މިއަހަރު ރޯދަ މަހާ ދިމާކޮށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މަހަލްދީބު ފައުންޑޭޝަނުން ހަތް ޓަނު ކަދުރު ބަހައިފި އެވެ.

މަހަލްދީބު ފައިންޑޭޝަންގެ ޕްރޮޖެކްޓް މެނާޖަރު އަހުމަދު ޝިޔާޒު "ސަން" އަށް މިއަދު ވިދާޅުވީ ރޯދަ ފެށެން ހަފްތާއަކަށް ވެފައިވަނިކޮށް މުޅި ރާއްޖެ ކަވަރުވާ ގޮތަށް އެ ޖަމިއްޔާއިން ހަތް ޓަނު ކަދުރު ބަހާފައިވާ ކަމަށެވެ.

"އައްޑުއަށް އަޅުގަނޑުމެން ފޮނުވިން އެއް ޓަނު. ދެން ހއ. ހދ. އަށް އެއް ޓަނު، އެގޮތަށް މުޅި ރާއްޖެ ކަވަރުވާ ގޮތަށް ބެހިން،" ޝިޔާޒު ވިދާޅުވިއެވެ.

އެ ޖަމިއްޔާއިން މިދިޔަ އަހަރު ރޯދަ މަހަށް އަމާޒުކޮށް ވަނީ 10 ޓަނުގެ ކަދުރު ބަހާފަ އެވެ.

ކަދުރު ބެހުމުގެ އިތުރުން މާލޭގެ ދެ މިސްކިތަކުން ރޯދަ ވިއްލުމުގެ އިންތިޒާމް މިއަހަރު އެ ޖަމިއްޔާއިން ހަމަޖައްސައިދޭނެ ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އެގޮތުން އިސްލާމިކް މަރުކަޒާއި ސޮލާހުއްދީނުގައި ރޯދަވިއްލަން ބޭނުންވާ ކާނާ އެކަށީގެންވާ ވަރަކަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު ރޯދަ މަހާ ދިމާކޮށް އައްޑޫގައި ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން އެ ސިޓީގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ފުދުންތެރިކަން ދަށް ގޭގޭ ތެރެއިން 200 ގެ އަކަށް ދެ ދުވަހަށް ބޭނުންވާނެ އާންމު ކާބޯތަކެތި ހަދިޔާ ކުރަން އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށް ވެސް ޝިޔާޒު ވިދާޅުވި އެވެ.