18 Jun 2015, 22:36
ރަމަޟާން މަހަށް ޚާއްސަކޮށްގެން ގޫގުލް އިން ފުރަތަމަ ފަހަރަށް ވެބްސައިޓެއް މިއަދު ތައާރަފްކޮށްފި އެވެ.'މައި ރަމަދާން ކޮމްޕޭނިއަން'ނަމުގައި ތައާރަފްކޮށްފައިވާ އެ ވެބްސައިޓުން އިރުއަރާ ވަގުތާއި އިރުއޮއްސޭ ވަގުތާއި އަދި އެމީހަކާއި އެއްމެ ކައިރީގައި ހުރި މިސްކިތްތަކާއި އަދި ރޯދަ ވީއްލުންތަކުގެ މައުލޫމާތު ވެސް ދެ އެވެ.
މީގެ އިތުރުން ޓްރެފިކްގެ މައުލޫމާތާއި ރެސިޕީތަކާއި ވީޑިއޯތައް ވެސް ހިމެނެ އެވެ. އަދި ހަލާލް ރެސްޓޯރެންޓްތައް ހޯދުމަށް ވެސް އެހީތެރިވެ އެވެ. މީގެ އިތުރުން ހާރުކެއުމަށް ހޭލަން އެހީތެރިވެދޭނެ އެޕްލިކޭޝަންތައް ވެސް ރިކަމެންޑް ކުރެ އެވެ. އަދި ރޯދަ މަހު ދުޅަހެޔޮ ސިއްހަތެއްގައި ހުންނާނެ ގޮތުގެ މައުލޫމާތު ވެސް ހިމަނާފައިވެ އެވެ. މި ނޫނަސް ރޯދަ މަހާއި ބެހޭ ގިނަ މައުލޫމާތު ހިމަނާފައިވެ އެވެ.
ގޫގުލް ބްލޮގްގައި ބުނެފައި ވަނީ 200 މިލިއަނަށް ވުރެ ގިނަ މުސްލިމުން ރޯދަ މަހާއި ކުރިމަތިލަނީ އާއިލާ އާއި ދުރުގަ އެެވެ. އެ ފަރާތްތަކުން ޓެކްނޮލަޖީގެ އެހީގައި އަދި ގޫގްލް އެޕްލިކޭޝަންތަކުގެ އެހީގައި އާއިލާއާއި ގުޅުން ބަދަހިކޮށް ރޯދައަށް ޕްލޭން ކުރެ އެވެ. އަދި އެއް ބިލިއަނަށް ވުރެ ގިނަ މުސްލިމުން ރޯދަ ހިފަމުންދާކަން ވެސް ގޫގްލް އިން ވަނީ ފާހަގަކޮށްފަ އެވެ.
ގޫގުލް ބްލޮގްގައި މިކަން އިއުލާން ކުރުމާއި ގުޅިގެން ކޮމެންޓް ކުރި ގިނަ ފަރާތްތަކުން ވަނީ އެކަމަށް މަރުހަބާ ދަންނަވާފަ އެވެ.