޑު ގާތިލެއް.. މީހުންމަރާ މީހެއް.. ކަލޭގެ ވާހަކަ ކަމާބެހޭ ފަރާތަށް އަންގާނަށް.. ކަލެއަށް ހައްޤު އަދަބު ލިބެންޖެހޭނެ.." ދުވަހަކުވެސް، ޝާން އަހަރެންނަށް އެގޮތަކަށް މުހާތަބުނުކުރެއެވެ. އަދި އެހާ ރުޅި އައިސްފައި ހުއްޓައިވެސް ނުދެކެމެވެ. އެހެން ބުނެ ޝާން ދިއުމަށް ހިނގައިގަތެވެ.
"ޝާން.. މަޑު ކޮށްބަލަ.." އަހަރެން ޝާންގެ އަތުގައި ހިފެހެއްޓީމެވެ. "ތިޔަހެން ނުދެވޭނެ.. މަޑުކުރޭ ޝާން.." އަހަރެން ޝާންއަށް އިންޒާރު ދިނީމެވެ. ޝާން އަހަރެންގެ އަތް އޭނާގެ އަތުން ނައްޓައިލިއެވެ. އަދި ގޭގެ ދޮރުން ނިކުތެވެ. އަހަރެން ނުކުތީ ޝާންގެ ފަހަތުންނެވެ. އަތަށް ހެޔޮވަރުގެ ފަތިބުރިއެއް ހިފައިގެންނެވެ. އޭރު ފުލުހުން އަހަރެންގެ ގޭގެ ފެންޑާމަތީގައ، ދޮރުކައިރީ ތިއްބެވެ.
އަހަރެންނަށް އަތުގައި އޮތް ފަތިބުރި ދޫކޮށްލެވުނެވެ. "ޝާން ..." އަހަރެންނަށް ޝާން އަށް ގޮވައިލެވުނެވެ. ފުލުހުންގެ ތެރެއިން ދެމީހަކު އައިސް އަހަރެން ހިފެހެއްޓިއެވެ. އަދި އެމީހުގެ އަތުގައި އޮތް ފޯނަކުން އަހަރެން ޝާންއަށް ކިޔައިދިން ހުރިހާ ވާހަކަތަކެއް އަޑު އިއްވަން ފެށިއެވެ. އަހަރެން ޝާންއާ ދިމާލަށް ބަލައިލީމެވެ. ޝާން އޭނާގެ އަތުގައި އޮތް ފޯނު ދައްކައިލުމުން އަހަރެންނަށް ދަތްކުނޑި ވިކައިލެވުނެވެ. އަދި ފުލުހުންގެ އަތް ފޮޅުވައިލުމަށް މަސައްކަތްކުރީމެވެ. ފުލުހުންގެ ވޭނާދިމާލަށް ދިއުމަށް ފުލުހުން އިޝާރާތްކުރުމުން، އަހަރެން ދިއުމަށް އެނބުރުނީމެވެ. ކުއްލިއަކަށް ބަގީޗާގަސްތަކާ ދިމާލުގައި ހުއްޓިގެންހުރި ރަމްލާ އަހަރެންނަށް ފެނުނެވެ. އަހަރެން އިސްޖަހައިލީމެވެ.