18 Jun 2015, 22:12
ވަށައިގެން ވަނީ އަނދިރިކަމާއި ބަންދުކަމެވެ. އަލިކަމުގެ އެއްވެސް ފަދައެއް ނެތެވެ. ޒިމްނާއަށް މިހާރު އޮންނަން ޖެހިފައިމިވަނީ ހޫނުކަން ގަދަ ކުޑަކުޑަ ގޮޅިއެއްގެ ތެރޭގައެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. މިހެން ޖަލުގައި އޮންނަތާ ފުރިހަމަ ހަމަސް ދުވަސް ވެއްޖެއެވެ. ޒިމްނާއަށް އޮވެވުނީ ފިކުރު ކުރާށެވެ. ފެށުނީއްސުރެން އޭނާގެ ޙަޔާތަށް ކުރިމަތި ވަމުން އައި ބިރުވެރި ތޫފާންތަކާއި ދޭތެރޭގައެވެ. އެޙަޔާތުގެ މަންޒިލް ޖަލުގޮޅިއެއްގެ ތެރެއަށް ވާޞިލުވާން ޖެހުނު ސަބަބާއި ދޭތެރޭގައެވެ. ފެށުނީއްސުރެން އޭނާގެ ހަޔާތުގެ ޞަފްޙާތަކަކީ ކަޅު އަނދިރި ޞަފްޙާތަކެކެވެ.
ދިރިއުޅުމުގައި ދުވަހަކުވެސް ޙަޔާތަށް އަލި ކަމެއް ލިބުނު ހަނދާނެއް ޒިމްނާ ނެތެވެ. އެންމެ ކުޑައިރުއްސުރެން ފެށިގެންނެވެ. ހަނދާން ހުންނަން ފެށީއްސުރެން ޒިމްނާ އޭނާގެ ދޮންބައްޕަ މޫޞާދީދީގެ އަނިޔާތަކުގެ ޝިކާރައަށް ހުރީ ވެނިމިފައެވެ. އެތޫނު ވަކިތަކުން ކޮންމެ ރެއަކު އޭނާ ހިތުގައާއި ހަށިގަނޑުގެ އެތަންމިތަން ދިޔައީ ޒަޚަމް އުފައްދަމުންނެވެ. އެންމެ ކުޑައިރުއްސުރެން ދޮންބައްޕަގެ ޖިންސީ ގޯނާގެ ހައްދުފަހަނައަޅާފައިވާ އަނިޔާތައް ޒިމްނާއަށް ދިޔައީ ލިބެމުންނެވެ. ފުރާވަރު އުމުރަށް އެޅުމުން ހެވާއި ނުބައި ވިސްނޭ ވަރުވާން ފެށުމުން ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްވެވޭނޭ މަގެއް ފެނޭތޯ ޒިމްނާ މަސައްކަތް ފެށިއެވެ. އެއްވެސް ދިމާލަކުން ކާމިޔާބުގެ ކަނިކޮޅެއްހައި ހިސާބުވެސް ރޯވާގޮތެއް ނުވިއެވެ. ހަދާނޭ ގޮތެއް އެކަމާއިމެދު ކުރާނޭ މާބޮޑު ކަމެއްވެސް ޒިމްނާއަށް ނުވިސްނޭތީއެވެ.
ޒިމްނާ އޭނާގެ އުފަން ބައްޕަ ދުށް ހަނދާނެއް ނުވެއެވެ. އޭނާގެ ހަމައެކަނި ހުރިހައިވެސް މީހަކީ މަންމައެވެ. އެތައްދުވަހެއް ފަހުން ވަރަށް ހިތްވަރުކޮށްފައި މަންމައަށް ހުރިހައި ވާހަކައެއް ކިޔައިދިނެވެ. ހަމަ ޤައިމު މަންމަގެ ފަރާތުން ލިބޭނޭ ރައްކާތެރިކަމުގެ އުއްމީދުގައެވެ. ޒިމްނާ މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. ޒިމްނާ އުއްމީދު ކުރިގޮތާއި ޚިލާފަށް މަންމަގެ ފަރާތުން އޭނާއަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެވާހަކަ އިވުމުން މަންމަ ބުނީ ޒިމްނާ ގާތުގައި އެވާހަކަ އިތުރު އެއްވެސް މީހަކަށް ކިޔައި ނުދިނުމަށެވެ. ދޮންބައްޕައަކީ ރަށުގެ ހަރު މީހެއް ކަމަށާއި އޭނާގެ ވާހަކަ އިތުރަށް ދައްކައިފިނަމަ ޒިމްނާ ގެންގޮސް ޖަލަށްލައި ހައްޔަރުކޮށްފާނޭ ކަމަށެވެ. ދޮންބައްޕައަކީ ނިކަން ރަނގަޅު މީހެއް ކަމަށާއި މަންމަ ދޮންބައްޕައާއި ވާހަކަ ދައްކައިގެން އެކަމަށް ހައްލެއް ހޯދައިދޭނޭ ކަމަށެވެ. ރަށުތެރޭ އެވާހަކަ ދެކެވިއްޖެނަމަ ޢާއިލާއަށް ހުތުރު ނަން ލިބޭނޭ ކަމަށެވެ. އެހެން ވެއްޖެނަމަ ހިތްފަޅައިގެންގޮސް މަންމަ މަރުވެދާނޭ ކަމުގައެވެ. ކުޑަކުޑަ ޒިމްނާއަށް ރޮއިގަނެވުނެވެ. އޭރު އޭނާގެ އުމުރުން ބާރަވަރަކަށް އަހަރެވެ. މިޢުމުރުގައި އެއްވެސް ޙާލެއްގައި މަންމަ ވަކިވުމަކީ ޒިމްނާއަށް ކެތްކުރެވޭނޭ ކަމެއްނޫނެވެ. މަންމަ ރޮއިރޮއިފައި ދެއްކި ވާހަކަތައް ޤަބޫލުކޮށް އެއްވެސް މީހަކަށް އިތުރަށް އެވާހަކަ ކިޔައި ނުދިނުމަށް ޒިމްނާ އެއްބަސްވިއެވެ.
ޒިމްނާގެ މަންމައާއި ދޮންބައްޕަގެ ދެކުދިން ތިބެއެއެވެ. އެއްމާބަނޑު ދެބެއިންނެވެ. ކިރިޔާ ހިނގައިލެވޭ ޢުމުރުގެ ތުއްތު ދެކުދީންނެވެ. ކުޑަކުޑަ ދެބެންގެ އެކި ކަންކަމުގައި ދުވާލުދާ ހަތަރުދަމު މަންމައަށް އުޅެން ޖެހުމުން ވަރުބަލިވެފައި ހުންނަވަރުން ރޭގަނޑު އޮއްސޭ އިރާއިއެކު ދެކުދިން ނިންދަވާފައި މަންމަވެސް ނިދަނީ އެވެ. ދަންވަރު ވަގުތުގައި ޒިމްނާއާއި މެދު ހިނގާ އަނިޔާވެރިކަމެއް މަންމައަށް ރޭކާވެސް ނުލާނެއެވެ. ޒިމްނާމެން ދިރިއުޅެމުން އަންނަނީ މަންމަގެ ގޯތީގައި ދޮންބައްޕަ އަޅާފައި ހުންނަ ގެއެއްގައެވެ. މަންމައާއި ދޮންބައްޕަ އަދި ކޮއްކޮމެން ނިދަނީ އެއް ކޮޓަރިއެއްގައެވެ. ޒިމްނާއަށް ދޮންބައްޕަ ވަކިން ކޮޓަރިއެއް ހަދައ ިދީފައި ހުރެއެވެ. ފަހުން އެނގުނު ގޮތުގައި ދޮންބައްޕަ މަންމައާއި އިނީއްސުރެން ޒިމްނާ ނިދަނީ ވަކީންނެވެ. ފެށުނީއްސުރެން ދޮންބައްޕަ ކަންކަން ރާވާފައި ވަނީ އޭނާގެ އަނިޔާގެ ކަނޑުގައި ޒިމްނާ ފެއްތުމަށް މަގުފަހިވާނޭ ގޮތްތައް ވިސްނައިގެންނެވެ.
މަންމަ ގާތުގައި ޒިމްނާ އެވާހަކަ ދެއްކިފަހުން ކަންތައްވީ އިތުރަށް ގޯހެވެ. ދޮންބައްޕަ ޒިމްނާއަށް ބިރުދައްކަން ފެށިއެވެ. މަންމަވެސް އަދި ޒިމްނާވެސް މަރާލާނޭ ކަމަށާއި އޭނާ ކުށެއް ކޮށްފާނޭ ކަމަށް ޤަބޫލުކުރާނޭ މީހަކު މުޅި ރަށުގައިވެސް ނުހުންނާ ކަމުގައި ބުންޏެވެ. ޒިމްނާއަށް އެހިސާބުން ހުރިހާ ކޮޅެއް ބަންދުވީއެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. އޭނާގެ މަންމައަށް އެއްވެސް އަނިޔާއެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންވީމާ ވާނެގޮތެއް ވުމަށް ކެތްކޮށްލައިގެން ހިމޭނުން އިންނާނީއެވެ. މިގޮތުގެ މަތީން ދުވަސްތައް ވޭތި ކުރަމުން ދިޔައެވެ. އެކަނިވާ ކޮންމެ ވަގުތެއްގައި ރުއިން ނޫންކަމެއް އޭނާގެ ނޯވެއެވެ. ގިސްލަގިސްލާފައި ރޯން އިނދެވެނީ ކިހާއިރެއް ވަންދެން ކަމެއް އޭނާއަކަށްވެސް ނޭނގޭނެއެވެ.
ދުވަސްތައް މާޒީއާއި އެކުވެ ގޮސް ޒިމްނާގެ ޒުވާން އުމުރު އޭނާއާއި ބައްދަލު ކޮށްފިއެވެ. ޒިމްނާއަކީ ބުރުސޫރަ ރީތި ކުއްޖެކެވެ. ފިރިހެނުން ހިތްކިޔާކަހަލަ ރީތި އެތައް ސިފައެއް އޭނާއަށް ލިބިފައިވެއެވެ. އޭނާއަށްވެސް ލޯބީގެ ހުށަހެޅުންތައް ތަފާތު ކުދިންގެ ފަރާތުން ދިޔައީ ލިބެމުންނެވެ. އެއްވެސް ހުށަހެޅުމަކަށް ޖަވާބު ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. ދޮންބައްޕަ ދެކެ ގަންނާކުރައްވާ ބިރެއްގެ ސަބަބުންނެވެ. އޭނާއަށް ހެޔޮގޮތެއް ހޯދައިދެވިދާނޭ އެއްވެސް މީހަކު ހުރެދާނޭ ކަމުގެ ޔަޤީންކަމެއް ޒިމްނާއަކަށް ނޯވެއެވެ. އެއްވެސް މީހަކަާއި ގުޅުމެއް އުފެދިއްޖެނަމަ އޭނާ ދެކޭގޮތުގައި އެހިސާބުން އަޖަލު ހަމަވީއެވެ. ގެއިން ބޭރަށް ނިކުތުންވެސް އޭރުން އޭނާއަށް މަނާ ވާނެއެވެ. އެހެނަސް ޒިމްނާގެ ހިތުގެ އެންމެ ފުންމިނުން އަބަދުމެ އެދޭ ހަޔާތުގެ ބޮޑު އެދުމެއް އޮވެއެވެ. ތާއަބަދު ކުރިމަތި ވަމުން އަން އަނިޔާވެރިކަމުން މިންޖުވެވޭނޭ މަގެއް ކޮންމެވެސް ދުވަހަކުން ދެއްކެވުމެވެ.
ޝާނިމްއަކީ ރަށު ސްކޫލުގެ ޓީޗަރެކެވެ. ޒިމްނާއާއި ޝާނިމް ބައްދަލުވީ އަތިރިމަތީންނެވެ. ޝާނިމް އެތަނަށް އައިއިރުވެސް ޒިމްނާ ހުރީ އޭނާގެ ބަނަ ޙަޔާތާއި މެދު ވިސްނައި ފިކުރު ކުރާށެވެ. ޒިމްނާއަށް ޝާނިމް އެދުވަހު ލޯބި ހުށަހެޅިއެވެ. ޝާނިމް އަކީ އަޚުލާގު ރަނގަޅު ރަށަށް ނަންހިނގާ ޤަދަރުވެރި ޢާއިލާއެއްގެ މީހެކެވެ. ޒިމްނާގެ ހިތުގައި އުއްމީދީ ކަންޏެއް ޖަހަންފެށިކަމުގެ އިޙުސާސް ޒިމްނާއަށް ކުރެވެން ފެށިއެވެ. ޒިމްނާ އިރުކޮޅަކު ވިސްނަން އިނުމަށްފަހު އެއްވެސް ފޮރުވުމެއްނެތި އޭނާގެ ޙަޔާތުގެ ހަޤީޤީގަތް އަލިފުން ޔާއަށް ތަރުތީބުކޮށް އަތުރައިގެން ޝާނިމަށް ކިޔައިދިނެވެ.
"އަހަންނަށް އެނގޭ. އެއްވެސް މީހަކު އަހަރެން ކަހަލަ މީހަކާއި ގުޅޭކަށް ބޭނުމެއް ނުވާނެ" ޒިމްނާ ވާހަކަ ދައްކަމުން ދިޔައީ ދުރުބަލަން ހުރެގެންނެވެ. އޭނާގެ އަޑުވަނީ ކުރެހިފައެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދެއެވެ.
ޒިމްނާގެ ވާހަކަތައް އިވުމުން ޝާނިމް ހައިރާންވެ އަންތަރީސްވިއެވެ. އެހެނަސް އޭނާގެ ހުށަހެޅުން އަނބުރައި ގެންދާކަށް ނުވިސްނިއެވެ.
"އަހަންނަށް ޒިމްނާގެ ތިޔަކަހަލަ އުނދަގޫތަކެއް އުޅޭ ކަމަށް ފާހަނގަ ކުރެވޭ. ފުރަތަމަ ފެނުނު ދުވަހުވެސް ޒިމްނާއަކީ ވަރަށް ޙާލުގައި އުޅޭ ކޮންމެވެސް ނޭނގޭ އަނިޔާތަކެއް ލިބެމުންދާ ވަރަށް އެކަނިވެރި ކުއްޖެއްކަމުގެ އިޙުސާސް ކުރެވުނު. އެދުވަހުން ފެށިގެން އަހަރެން ބޭނުންވަނީ ޒިމްނާއަށް އެހީވާން. އަހަންނަކީ އެހެންމީހުންނާއި ތަފާތު މީހެއް. އަހަރެންގެ ހުށަހެޅުން ޤަބޫލުކުރޭ. އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން ދޮންބައްޕައަށް ނުކެރޭނެ ޒިމްނާއާއި ވައިވެސް އެޅޭކަށް. އަހަރެން ޒިމްނާ ދޫކޮށްލާކަށް ބޭނުމެއް ނޫން"
"އަހަރެން ވިސްނާލާފައި ޖަވާބެއް ދޭނަން" ޒިމްނާ އިތުރަށް ވިސްނަން ބޭނުމެވެ. އޭނާގެ ޙަޔާތަށް އަންނަން އުޅެނީ ކޮންފަދަ ޒަލްޒަލާއެއްކަން އޭނާ މިނެކިރައި ހެދުމަށްފަހު ނޫނީ ޖަވާބެއްދޭން ނުކެރޭނެތީއެވެ. ފަހަރުގައި ދޮންބައްޕައަށް އެނގިއްޖެނަމަ އޭނާގެ ދުވަސް ދުއްވާލަފާނެއެވެ. މިކަހަލަ ފިކުރުތަކާއިހެދި އެވަގުތު ޖަވާބެއް ދޭން ދަތިވީއެވެ. ފަހު ދުވަހު އެގަޑީގައި އެތަނުން ބައްދަލުވާނޭ ކަމުގައި ބުނެފައި ޒިމްނާ ދިޔައީ ގެއަށެވެ.
އެދުވަސްކޮޅު ދޮންބައްޕަ ރަށަކު ނޫޅެއެވެ. އެހެންކަމުން ސްކޫލުގަޑިތައް ނޫނަސް ޒިމްނާ ބޭނުން ވަގުތަކު އޭނާއަށް ބޭރަށް ގޮސް ހެދެއެވެ. ޒިމްނާ ޝާނިމްގެ ހުށަހެޅުމާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނިއެވެ. އެއްގޮތަކުން އޭނާއަށް ސަލާމަތުގެ އައްސޭރިއަށް ދަތުރު ފެށެނީއެވެ. އެހެން ވެއްޖެނަމަ ކިތަންމެހައިވެސް ރަނގަޅެވެ. ހިތް އެކަމަށް އެދި އާދޭސްކުރަމުން ދިޔައެވެ. އެހެންނަމަވެސް ސިކުނޑިއަކަށް އެކަމާއި އެއްބަހެއް ނުވެވުނެވެ. ސިކުނޑިން ވިސްނައިދިނީ އެއްވެސް މީހަކަށް އިތުބާރު ނުކުރުމަށެވެ. ދޮންބައްޕަގެ އަނިޔާއިން އެކަކަށްވެސް އޭނާ ސަލާމަތްކޮށް ނުދެވޭނެއެވެ. އުފަން މަންމައަށް ނުކޮށްދެވުނުކަމެއް ދެން ކުރެވޭނީ ފަހެ ކާކަށް ހެއްޔެވެ؟
"ސޮރީ. އަހަންނަކަށް ނެތް ތިކަންވާކަށް" ޒިމްނާ ވާހަކަ ދައްކަމުން ދިޔައީ ޝާނިމާއިއެވެ. ހަމަ ކުރީދުވަހު ބައްދަލުވީ ތަނުގައި ތިބެގެންނެވެ. ޒިމްނާގެ ނިންމުން ބަދަލުވޭތޯ ޝާނިމް ވަރަށް ގިނަ ވާހަކަ ދެއްކިއެވެ. އެހެނަސް ޝާނިމްގެ ވާހަކަތައް ޒިމްނާ އަޑެއް ނޭހިއެވެ.
"އެންމެ ރަނަގަޅު، ޒިމްނާގެ ޚިޔާލު ބަދަލުވެއްޖިއްޔާ ގުޅާތި. މިއޮތީ ނަމްބަރު. އަހަރެން ސިއްރެއްގެ ގޮތުގައި ޒިމްނާގެ ވާހަކަތައް ބާއްވަދޭނަން. އުމުރަށްވެސް އިންތިޒާރު ކުރާނަން" ޒިމްނާގެ ގޮތް ދޫނުކުރުމުން ޝާނިމް އެންމެ ފަހުން ދިޔައީއެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. ޒިމްނާއަށް އަނެއްކާވެސް އެހެން މީހެއްގެ ހުށަހެޅުމެއް ލިބުނެވެ. މިހާދަކީ ރަށަށް މަޝްހޫރު ވިޔާނުދާ މީހުންގެ ލީޑަރެވެ. މިހާދު ބުނިގޮތުން އޭނާ ޒިމްނާ ދަންނަތާ ކިތަންމެ ދުވަހެކެވެ. އޭނާ ޒިމްނާ ދެކެ އިންތިހާއަށް ލޯބިއެވެ. ޒިމްނާ މިހާދަށްވެސް އޭނާގެ ހަޔާތުގެ ޙަޤީޤަތް ކިޔައިދިނެވެ. ޒިމްނާގެ ޙަޔާތަކަށް ކޮންމެ ކަމެއް މެދުވެރިވެފައި ވީނަމަވެސް މިހާދުވެސް ޒިމްނާ ބޭނުންކަމަށް ބުންޏެވެ. އެއަށްވުރެން ބޮޑަށް އޭނާ ޒިމްނާދެކެ ލޯބިވާތީއެވެ. މިހާދާއި ގުޅުމަށްފަހު ޒިމްނާގެ ގައިގައި އިނގިލިކުރި ޖައްސާލިޔަސް ދޮންބައްޕަގެ ދުވަސް ދުއްވާލާނޭ ކަމުގައި އޭނާ ބުންޏެވެ. މިހާދުގެ ވާހަކަތަކަށް ޒިމްނާއަށް އިތުބާރު ކުރެވުނެވެ. އެހެންނަމަވެސް މިހާދުގެ ހުށަހެޅުމާއި މެދުވެސް ޒިމްނާ ވިސްނަން ވަގުތު ހޯދިއެވެ.
ޒިމްނާއަށް ވިސްނުނު ގޮތުގައި މިހާދަށް އޭނާގެ ހަޔާތް ހަމަމަގަށް އަޅުވައި ދެވިދާނެއެވެ. ނުލަފާ ކަމުން އޭނާ ނުދަންނަ މީހެއް ރަށުގައި ނޫޅޭނެއެވެ. ނުލަފާ ވިޔަސް ވަރިހަމަތާއެވެ. އޭނާގެ ދޮން ބައްޕައަށްވުރެން ހާސްގުނަ ރަނގަޅުވާނެއެވެ. މިހާދަކީ ދޮންބައްޕަގެ އަނިޔާވެރިކަމުން އޭނާ ސަލާމަތް ކޮށްދެވޭނޭ ވަރުގެ މީހެކެވެ. މިހާދޭ ބުންޏަސް ދޮންބައްޕަ ޖެހިލުން ވާނޭކަން ޔަޤީނެވެ.
މިފަދަ ވިސްނުންތަކުގައި ގޮތް ނިންމައި ޒިމްނާ މިހާދުގެ ހުށަހެޅުން ޤަބޫލުކުރިއެވެ. އެދެމީހުން ރައްޓެހިވިކަން މަންމައަށް އެންގި ފަހުން ދޮންބައްޕައަށް ޒިމްނާއާއި ދިމާލަށް ބަލައިލަންވެސް ނުކެރެއެވެ. ދެމީހުން ގުޅި ގިނަދުވަސްތަކެއް ނުވަނީން ޒިމްނާގެ މަންމަ އެދުނީ ވީއެންމެ އަވަހަކަށް ކައިވެނި ކުރުމަށެވެ. ޒިމްނާވެސް ބޭނުންވީ އެގޮތެވެ. އަދި މިހާދުވެސް ބޭނުންވީ ވީއެންމެ އަވަހަކަށް ޒިމްނާއާއި ކައިވެނިކޮށްގެން އޭނާ އެގެއިން ގެންދިއުމަށެވެ.
މިހާދަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން ޒިމްނާއަށް ކުރިއަކުން ނޭނގެއެވެ. އެކަން އޭނާއަށް އެނގުނީ މިހާދާއި ކައިވެނިކޮށްގެން މިހާުދުގެ ގެއަށް ދިޔަފަހުންނެވެ. މިހާދަކީ އެކަމުގައި އަރައިހުރި މީހެކެވެ. އޭނާ އަސްލު ހަޤީޤަތުގައިވެސް ޒިމްނާދެކެ އިންތިހާއަށް ލޯބި ވެއެވެ. އަދި އޭނާއާއި އިނުމުން ޒިމްނާގެ އަނދިރި ހަޔާތަށް ނިމުމެއް އައީއެވެ. އެހެންކަމުން ޒިމްނާ ނިންމީ ކޮންމެ ގޮތެއް ވިޔަސް މިހާދާއި އެކުގައި ޙަޔާތްވޭތި ކުރުމަށެވެ. މިހާދު ޒިމްނާއަށް އަޅައިލައެވެ. ޒިމްނާ ބޭނުންވާ މިންވަރަށް އޭނާގެ ފަރާތުން ލޯބި ލިބެއެވެ. މިހާދު ޒިމްނާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއްކަމަށާއި އެކަމުން އޭނާއަށް ދުރު ނުވެވޭނޭ ކަމަށް ޒިމްނާ ގާތުގައި އޭނާ ބުންޏެވެ.
މިގޮތުގައި ދެމީހުންގެ ޒަވާޖީ ޙަޔާތުގައި ފުރިހަމަ އަހަރެއްހައި ދުވަސް ފާއިތުވެ ހިނގައްޖެއެވެ.
"ޒިމް. ވާހަކައެއް ބުނަންތަ؟" މިހާދު ވާހަކަ ދައްކަމުން ދިޔައީ ނިދާ އެނދުގައި ޒިމްނާ އޮށޯވެ އޮތްއިރު މަގަތުގައި އިށީނދެ އިނދެގެންނެވެ.
"އަހަންނަކަށް މިހާރު ލާރިއެއް ލިބޭނޭ އެއްވެސް ގޮތެއް ނެތް. އަހަންނަކަށް ނުބޮއެއް ނުހުރެވޭނެ. އެއްވެސް ތާކުން އަހަންނަކަށް ވަޒީފާއެއް ނުލިބޭނެ. އެންމެ ފަހުން އުޅުނުތަނުންވެސް ކަނޑައިލީ އެތާ ބޮޑު ގޮލަޔަށް ބަސްޓުވެގެން"
"މިހާދު ތިކަން ހުއްޓާލަން ވީނު" ޒިމްނާ ވާހަކަ ދައްކަމުން ދިޔައީ އޯގާތެރިކަމާއި އެކު ލޯބިންނެވެ. " ހުއްްޓާލާފައި މީހުން ޤަބޫލުކުރާ ކަހަލަ މީހަކަށް ވީމަ ވަޒީފާވެސް ލިބޭނެ"
"ކީކޭ؟ ހުއްޓާލާށޭ؟ ތިކަމެއް ނުވާނެ" މިހާދުގެ އަޑު ބާރުވާން ފެށިއެވެ. "އެންމެ ފުރަތަމަވެސް ޒިމްނާ ކައިރީގައި ބުނެފަ އޮންނާނީ މިކަން އަހަންނަކަށް ނުހުއްޓޭނެޔޭ...... ހަދަންވީގޮތް ބުނަންތަ؟ ޒިމްނާ މަސައްކަތް ކޮށްގެން ލާރި ހޯދަންވީ އޭރުން ދެމިހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ. އަހަންނަށް ބޯލައިގެން ނޫނީ ޒިމްނާއަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައެއް ނުދެވޭނެ" މިހާދުގެ އަޑު މަޑުމަޑުން މަޑުވެ އޯގާތެރިކަން އެކުލެވެން ފެށިއެވެ. "ޒިމްއަށް އެނގޭނު ޒިމްގެ ހަޔާތަކީ ކިހައި ކަޅު ހަޔާތެއްކަން. އަހަރެން ޒިމް އެކަމުން ސަލާމްތަކޮށްދިނީ ކިހާ ލޯބިވާތީ؟ އެހެންވީމާ އަހަންނަށްޓަކައި މިވަރުކަމެއް ކޮށްލަ ދެވެންވާނެ" ޒިމްނާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާވަކި ލާރި ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އޯލެވެލް އިން އެއްވެސް މާއްދާއަކުން ފާހެއް ވީކީ ނޫނެވެ. ދެން ވަޒީފާއެއްވެސް ދޭނީ ކާކު ހެއްޔެވެ؟
ޒިމްނާ ނޫސްބަލައިގެންނާއި އެކި މީހުންނަށް ގުޅައިގެން އެދުވަހު ހަތަރު ދަމު އުޅުނީ ވަޒީފާއެއް ހޯދުމުގެ މަސއްކަތުގައެވެ. ކޮންމެ ތާކަށްވެސް ބޭނުންވަނީ އެންމެ ދަށްވެގެން އޯލެވެލް ފެންވަރުގެ މީހުންނެވެ. ކުރިއެރުމެއް ނުލިބުމުން މާޔޫސީގައި އިންދާ ރޭ ދެބައިވީފަހުން މިހާދު ގެއަށް އަތުވެއްޖެއެވެ. އޭރުވެސް ހުރީ ބޯލައިގެންނެވެ.
'ކޮބާ ވަޒީފާއެއް ލިބިއްޖެ؟؟"
"ވަރަށް މަސައްކަތް ކޮށްފިން. އަދި ލިބޭގޮތެއް ނުވޭ" ޒިމްނާ ޖަވާބުދިް އިރު އޭނާގެ މޫނުމަތީގައި ވަނީ މާޔޫސްކަމުގެ ކުލަވަރުން ފެވިފައެވެ.
"ނުލިބޭނެ. ޒިމްނާއަކީވެސް ކިޔެވައިގެން ހުރި މީހެއް ނޫން. ދެންކާކު ވަޒީފާއެއް ދޭނީ؟"
ޒިމްނާ އެއަކަށް ޖަވާބެއް ނުދެއެވެ. މިހާދުގެ މޫނަށް ބަލަން ހުރީއެވެ.
ދެން އޮތީ މަބުނާ ގޮތް ހެދުން. ވާނެތަ؟" މިހާދުގެ ގެ ޝަހާދަށް އިނގިލި ހުރީ ޒިމްނާގެ މޫނަށް އަމާޒުވެފައެވެ. އޭނާ އެކުރަނީ އިންޒާރެކޭ ބުނާ ކަހަލައެވެ.
ޒިމްނާ އޮތޯ ގެސްޓް ހައުސް އެއްގެ ކޮތަރިއެއްގައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ވައްޓާލާފައިވަނީ ފުލުހުންނެވެ. ކޯޓު އަމުރު ދައްކަމުންނެވެ. ޒިމްނާ އޭރު އޮތީ އެނދުމަތީގައި ހުސްގަޔާއެވެ. ކޮޓަރިއަށް ފުލުހުން ވަނުމުން ފާޚާނާއިން ފިރިހެނެއް ނިކުތެވެ. ޙަޤީޤަތުގައި އެއީ ޒިމްނާ ދަންނަ ފިރިހެނެއް ނޫނެވެ. ދެމީހުންގެ ގައިގައި ބެޑްޝީޓް އޮޅައިގެން ގެންގޮސް އެރުވީ ފުލުހުންގެ ޖިޕަށެވެ.
* * * * * * *
ވަޒީފާއެއް ނުލިބުމުން ޒިމްނާއަށް މިހާދު މަޖުބޫރު ކުރިކަމަކީ އެއީއެވެ. އޭނާ ދިޔައީ އޭގެ ފަހުން ފާއިތުވި ތިން އަހަރެއްހާ ދުވަހު ޒިމްނާ ވިއްކައިގެން ލާރި ހޯދަމުންނެވެ. ޒިމްނާއަކަށް އެކަމަކާއި އިތުރު ގަދައެއް ނުދެއްކެއެވެ. އޭނާ މިހާދު ދެކެ ލޯބިވެއެވެ. މިހާދު އޭނާ ދެކެ ލޯބިވެއެވެ. އެހެންކަމުން މިހާދުގެ ބިރުދެއްކުމާއި އެކު ޒިމްނާއަށް މަޖުބޫރުވީ އޭނާގެ ބަސް އެހުމަށެވެ. ދުވާލަކު އެތައް ފަހަރަކު އޭނާ މަރުވެފައި ދިރޭ ފަދައެވެ. އެތައް ފިރިހެނުންނަކަށް އުފާ ހޯދައިދިނުމަކީ އޭނާގެ ވަޒީފާއެއް ފަދަ މަސައްކަތެވެ. ޒިމްނާ ފަކީރު އެކަނިވާ ވަގުތުތަކުގައި ރޮއިރޮއިގޮސް މީހާ ހުންނަނީ ހަލާކުވާވަރު ވެފައެވެ. މީހަކާއި އިނދެވުނު ހިސާބުން ހިތާމަތައް ކޮޅުންލީ ކަމަށް ކުރެވުނު އުއްމީދުވެސް ވެގެން ދިޔައީ ފެނަށެވެ. ރަޙުމެއް ނެތް ފިރިމީހާގެ އަނިޔާވެރިކަން މިވަނީ އިންތިހާއަށް ގޮސްފައެވެ. ޒިމްނާގެ ހަށިގަނޑުގައި ވަކި އަޅައި، ވީދައި ނޮޅައި، ހަފުސް ކޮށްލުމުގެ ފުރުޞަތު ދުވާލަކު އެތައް ފިރިހެނުންނަކަށް ދިނުމަށް އޭނާއަށް މަޖުބޫރެވެ.
* * * * * * *
ޖަލުގެ ތޭރިތަކުގެ ތެރޭގައި މިއަދު އޭނާ އެވަނީ ކޮންފަދަ އެކަނިވެރި ކަމެއްގައި ހެއްޔެވެ! ޒިމްނާ ދިޔައީ ވިސްނަމުންނެވެ. މިދުނިޔެއަކީ އޭނާއަށްޓަކައި ހާދަހާ ކެހިވެރި ތަނެކެވެ. ދިރިއުޅުމުގެ ޙަޔާތުގެ ހުޅުކޮޅު ދިއްލުނު ކަމުގެ އުއްމީދެއް ކުރެވުނެވެ. އެހެނަސް އެއީވެސް އިތުރު ކެހިވެރިކަމާއި އަނިޔާގެ ގޮވައްޗަށް ވަނދެވުނު ދޮރާއްޓަކަށް ވީއެވެ. އެންމެ ފުރަތަމަ ޝާނިމް އޭނާގެ ޙަޔާތަށް އައި ދުވަހު އޭނާގެ ބަސް ޤަބޫލު ކުރެވުނު ނަމަ ކޮންފަދަ ހެއްޔެވެ! އަނދިރި ކަމުގެ ތެރެއިން އަލިކަމަށް ނިކުމެވޭތޯ ކުރި މަސައްކަތުން ދެވޭނޭ އަލިމަގެއް ފެނުމުންވެސް ޒިމްނާއަށް ޚިޔާރު ކުރެވުނީ ކުރިންވެސް ދިރިއުޅުމަށް ހިޔަނި އެޅެމުން ދިޔަފަދަ އަނދިރި މަގެކެވެ.