18 Jun 2015, 21:11
މުސްލިމުންގެ ރަންޒަމާނެވެ. އިސްލާމީ އުންމަތް ހޭނެމުން ތަރުބިއްޔަތުވަމުން ދިޔައީ ޚުދު އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙިކުމަތްތެރި ބެއްލެވުމުގެ ދަށުންނެވެ. އެދުވަސްވަރު އެއްދުވަހަކު ޢައުރާބީންގެ މީހެއް މަދީނާއަށް ދިޔައެވެ. އޭނާ ދިޔައީ ސީދާ އަލްމަސްޖިދުއްނަބަވީ އަށެވެ. އިސްލާމްދީނުގެ ނަބިއްޔާ، އަދި އިސްލާމީ އުންމަތުގެ މުރައްބީ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ މިތުރު ޞަޙާބީންނާއެކު މިސްކިތުކޮޅުގައި އިންނެވިއެވެ.
ޢައުރާބީންގެ މީހާ މިސްކިތުކޮޅަށްވަދެ މިސްކިތުކޮޅަށް ކުޑަކަމުދާން ފެށިއެވެ. އިތުރު ޞަޙާބީން އެކަންމަނާ ކުރައްވައި އެއަޢުރާބީއަށް ފިލާވަޅެއް ދެއްވަން ތެދުވެވަޑައިގެންނެވިއެވެ. ނަމަވެސް ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެކަން މަނާކުރެއްވިއެވެ. އިރުޝާދު ދެއްވިއެވެ. އޭނާ ދޫކޮށްލާށެވެ. އޭނާ ކުޑަކަމުގޮސް ނިމުމުން އެތަނަށް ފެންއަޅައި ތާހިރުކޮށްލާށެވެ. ޞަޙާބީން ޢަމަލު ކުރެއްވީ އެގޮތަށެވެ. (ބުޚާރީ، މުސްލިމް، ނަސާއީ، ތިރުމިޒީ، އަބޫދާއޫދު، މުއައްޠާ).
އެޙާދިޡާއިން އެއަޢުރާބީގެ ހިތަށް ނުހަނު ފުން އަސަރެއް ކުރިއެވެ. އޭނާ އެނބުރި އޭނާގެ ޤަބީލާގެ މީހުންގެ ގާތަށްގޮސް އެޙާދިޘާގެ ވާހަކަ ކިޔައިދިނެވެ. އޭނާ ބުންޏެވެ. އަހަރެން މުސްލިމުންގެ މިސްކިތަށް ޤަޟާޙާޖާކުރީމެވެ. ނަމަވެސް މާތްﷲ ގަންދެމެވެ. މުޙައްމަދުގެފާނު އަހަރެންދެކެ ކޯފާ އިހެއް ނުކުރައްވައެވެ. އަހަންނަކަށް އަދަބެއް ނުދެއްވައެވެ. އެވާހަކަ އިވުމުން އެޤަބީލާގެ މީހުނަށްވެސް ވަރަށް އަސަރުކުރިއެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ކޯފާމަޑުކަމުގެ ސަބަބުންނެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅުގެ މާތްކަމުގެ ސަބަބުންނެވެ. ނަތީޖާއަކަށްވީ އެޤަބީލާގެ އެންމެން އިސްލާމްވުމެވެ.
މިޒަމާނުގެ އިސްލާމީ އުންމަތުގެ ޙާލަތާ ގުޅޭ ޙާދިޘާއެއްގެ ވާހަކަވެސް ދަންނަވައިލާނަމެވެ. އިންޑިޔާގެ ހިންދީންގެ ފެންކުޅިދުވަހެކެވެ. ހިންދީ ޒުވާނުންތަކެއް ފެންކުޅި ކުޅެމުން މަގެއްގެމަތީން ދިޔައެވެ. އެމަގުގައި ހުރި މިސްކިތަކާ އަރާހަމަވުމުން އެ މިސްކިތުގެ ފާރާދިމާޔަށް ފެންއޮނު އަމާޒުކޮށްލިއެވެ. އައިސްފައިތިބި ފޯރީގައެވެ. ފެންއޮނުގައި ހުރި ކުލަވިރުވައިފައިހުރި ފެނުގެ ސަބަބުން މިސްކިތުގެ ފާރެއްގައި ކުލަ ލައްގަނޑެއް ޖެހުނެވެ. އެތަންފެނިފައި މުސްލިމުންގެ ގާތަށް ރުޅިއަތުވެއްޖެއެވެ. ހިންދީ ޒުވާނުންނާ ޒުވާބުކޮށް މާރާމާރީ ހިންގައިފިއެވެ. އެޚަބަރު ސަހަރުގައި ފެތުރިގެންދިޔައީ ހިކިހުއި ދަނޑެއްގައި އަލިފާން ފެތުރިގެންދާގޮތަށެވެ. ހިންދީންނާއި މުސްލިމުންގެ މެދުގައި އަރައިރުމާއި ތަޅައިފޮޅުން ފެށިއްޖެއެވެ. މުސްލިމުންނަށް އެބައިމީހުންގެ މިސްކިތެއްގެ ފާރުގައި ކުލަފެން ޖެހުމުގެ ޙާދިޘާ ބަރުދާސް ނުކުރެވުމުގެ ނަތީޖާ އަކަށްވީ، އެސަހަރުގެ މަގުތައް މުސްލިމުންގެ ލެއިން ރަތްވެގެންދިޔުމެވެ. މުސްލިމުންގެ އެތައްބައެއްގެ ގެދޮރާއި ފިހާރަތައް އަންދައި އަޅިއަށް ހަދައިލެވުމެވެ.
މިދެ ޙާދިޘާ މިހާ ތަފާތުވީ ކީއްވެގެންތޯއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޢަމަލުކުރެއްވީ ރަޙްމަތުގެ ދީން ލާޒިމުކުރާގޮތަށެވެ. އެކަލޭގެފާނު ޚިޔާރުކުރެއްވީ ކާމިޔާބުގެ ތަޅުދަނޑިކަމުގައިވާ ކެތްތެރިކަމެވެ. ނަމަވެސް މިޒަމާނުގެ ގިނަ މުސްލިމުންނަށް ތިބެވެނީ އެބައިމީހުންގެ "ޤައުމީދީނުގައެވެ." ނަތީޖާއެއްގެ ގޮތުން އެބައިމީހުނަށް ޢަމަލު ކުރެވެނީ ޤައުމީ ޖޯޝާއި ރުޅިވެރިކަމުގައެވެ. މާތްﷲ އެމަގަކަށް މަގުދެއްކެވި ރަޙްމަތުގެ ދީނުގެ އަހްލުވެރިންނަށް މާތްﷲ މަދަދުކުރައްވައެވެ. މަލާއިކަތުން މެދުވެރި ކުރައްވައި ނަސްރު ދެއްވައެވެ. ބަންދުވެފައި ހުންނަ ހިތްތައް ހުޅުއްވައި ދެއްވައެވެ. އަނެއްކޮޅުން ޤައުމީ ދީނުގައި ތިބޭ މީހުނާ އެކުގައިވަނީ ޚުދުއެބައިމީހުންގެ އަމިއްލަ ނަފްސުތަކެވެ. އެބައިމީހުންގެ ޢަމަލުތަކުން ރޯވެ އަނދަންފަށަނީ ދެކޮޅުވެރިކަމާއި ނަފްސިއްޔާތުގެ އަލިފާންގަނޑެވެ. އެބައިމީހުން އެހެން މީހުނަށްދީ އުޅެނީ ނަފުރަތުގެ "ހަދިޔާ" އެވެ. އެހެންކަމުން އެހެންމީހުންގެ ފަރާތުންވެސް އެބައިމީހުންނަށް ލިބެނީ ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ހަދިޔާއެވެ.