18 Jun 2015, 22:12
އަދަބު ލުއިކޮށް ދިނުމާ މެދު ގޮތެއް ނިންމާނީ އިސްތިއުނާފު މަރުހަލާތައް ނިމުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިރޭ ސަން އަށް ވިދާޅުވީ މާފުށީ ޖަލުން ރައީސް ނަޝީދު، ރައީސް ޔާމީނަށް އެޑްރެސް ކުރައްވައި ރައީސް އޮފީހަށް ސިޓީފުޅެއް ފޮނުއްވި ކަމަށެވެ.
އެ ސިޓީގައި އެމަނިކުފާނު ތަންފީޒުކުރައްވަމުން ގެންދަވާ 13 އަހަރުގެ ޖަލު ހުކުމުގެ އަދަބު ލުއިކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ. އަދި އެ ސިޓީގެ ޖަވާބުގައި އިސްތިއުނާފު މަރުހަލާތައް ފުރިހަމަ ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"މާފުށީ ޖަލުން ރައީސް ނަޝީދު ފޮނުއްވި ސިޓީގެ ޖަވާބުގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ އިސްތިއުނާފު މަރުހަލާތައް ފުރިހަމަކުރެއްވުމަށް،" މުއާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.