18 Jun 2015, 22:46
މަޖީދީ މަގުގައި ހުންނަ ކާމިނީ ޝޮޕިން ކޮމްޕްލެކްްސްގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ މޭޖަރ އަދުނާން މުޙައްމަދު މިރޭ ސަންއަށް ވިދާޅުވީ، އަލިފާން ހިފާފައި ވަނީ، މަޖީދީ މަގު ޑިލައިޓް ކުރިމަތީގައި ހުރި ކާމިނީ ޝޮޕިން ކޮމްޕްލެކްސް އިމާރާތުގެ ދެވަނަ ފަންގިފިލާގެ ބައެއްގައި ކަމަށާއި އެއީ، މީހުން ދިރިއުޅޭ ތަނެއްކަމެއް ނުވަތަ ފިހާރައެއްގެ ބައެއްކަމެއް އަދި ސާފު ނުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަލިފާން ނިއްވާ ބޭފުޅުން މިހާރު ދަނީ އެތަން ނިއްވުމުގައި ހަރަކާތްތެރިވަމުން. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވޭ. މައުލޫމާތު ލިބުނު ވަރަކުން އަޅުގަނޑުމެން ފޯރުކޮށްދެމުން ގެންދާނަން،" މިރޭ 10:30 ކަންހާއިރު ކާމިނީ ޝޮޕިން ކޮމްޕްލެކްސްގައި ރޯވި އަލިފާނުގެ ހާދިސާގެ މައުލޫމާތު ދެއްވަމުން އަދުނާން ވިދާޅުވި އެވެ.

ކާމިނީ ޝޮޕިން ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެ އަނދަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ސަންގެ ނޫސްވެރިޔާ އާދަމް ނަޒީރު ބުނީ، އަލިފާންގަނޑު ވަރަށް ބޮޑަށް އަނދަމުންދާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންނާއި ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން
އަލިފާންގަނޑު ނިއްވާލުން
އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ ނޫސްވެރިން ބުނީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފި ކަމަށާއި އެހެން ނަމަވެސް އަދިވެސް ވަރަށް ބޮޑަށް ދުންއަރަމުންދާކަަމަށެވެ.
މޭޖަރ އަދުނާން ވިދާޅުވީ، "އަލިފާންގަނޑުގެ 80 ޕަސެންޓް މިހާރު ކޮންޓްރޯލް ކުރެވިފައި ވަނީ. އެކަމަކު އަދިވެސް އެތަނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް ކަށަވަރެއް ނުކުރެވޭ،" ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ފިހާރައިގެ ވެރިޔާއާ އަބްދުﷲ އަލިދީދީއާ ހަވާލާދީ އެ ސަރަހައްދުގައި ހުރި ސަންގެ ޑެޕިއުޓީ އެޑިޓަރު ޙުސައިން ޙަސަން ބުނީ، އަލިފާން ރޯވީ ކާމިނީ ޝޮޕިން ކޮމްޕްލެކްސްގައި ހުރި ދެ ފިހާރައެއްގެ ގުދަނުގައި ކަމަށާއި އެތަނުން އެއް ތަނަކީ އަންނައުނު ގުދަނެއް ކަމަށާއި އަނެއް ގުދަނުގައި ހުރީ ބޫޓާއި ފައިވާން ކަމަށެވެ.
"ތިރީގައި މިހިރަ އަންނައުނު ފިހާރައާއި ބޫޓާއި ފައިވާން ވިއްކާ ފިހާރައިގެ ގުދަނުގައި އަލިފާން ރޯވެފައި ވަނީ. ގުދަން ހުންނާނީ މަތީ ފަންގި ފިލާގައި. އެތަނަށް ލިބިފައިވާ ގެއްލުން އަންދާޒާކުރަން އެނގޭނީ އެތެރެއަށް ވަދެވުނީމަ. ފިހާރަ ހުރީކީ އިންޝުއާ ކޮށްފައެއް ވެސް ނޫން،" ފިހާރައިގެ ވެރިޔާ އަބްދުﷲ އަލިދީދީ ކިޔައިދިނެވެ.
އެމްއެންޑީއެފްގެ ވެބްސައިޓުގައި ބުނެފައި ވަނީ، މއ. ކާމިނީގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން މިހާރު އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ. އެ ހާދިސާގެ މަޢުލޫމާތު މިރޭ 22:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އެފްއާރުއެސްގެ ފަޔަރމަނުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 23:20 ހާއިރު ކަމަށެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިމާރާތުގައި އަލިފާން ރޯވަން ދިމާވި ސަބަބު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތަޙުޤީގު ކުރަމުންދާކަމަށް ވެސް އެމްއެންޑީްއެފުން ބުންޏެވެ.