ރޯދަ މަހާ އެކު ބާޒާރުމަތީ އިންތިހާއަށް މީހުން ގިނަވެ، އާންމު ކާބޯތަކެތީގެ ޑިމާންޑު ބޮޑުވެފައިވާ އިރު އެތަކެތީގެ އަގުތައް މައްޗަށް ޖެހިލައިފި އެވެ.

ލޯކަލް މާރުކޭޓްގެ އަގުތަކަށް ބަލާ އިރު ރޯދަ މަހު އެންމެ މަގުބޫލު ކަރަލުގެ އަގު އުޅެނީ ކިލޯއެއް 20 ރުފިޔާ އަށެވެ. ރޯދަމަސް ފެށުމުގެ ކުރިން ކަރާ ކިލޯއެއްގެ އަގު އުޅުނީ 15 ރުފިޔާ އަށެވެ. ފަނި ގިރާލަން ބޭނުންކުރާ ފެޝަން ފުރުޓް ކިލޯއެއް 70 ރުފިޔާއާއި 80 ރުފިޔާ އަށް އަށް ހުރި އިރު އަނބެއް ވިއްކަނީ 25 ރުފިޔާ އަށެވެ. ކުރުނބައެއްގެ އަގު އުޅެނީ 15 ރުފިޔާ އާއި 20 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގަ އެވެ. ކެޔޮ ވިއްކަނީ ފަސް ރުފިޔާއަށް އަށް ރުފިޔާ އަށް ވަކެކެވެ.

ތަރުކާރީގެ އަގުތަކަށް ބަލާ އިރު އާންމުކޮށް ބޭނުންކުރާ ހުރިހާ ބާވަތެއް ވެސް އުޅެނީ 50 ރުފިޔާއިން މަތީގަ އެވެ. ކުރިން އާންމުކޮށް 30 ރުފިޔާއަށް ކިލޯއެއް ވިއްކާ ކެބެޖް ކިލޯއެއް މިއަދު ވިއްކަނީ 50 ރުފިޔާއަށެވެ. ކެރެޓް ކިލޯއެއް 50 ރުފިޔާއަށް ވިއްކާ އިރު ބީންސް ކިލޯއެއް ވިއްކަނީ 55 ރުފިޔާއަށެވެ. ޓޮމާޓޯޯ ކިލޯއެއް އުޅެނީ 60 ރުފިޔާ އަށެވެ.

އާންމުކޮށް 10 ރުފިޔާ އަށް ވިއްކާ ކޮޕީ ފަތް ބޮނޑިއެއް މިއަދު 20 ރުފިޔާ އަށް ވިއްކާ އިރު ކުއްޅަ ފިލާފަތް ބޮނޑިއެއް ވިއްކަނީ 15 ރުފިޔާއާއި 20 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގަ އެވެ. ބަށި ކިލޯއެއް ވިއްކަނީ 40 ރުފިޔާ އަށެވެ. ލުނބޯ ކިލޯއެއް 50 ރުފިޔާއާއި 60 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައި ވިއްކަމުންދާއިރު 100 ގުރާމް މިރުސް ވިއްކަނީ 30 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކަށެވެ.

ފިޔާ ކިލޯއެއް ބާޒާރުގައި 20 ރުފިޔާއާއި 25 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައި ހުރިއިިރު އަލުވި ކިލޯއެއް އުޅެނީ 12 ރުފިޔާއާއި 15 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގައެވެ. އަދި ލޮނުމެދު ކިލޯއެއް 70 ރުފިޔާއަށް ވިއްކާއިރު އިނގުރު ކިލޯއެއް ވިއްކަންި 150 ރުފިޔާއަށެެވެ.