18 Jun 2015, 16:26
ކޮޕާ އެމެރިކާ ގުރޫޕް 'ސީ'ގައި ރޭ ބްރަޒިލްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކޮލަމްބިއާ މޮޅުވިއިރު، މެޗު ނިމުމަށްފަހު ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ބްރަޒިލްގެ ނޭމާ ޑަސިލްވާއަށާއި ކޮލަމްބިއާގެ ކާލޮސް ބާކާއަށް ރަތް ކާޑު ދައްކައިފި އެވެ.
މެޗްގައި ކޮލަމްބިއާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑިފެންޑާ ޖައިސަން މަރިލާއެވެ.

ކޮޕާ އެމެރިކާ 2015 ގެ ގުރުޕް ސީ ގައި ބްރަޒިލްއާ ކޮލަމްބިއާ ކުޅުނު މެޗްގައި ލަނޑު ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިން އުފާ ކުރަނީ. އެމެޗުން ކޮލަމްބިއާ މޮޅުވީ 1-0 ގެ ނަތިޖާއަކުން --- ފޮޓޯ/ އޭޕީ
ނޭމާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލީ މެޗްގެ ނަތީޖައާ މެދު ހިތް ހަމަނުޖެހޭކަން ދެއްކުމުގެ ގޮތުން ކޮލަމްބިއާގެ ޕަބެލޯ އާމޭރޯއަށް އަމާޒުކޮށްފައި އޭނާއާ ދިމާލަށް ބޯޅަ ފޮނުވާލުމުންނެވެ. އެބޯޅައިން އާމެރޯގައިގައި ޖެހުމަށްފަހު ކޮލަމްބިއާގެ ކުޅުންތެރިންނާއި ނޭމާއާ ދެމެދު ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ކާލޯސް ބާކާ ދުވެފައި އައިސް ނޭމާގެ ބުރަކަށީގައި ޖަހައި ކޮއްޕާލުމުން އޭނާއަށްވެސް ޕެރޫގެ ރެފްރީ އޮންރީކޭ އޮސެސް ވަނި ރަތް ކާޑު ދައްކާފައެވެ.

ކޮޕާ އެމެރިކާ 2015 ގެ ގުރޫޕް ސީ ގައި ބްރަޒިލްއާ ކޮލަމްބިއާ ކުޅުނު މެޗަށް ފަހު ހިނަގައިދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން --- ފޮޓޯ ރޮއިޓަސް
މެޗަށް ފަހު ވާހަކަ ދައްކަމުން ބްރަޒިލްގެ ކޯޗް ކާލޯސް ޑުންގާ ވަނީ ރެފްރީގެ ނިންމުންތަކާމެދު ހިތް ހަމަނުޖެހޭކަމަށް ބުނެފައެވެ.
"މެޗް ނިމުމުގެ ފަހުން އެ ހިނގީ ރަނގަޅު ކަންތައްތަކެއް ނޫން. އަހަރެން މިދައްކަނީ ރެފުރީގެ ނިންމުތަކުގެ ވާހަކަ. މެޗު ނިމުމަށްފަހު ހިނގާދިޔަ ކަންތައްތައް ރަނގަޅަށް ބަލައިފިނަމަ އޭގައި ރެެފްރީގެ މައްސަލަ ތަކެއްވެސް ހުރިކަން ފާހަގަ ވާނެ،" ޑުންގާ ބުންޏެވެ.
ޑުންގާ ބުނީ ލިބަޓޭޑާސް ކަޕްގައި ބްރަޒިލްގެ ކޮރިންތިއަންސްއާ ޕެރަގުއޭގެ ގުރާނީ ބައްދަލު ކުރި މެޗްގައިވެސް ރޭގެ މެޗްގައި ހިނަގައިދިޔަ ފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށާއި އެމެޗަށް އިންސާފު ކުރަމުން ދިޔަ އޮސެސްގެ ކޮރިއަންތިއަންސްގެ ދެކުޅުންތެރިޔަކު ދަނޑުން ފޮނުވާލާފައިވާ ކަމަށެވެ.
ވެނަޒުއޭލާ މެޗްގައި ނޭމާ ނުހިމެނޭއިރު ގޭމް ޕްލޭން ރާވާނީ ކިހިނެއްތޯ ސުވާލުކުރުމުން ޑުންގާ ބުނީ މީގެ ކުރިންވެސް ބްރަޒިލް ވާނީ ނޭމާ ނުލައި މެޗްތައް ކުޅެފައި ކަމަށާއި އެމެޗަށް ނިކުންނައިރުވެސް ނޭމާ ނުލައި ގޭމްޕްލޭން ރާވާނެ ކަމަށެވެ.
ބްރަޒިލްއާ ކޮލަމްބިއާއަށްވެސް އޮތީ ގުރޫޕް ސްޓޭޖުގައި ބާކީ އެއް މެޗެވެ.
ބްރަޒިލް ނިކުންނަން ޖެހޭނީ އެއް ވަނައިގައި އޮތް ވެނަޒުއޭލާއާ ދެކޮޅަށެވެ. ކޮލަމްބިއާ ނިކުންނަނީ ތާވަލްގެ އެންމެ ފުލުގައި އޮތް ޕެރޫއާ ދެކޮޅަށެވެ.
ކޮލަމްބިއާ ބްރަޒިލް އެންމެ ފަހުން ބައްދަލު ކުރީ މިދިޔަ އަހަރު ބްރަޒިލްގައި ބޭއްވި ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައެވެ. އެމެޗުން ބްރަޒިލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
ރޭ ގެ މެޗުން ކޮލަމްބިއާ މޮޅުވުމުން މިއީ އެޓީމުން މިދިޔަ 24 އަހަރު ތެރޭގައި ބްރަޒިލް އަތުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިންވެސް ކުރިން ބްރަޒިލް އަތުން ކޮލަމްބިއާ މޮޅުވެފައިވަނީ 1991 ވަނަ އަހަރު ޗިލީގައި ބޭއްވި ކޮޕާ އެމެރިކާ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗްގައެވެ. އެމެޗުން ކޮލަމިބާ މޮޅުވެފައިވަނީ 2-0 ގެ ނަތީޖައަކުންނެވެ.
ބްރަޒިލްއާ ކޮލަމްބިއާ މިހާތަނަށް ވަނީ 29 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 18 ފަހަރު ބްރަޒިލް ވަނީ މޮޅުވެފައެވެ. ކޮލަމްބިއާ މޮޅުވީ ތިން މެޗުންނެވެ. އަނެއް އަށް މެޗް ނިމުނީ އެއްވަރުވެގެންނެވެ.